ޓްރާންސްޕޯޓް މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށް މިދިޔަ ހަފްތާތެރޭ މިނިސްޓަރު ކަމުން ވަކިކުރެއްވި ޑރ. އަހުމަދު ޝަމްހީދު އަލުން މިނިސްޓަރަކަށް އައްޔަން ކޮށްދެއްވުމަށް އޭނާ ނިސްބަތްވާ ޖުމްހޫރީ ޕާޓީން ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވައިފި އެވެ.

ޝަމްހީދު ނިސްބަތްވާ ޕާޓީ، ޖުމްހޫރީ ޕާޓީން މިއަދު ވީޓީވީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީން ކައުންސިލް މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވީ ޝަމްހީދު ކުރިންވެސް ހުންނެވި މަގާމަށް އާދިއްތަ ދުވަހުގެ ކުރިން ހަމަޖައްސައިދިނުމަށް އެދި އެ ޕާޓީން ރައީސްއަށް މިއަދު ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ. އަދި ޝަމްހީދުވެސް އެ ނިންމުން ގަބޫލުކުރައްވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"ޖުމްހޫރީ ޕާޓީން މިއަދު މި ނިންމި ގޮތަކީ ޑރ ޝަމްހީދު އަލުން އަނބުރާ އަންނަ އާދީއްތަ ދުވަހުގެ ކުރިން ކެބިނެޓްގެ އެ މަގާމަށް އަށްޔަން ކޮށްދެއްވުމަށް އެދި މިއަދު އަޅުގަނޑުމެންވާނީ ރައީސުލް ޖުމްހޫރީއްޔާއަށް ދަންނަވާފައި،" އަލްހާން ވިދާޅުވި އެވެ.

އަލްހާން ވިދާޅުވީ ޖުމްހޫރީ ޕާޓީން އަލުން ޝަމްހީދުގެ ނަން ފޮނުވަން ނިންމީ ރޭ ރައީސް ވަހީދާއި އެކު އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހިލާލީގޭގައި ބޭއްވި ބައްދަލުވުމުގައި ޝަމްހީދު ވަކިކުރަން ޖެހުނީ މާމިގިލީ އެއާޕޯޓްގެ ކަންތައް ވީގޮތް ރަނގަޅަށް އެގިވަޑައިގެން ނުގަންނަވާތީ ކަމަށް ރައީސް ގާސިމް އަރިހު ވިދާޅުވެފައިވާތީ ކަމަށެވެ.

"ރައީސް ވަހީދު ވިދާޅުވި މާމިގިލީ އެއާޕޯޓްގެ މައްސަލައިގައޭ ޝަމްހީދު ވަކިކުރެއްވީ. އެހެންވީމައި އެކަމުގައި ޝަމްހީދު ކޮރަޕްޝަނެއް ހިންގެވި ނަމަ އެކަން ބަލަން ޖެހޭ، ހާމަކުރަން ޖެހޭ. ނަމަވެސް ރޭވެސް ރައީސް ވަހީދު ވިދާޅެއްނުވޭ ގާނޫނާއި ގަވާއިދުން ބޭރުން ކޮބައިކަމެއް ޝަމްހީދު ކުރެއްވި ކަމަކީ އެކަމުގައި،" އަލްހާން ވިދާޅުވި އެވެ.

ޝަމްހީދުގެ ނަން ރައީސް ބަލައި ނުގެންފި ނަމަ ދެން ކަންތައް ކުރާނެ ގޮތް ނިންމާނީ އެ ޕާޓީގެ ކައުންސިލުން ކަމަށް އަލްހާން ވިދާޅުވި އެވެ. ނަމަވެސް ސަބަބެއް ބަޔާން ކުރުމެއް ނެތި މަގާމުން ވަކިކުރި ބޭފުޅަކަށް އަލުން އެ މަގާމު ދެއްވުމަށް އިއުތިރާސް ކުރާނަމަ ސަރުކާރަށް އެއްބާރުލުން ދޭން ދަތިވާނެ ކަމަށް އަލްހާން ވިދާޅުވި އެވެ.

ޝަމްހީދު މަގާމުން ވަކިކުރެއްވުމާއި އެކު ރައީސް ވަނީ ކެބިނެޓްގެ އެ މަގާމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ބޭފުޅެއް ހަމަޖެއްސުމަށް ފުރުސަތު ދެއްވައިފަ އެވެ. ޝަމްހީދު ވިދާޅުވެފައިވަނީ އޭނާ މަގާމުން ވަކިކުރީ ރައީސް އާ ވަރަށް ބޮޑަށް ބައެއް ބޮޑެތި މައްސަލަތަކުގައި ހިޔާލުތަފާތުވެގެން ކަމަށެވެ.