ކ. އާރަށް ކައިރީގައި އޮތް ދޯންޏެއްގައި ރޯވެ، ތިން މީހަކު ވަރަށް ބޮޑަށް ފިހިގެން މާލެ ގެނެސް ފަރުވާދޭން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފު މިއަދު ވިދާޅުވީ މިއަދު ހަވީރު 4:50 އެހާކަންހާއިރު ހިނގި އެހާދިސާގައި ރޯވެފައި ވަނީ "އެންދެރި3" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއްގައި ކަމަށާއި އެހާދިސާގައި ރޯވެފައިވަނީ އެވަގުތު އެދޯނީގައި ތިބި ދެ ދިވެހިންނާއި ބިދޭސީއެއްގެ ގައިގައި ކަމަށެވެ.

"އެ ތިން މީހުންގެ ވެސް އަތާއި ފަޔާއި ވަނީ ފިހިފައި، އޭގެތެރެއިން އެއް ދިވެއްސެއް ވަރަށް ބޮޑަށް އޮތީ ފިހިފައި،" ހަނީފު ވިދާޅުވި އެވެ.

އަލިފާނުގެ ހާދިސާގައި ފިހުނު ތިން މީހުން މާލެ ގެނެސްފައިވަނީ އެސަރަހައްދުން ދިޔަ ކަންނެލި ދޯންޏެއްގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެދޯނީގައި ކޮންމެވެސް ވަރަކަށް މުދާ ވެސް ހުރި ކަމަށާއި ދޯނީގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފާއި ފުލުހުން ގުޅިގެން މިހާރު ނިއްވާލާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އެ ހާދިސާ ހިނގަން ދިމާވި ސަބަބެއް އަދި ނޭންގެ އެވެ.

އައިޖީއެމްއެޗްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ތިން މީހުންގެ ތެރެއިން އެކަކީ 16 އަހަރުގެ ކުއްޖެއް ކަމަށާއި އަނެއް ދެ މީހުންނަކީ 29 އަހަރުގެ ދެ މީހުން ކަމަށެވެ.

އެ ތިން މީހުންގެ ތެރެއިން 16 އަހަރުގެ ކުއްޖާގެ ގައިގެ ނުވަ ޕަސެންޓް ފިހިފައިވާއިރު 29 އަހަރުގެ ދިވެހި މީހާގެ ހަށިގަނޑުގެ ގާތްގަނޑަކަށް 50 ޕަސެންޓް ފިހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ބިދޭސީ މީހާއަށް ފަރުވާދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.