13 Nov 2012, 16:34
އިނގިރޭސިވިލާތުގެ އުމުރުން 71 އަހަރުގެ މުސްކުޅިއަކަށް ހަމަލާދިން މީހަކު އޭނާ އަތުން ބަލިވެއްޖެ އެވެ.
އިސްކޮޅުގައި ހަފޫޓް ހަތަރު އިންޗި ހުންނަ އުމުރުން 34 އަހަރުގެ މާކް ޕެއާސް، ހަމަލާދިނީ ކުރީން ސިފައިންގެ މީހެއްގެ ގޮތުގައި އުޅެފައި ހުރި އަދި، ބޮކްސިން ތެޅުން ތެރިއެއް ކަމަށްވާ އުމުރުން 71 އަހަރުގެ ޖޯން ކޯކްލޭއަށެވެ. އެ ހާދިސާ ހިނގީ ކޯކްލޭގެ އަވަށްޓެރިއެއްގެ ގެއަށް މާކް ވަދެ ހަމަނުޖެހުން ހިންގަނިކޮށް އެކަން ހުއްޓުވަން ވާހަކަ ދެއްކުމަށް ކޯކްލޭ ދިއުމުންނެވެ.
ކޯކްލޭގެ މޫނުމަތީގައި މާކް ދެ ފަހަރު ޖެހުމުން ދިފާއުގައި އޭނާ ދިން ދެ ހަމަލާއިން މާކް ބިންމަތިކޮށްލި ކަމަށާއި އެއަށް ފަހު ފުލުހުން އަންނަންދެން މާކް އޮތް ކަމަށް އިނގިރޭސިވިލާތުގެ ޑެއިލީމެއިލް އިން ބުންޏެވެ. އެ ނޫހުގައި ވާގޮތުން ކޯކްލޭ ދިން ހަމަލާގައި މާކްގެ ކޮނޑުހުޅުން ވަނީ ނެއްޓިފަ އެވެ.
ޝަރީއަތުގެ އަޑު އެހުމުގައި މާކް ބުނެފައި ވަނީ އޭނާ ކޯކްލޭގެ ލޭ ނުއޮހޮރުވާ ކަމަށާއި ކުރިން ހަމަލާ ދިނީ ކޯކްލޭ ކަމަށެވެ. އަދި އޭނާ ހަމަލާ ދިނީ އަމިއްލަ ނަފުސުގެ ދިފާއުގައި ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް މާކްގެ މައްޗަށް ކުށް ސާބިތުވެ، އޭނާ ހަ މަސް ދުވަހަށް ޖަލަށް ލުމަށާއި 175 ޕައުންޑުން ޖޫރިމަނާ ކުރުމަށް ކޯޓުން ހުކުމް ކުރިއެވެ.
އިނގިރޭސި ސިފައިންގެ މީހެއްގެ ގޮތުގައި 1957 އިން ފެށިގެން 1968 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ އެކި ގައުމުތަކުގައި މަސައްކަތްކޮށްފައިވާ ކޯކްލޭ ވަނީ ޝަރީއަތަށް ފަހު ހާދިސާ ވަރަށް ތަފުސީލުކޮށް ނޫސްވެރިންނަށް ކިޔައިދީފަ އެވެ.
އޭނާ ބުނެފައިވާ ގޮތުގައި ރޭގަނޑު ގާތްގަނޑަކަށް 10 ޖަހާކަށް ހާއިރު ގޭގައި ޓީވީ ބަލަން އިންދާ ބޭރުން ވަރަށް ބާރަށް ހަޅޭއްލަވާ އަޑު އިވުނެވެ. އަޑުއިވެނީ އޭނާގެ އަވަށްޓެރިއެއްގެ ގެއިންކަން އެނގުމުން، ވެގެން އުޅޭ ގޮތް ބަލަން ދިޔަކަމަށާއި ދިޔައިރު އޭނާގެ އަވަށްޓެރިއާ، ގޭގެ ދޮރުމަތީގައި ހުރި ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
"އަހަރެންގެ އެކުވެރިޔާ އޭނާގެ ގޭގެ ދޮރުމަތީ ހުރި، އަދި އަހަރެން ކުރިން ނުދަންނަ މިމީހާ 12 ވަރަކަށް ފޫޓް ދުރުގައި ހުރެގެން ހަޅޭއްލަވަމުން ދިޔަ، މިކަމުގައި ބައިވެރިވާން ބޭނުންހޭ ކިޔައި ހަޅޭއްލަވަމުން އަތްމަޅާފައި މީނާ އަހަރެންނާ ދިމާ އަށް އައި، އަހަރެން ބުނިން އަހަރެން ބައިވެރިވާކަށް ބޭނުމެއް ނޫނޭ. ބޭނުން ވަނީ ސުލްހަވެރިކަމާއި ހަމަހިމޭންކަމޭ،" ކޯކްލޭ ބުނިކަމަށް ޑެއިލީމެއިލްގައިވެ އެވެ.
