ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެމްޓީސީސީން މާލޭގައި ހިންގާ ރެންޓަލް ސެކްޝަން ހުއްޓާލައި އެ ތަން ހިންގަމުން އަންނަ ބިން އެހެން ބޭނުންތަކަކަށް ބޭނުންކުރާ ގޮތަށް އެ ކުންފުނިން ނިންމައިފި އެވެ.

އެމްޓީސީސީގެ ކޮމްޕެނީ ސެކްރެޓަރީ ޝީރީން ރަޝީދު މިދިޔަ ހަފްތާ ސަން އޮންލައިނަށް ވިދާޅުވީ ކޮންސްޓްރަކްޝަން ދާއިރާ އަށް ބޭނުންވާ ސާމާނު ކުއްޔަށް ދޫކުރުން ހުއްޓާލަން އެ ކުންފުނިން ނިންމީ ކުއްޔަށް ދޫކުރާ ގިނަ ސާމާނުތައް ބާވެފައި ވުމާއި މާލޭގައި އެފަދަ ތަކެތި ކުއްޔަށް ދޫކުރާ ގިނަ ކުންފުނިތަކެއް ހުރުމުން ކަމަށެވެ.

"އޭގެ ބަދަލުގައި އަޅުގަނޑުމެންނަށް އެ ބިން އެއަށް ވުރެ ރަނގަޅު ބޭނުންތަކަކަށް ބޭނުންކުރެވޭތޯ ބެލުން މީގައި އަޅުގަނޑުމެން ނިންމީ. މާލޭގެ ސެކްޝަން ހުއްޓާލި ނަމަވެސް ކުރިން ކުއްޔަށް ދޫކޮށްފައި ހުރި ތަކެތި ބަލައި ގަތުމާއި އަތޮޅުތަކުގައި ބައެއް އެފަދަ މަސައްކަތްތައް ދާނެ،" ޝީރީން ވިދާޅުވި އެވެ.

އެ ކުންފުނީގެ ރެންޓަލްސްގެ ގޮތުގައި ބޭނުންކުރަނީ ބުރުޒުމަގު ޓީވީ މޯލްޑިވްސް ކައިރީގައި ހުންނަ ބިމެކެވެ. ޝީރީން ވިދާޅުވީ އެތަން އުވާލި ކަމުގައިވިޔަސް އެތަނުގައި ތިބި މުވައްޒަފުން އެ ކުންފުނީގެ އެހެން ޑިޕާޓްމަންޓްތަކަށް ބަދަލުކުރާނެ ކަމަށާއި އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަކިކުރަން ހަމަޖެހިފައި ނެތް ކަމަށެވެ.

"އެމްޓީސީސީން އަބަދު ބޭނުންވާނެ މުވައްޒަފުންނަށް. އެހެންވެ އެ މުވައްޒަފުން އެއް ޑިޕާޓްމަންޓުން އަނެއް ޑިޕާޓްމަންޓަށް ބަދަލުކުރެވޭނެ،" ޝީރީން ވިދާޅުވި އެވެ.

އެ ކުންފުނިން މިހާރު ވެސް ބާޒާރުމަތީ، ބޮޑުތަކުރުފާނު މަގުގައި ހުންނަ އެ ކުންފުނީގެ ހެޑް އޮފީހާއި ވިލިގިލީ ޓާމިނަލް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.