މިހާރުން މިހާރަށް ގާނޫނު އަސާސީ އާއި ގާނޫނުތަކަށް ރާއްޖޭގެ ހުރިހާ ފަނޑިޔާރުން ވަރަށް ބޮޑަށް އަހުލުވެރިވާން ޖެހޭ ކަމަށް ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަހުމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެ އެވެ.


ސުޕްރީމް ކޯޓުގެ ދެ ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ފަނޑިޔާރުންނާއި މުޅި ޖުޑިޝަރީ ދާއިރާއާ މުހާތަބު ކުރައްވައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ވޭތުވެ ދިޔަ ދެ އަހަރެއްހާ ދުވަހަކީ ނުވަތަ ރާއްޖޭގައި މިހާރު ހިނގަމުން މިދާ މޫސުމަކީ ރާއްޖޭގައި އާދާޔާ ހިލާފަށް ގިނަ އަދަދެއްގެ ގާނޫނުތަކެއް ހެދި ފާސްވަމުން އަންނަ ދުވަސްވަރެއް ކަމަށާއި ގާނޫނު އަސާސީ އާއި އެ ނޫން ކޮންމެ ގާނޫނަކީ ފަނޑިޔާރުންނާ ގުޅުން ހުރި، އެ ބޭފުޅުން ވަރަށް ބޮޑަށް އަހުލުވެރިވާން ޖެހޭ ގާނޫނެއް ކަމަށެވެ.


"ކޮންމެ ގާނޫނަކީ ފަނޑިޔާރުންނާ ގުޅުން ހުރި ގާނޫނެއް. ފާނޑިޔާރުން ކުރައްވާ މަސައްކަތަކީ ގާނޫނުތަކާއި ގަވައިދުތަކަށް ކުރަން ޖެހޭ މަސައްކަތް. ގާނޫނު ތަރުޖަމާ ކުރުމާއި ގަވައިދު ތަރުޖަމާކުރުމަކީ އެ ބޭފުޅުން (ފަނޑިޔާރުން) ކޮންމެ ދުވަހަކު ކުރައްވަން ޖެހޭ ކަމެއް. ވީމާ ފަނޑިޔާރުން ގާނޫނު އަސާސީ އަށާއި ގާނޫނުތަކަށް އަހުލުވެރިވުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. 


އަލްއުސްތާޒު އަހުމަދު ފާއިޒު ހުސައިން ވިދާޅުވީ ގާނޫނުތަކަށް ފަނޑިޔާރުން އަހުލުވެރި ކުރުވުމަކީ މިހާރު ވެސް ކޮންމެވެސް މިންވަރެއްގައި ހިނގަމުން އަންނަ ކަމެއް ކަމަށާއި އެ ގޮތުން ޔޫއެންޑީޕީގެ އެހީގައި "އެކްސެސް ޓު ޖަސްޓިސް (އަދުލު އިންސާފަށް ވާސިލުވުން" އެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ފެށިފައިވާ ކަމަށެވެ.


"އެ ޕްރޮގްރާމުގައި ގާނޫނު އަސާސީގެ އަސާސީ ހައްގުތަކާ ބެހޭ ބާބަށް ފަނޑިޔާރުން އަހުލުވެރި ކުރުވައި އެ ބާބުގެ މާއްދާތަކުގެ މަފުހޫމްތަކަށް ފަނޑިޔާރުން އަހުލުވެރި ކުރުމުގެ މަސައްކަތް ދަނީ ހިނގަމުން. އޭގެ އެއް ބެޗް  މިހާރު ނިމިއްޖެ،"


އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދާދިއަވަހަށް އެފަދަ ދެ ވަނަ ބައެއް ފައްޓަވާނެ ކަމަށާއި ފިޔަވަހިތަކަށް ބަހާލައިގެން ރާއްޖޭގައި ފާސް ކުރެވޭ ހުރިހާ ގާނޫނަކަށް ފަނޑިޔާރުން އަހުލުވެރި ކުރުވަން ކުރަން ޖެހޭ މަސައްކަތް ކުރައްވާނެ ކަމަށެވެ. 


އުއްތަމަ ފަނޑިޔާރު ވިދާޅުވީ ރާއްޖޭގައި ކުރެވޭ ޝަރީއަތްތަކަކީ ދުނިޔޭގެ އެހެން ގައުމުތަކާ ގުޅިލާމެހިފައިވާ ކަންކަން ކަމަށާއި ހާއްސަކޮށް ރާއްޖެ އިން ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި ވިޔަފާރީގެ ބޮޑެތި އިންވެސްޓްމަންޓްތައް ކުރާއިރު ރާއްޖޭގައި ކުރެވޭ ޝަރީއަތްތަކާއި ޖުޑިޝަރީ ބައްޓަން ވާންޖެހެނީ އެހެންވެސް ޑިމޮކްރެޓިކް ގައުމުތަކާ އެއްފެންވަރުގައި ކަމަށެވެ.


ސުޕްރީމް ކޯޓަށް ދެ އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި، އިންތިގާލީ ސުޕްރީމް ކޯޓު ދާއިމީ ސުޕްރީމް ކޯޓަކަށް ބަދަލުވި އިރު، ސުޕްރީމް ކޯޓުން ވަކިވެވަޑައިގެންނެވި ފަނޑިޔާރުންނަށް ހަނދާނީ ފިލާ ދެއްވުން ވެސް އޮތެވެ. އެގޮތުން އަލްއުސްތާޒު މުޖުތާޒު ފަހުމީ އަށް ވަނީ ހަނދާނީ ފިލާ ދެއްވައިފަ އެވެ. ދެން ވަކިވެ ވަޑައިގެންނެވި ފަނޑިޔާރު ޔޫސުފު ހުސައިން ޖަލްސާއަށް ވަޑައެއް ނުގަންނަވަ އެވެ. މި ޖަލްސާގައި ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓު ހިނގަމުން އައި ގޮތުގެ ވީޑީއޯ ޕްރެޒެންޓޭޝަނެއް ހުށަހަޅައި ދިނުން ވެސް އޮތެވެ.