ހަށިގަނޑުގައި ފޮރުވައިގެން ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދިވެއްސަކު ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ މިމަހުގެ ހަތަރު ވަނަ ދުވަހު އެމިރޭޓްސް ފްލައިޓަކުން ސްރީލަންކާގެ ކޮލަންބޯ މަގުން ރާއްޖެ އައި އުމުރުން 23 އަހަރުގެ ދިވެއްސަކު އަތުލައިގެންފައިވަނީ އެމީހާ އުޅުން ހުރި ގޮތުން އޭނާއާ މެދު ޝައްކުކުރެވިގެން ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށާއި އޭނާ ގެނައި މަސްތުވާތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެގޮތުން އެމީހާގެ ހަށިގަނޑު ބަލާ ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ރައްކާކޮށްފައިވާ ޕެލެޓެއް އެމީހާގެ ފުރަގަސްފަރާތުގައި (ހަށިގަނޑުގެ ބޭރުފުށުގައި) ފޮރުވާފައިވަނިކޮށް ފެނިފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން ބުނީ މާސްކިން ޓޭޕް އޮޅާފައި ގާތްގަނޑަކަށް ދިގު މިނުގައި 5 އިންޗި ހުރި އެ ޕެލެޓްގައި ހުރި ތަކެތި ކަސްޓަމްސް އިން ޓެސްޓްކުރި އިރު އެތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ހެރޮއިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެތަކެތީގެ ބަރުދަނުގައި ޕެކިންނާ އެކު 185 ގްރާމް ހުރި ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.