ރައްޔިތުންގެ މަޖިލީހަށް ފަނޑިޔާރުން ހާޒިރު ކުރުމުގެ އުސޫލު ކަނޑައެޅުމަށް ޓަކައި އުއްތަމަ ފަނޑިޔާރާ އަހުމަދު ފާއިޒް ހުސައިންއާ އެކު މަޝްވަރާއަކަށް ދިއުމަށް މަޖިލީހުގައި ހިމެނޭ ޕާޓީތަކުން އެއްބަސްވެއްޖެ އެވެ.

މަޖިލީހާ އެކު މަޝްވަރާއަކަށް ދިއުމަށް އުއްތަމަފަނޑިޔާރު އެދިވަޑައިގެންފައި ވަނިކޮށް، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުން އުއްތަމަފަނޑިޔާރާ އެކު މަޝްވަރާއަށް ދިއުމަށް އެއްބަސްވީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާ އެކު ޕާޓީތަކުން ބޭއްވި ބައްދަލުވުމެއްގަ އެވެ.

މަޖިލީހުގެ އިދާރާ އިން ބުނީ ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްތަކުގެ ލީޑަރުންނާއެކު ބޭއްވި ބާއްދަލުވުމުގައި ފަނޑިޔާރުން ހާޒިރު ކުރުމާ ގުޅޭ ގޮތުން އެދުނު އުސޫލެއް ކަނޑައެޅުމަށް އުއްތަމަފަނޑިޔާރު އެދިވަޑައިގެންފައި ވާތީ އެކަމަށް މަރުހަބާ ކިޔާފައިވާ ކަމަށެވެ.

މިބައްދަލުވުމުގައި ޕާޓީތަކުގެ ލީޑަރުންދެއްކެވި ވާހަކަފުޅުގައި މަޖިލީހުގެ ބައެއް ކޮމިޓީތަކަށް ކުރިން ވެސް ފަނޑިޔާރުން ހާޒިރުވެ ވަޑައިގެންފައިވާ ކަމަށާއި ފަނޑިޔާރުންގެ ފަރާތުން ކޮމިޓީތަކަށް އެއްބާރުލުން ލިބިފައިވާ ކަމުގައި ވިދާޅުވެފައިވެ އެވެ.

ފަނޑިޔާރުން ކޮމިޓީތަކަށް ވަޑައިގެން ކަމުގައި ވިޔަސް އެބޭފުޅުންގެ ޖުޑިޝަލް ފަންކްޝަން ނުވަތަ ބައްލަވަމުން ގެންދަވާ މައްސަލަތަކާ ގުޅޭގޮތުން، ނުވަތަ ކުރައްވާ ހުކުމާ ގުޅޭ ގޮތުން މީގެ ކުރިން ވެސް މެންބަރުން ސުވާލު ކުރައްވާފައިނުވާ ކަމަށް ލީޑަރުން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ފަނޑިޔާރުން ޙާޒިރުވެވަޑައިގަތުމާބެހޭ ގޮތުން ލިޔެވިފައިވާ އުސޫލުތަކެއް އޮތުމަކީ މުހިންމު ކަމެއްކަމުގައި ވެސް ޕާޓީތަކުގެ ލީޑަރުން ފާހަގަކުރައްވާފައިވާ ކަމަށް މަޖިލީހުގެ އިދާރާ އިން ބުންޏެވެ.

ފަނޑިޔާރުން ކޮމެޓީ އަށް ހާޒިރު ކުރުމުގެ އުސޫލެއް ކަނޑައެޅުމަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ޖިނާއީ މައްސަލަ ބައްލަވާ ހުޅުމާލޭ ކޯޓްގެ ތިން ފަނޑިޔާރުން މަޖިލީހަށް ހާޒިރު ކުރުމަށް ކޮމެޓީއަކުން "އަމުރެއް" ނެރުމުންނެވެ. ހުޅުމާލޭ ކޯޓްގެ ތިން ފަނޑިޔާރުން ކޮމެޓީ އަށް ހާޒިރު ކުރުމަށް ތިން ފަހަރަށް އެދިގެން ވެސް ފަނޑިޔާރުން ކޮމެޓީއަކަށް ހާޒިރުވެވަޑައެއް ނުގަންނަވަ އެވެ.

މިދިޔަ މަހުގެ 31ގައި އުއްތަމަ ފަނޑިޔާރު މަޖިލީހުގެ ރައީސަށް ފޮނުއްވެވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ މަޖިލީހުގެ މަސައްކަތާ ގުޅިގެން ޝަރުއީ ދާއިރާގެ އެއްވެސް ފަރާތެއް މަޖިލީހަށް ހާޒިރު ކުރަން ޖެހިއްޖެ ނަމަ އެކަން ކުރާނެ އެންމެ ރަނގަޅު އުސޫލެއް ކަނޑައެޅުމަށް މަޝްވަރާ ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މަޖިލީހުން ބަލަމުންދާ ކަމަކާ ގުޅިގެން ޖުޑީޝަރީއާ ގުޅުން ހުރި މައުލޫމާތު ނުވަތަ ފަނޑިޔާރުންނާ ބެހޭ މައުލޫމާތު މަޖިލީހަށް ބޭނުންވާ ނަމަ ޖޭއެސްސީ ނޫންނަމަ ޖުޑީޝަރީގެ އިސް ފަރާތްތަކާއި މުއާމަލާތް ކުރައްވައިގެން ހޯދުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އުއްތަމަ ފަނޑިޔާރުގެ ސިޓީގައި ވަނީ ވިދާޅުވެފަ އެވެ.