އޭނާ ބުނެފައިވާ ގޮތުގައި އެހިސާބަށް ބުނާއިރަށް މާކް އޭނާގެ މޫނުމަތީ ވަރަށް ބާރަށް ޖެހި އެވެ. އަދި އެއަށް ފަހު އެފަދަ އިތުރު ހަމަލާއެއް ބޭނުންތޯ އެހި ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
"އަހަރެން ބުނިން ނޫނެކޭ، އަހަރެން ގުޅާނީ ފުލުހުންނަށޭ، އެހިސާބުން އޭނާ އަނެއްކާ އަހަރެންގައިގައި ޖެހި، ދެން އަހަރެން ހިތަށް އެރި ފުދިއްޖޭ. އަދި އަހަރެން އޭނާގެ ގައިގާ ޖެހިން. އޭނާ ވެއްޓުމުން ތެދުވެގެން އަނެއްކާ ވެސް އަހަރެންނާ ދިމާއަށް ދުއްވައިގަތުމުން އަހަރެން އަރިމަތިން އޭނާއަށް ހަމަލާދިނިން،" ކޯކްލޭ ކިޔައިދީފައިވެ އެވެ.
އޭނާގެ ދެވަނަ ހަމަލާ އަށް ފަހު ފުލުހުން އަންނަންދެން ވެސް މާކް އޮތީ ނުތެދުވެވިފަ އެވެ. ކޯކްލޭ ބުނެފައިވާ ގޮތުގައި އޭނާ ހުރީ ފައިވާނަކަށް އަރައިގެން އައިނު އަޅައިގެން ކަމަށާއި ތަޅާފޮޅުމަށް އެކަށީގެންވާ ހެދުމެއްގައި ވެސް ނޫން ކަމަށެވެ.
"ތަޅާފޮޅުމަކީ އެންމެ ފަހު ކަމަކަށް ހަދަން އަހަރެން ބޭނުންވީ، އަހަރެން (ބޮކްސިން) ރިންގަކަށް ނާރާތާ އަހަރުތަކެއް ވެއްޖެ، އޭނާއަކީ އިސްކޮޅުގައި ހަފޫޓް ހަތަރު އިންޗި ހުރި ޒުވާނެއް،" ކޯކްލޭ ބުނި ކަމަށް ނޫހުގައިވެ އެވެ.
މާކްގެ ހަމަލާގައި ކޯކްލޭގެ މާކްގެ އައިނު ހަލާކުވެ، އޭނާގެ ބޮލުން ތަންކޮޅެއް ފަޅައިގެން ދިޔަ އެވެ. އެކަމަށް ފަރުވާކުރުމަށް އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު މާކްގެ ކޮނޑުހުޅުން ނެއްޓިފައި ވާތީ އޭނާ ވެސް ހޮސްޕިޓަލަށް ގެންދިއަ އެވެ.
ކޯކްލޭ ބުނާ ގޮތުގައި އޭނާގެ އުމުރުގެ މީހުންނާ އަޅާ ބަލާ އިރު އޭނާ އަދި ވެސް ވަރަށް ސިއްހަތު ރަނގަޅެވެ.
"އަހަރެން މީ ކުޑަކުޑަ މީހަކަށް ވެދާނެ، އެކަމަކު އަހަރެންގެ އުމުރާ ބަލާ އިރު އަހަރެން ވަރަށް ފިޓް ކަމަށް ބުނެވިދާނެ. އަހަރެން ވަރަށް ވަރުގަދައޭ، އޭނާ އަކަށް ނޭނގޭ އަހަރެން މީ ކާކު ކަމެއް،" ކޯކްލޭ ބުނެފައިވެ އެވެ.