ށ. މިލަންދޫ ސްކޫލްގައި ހިސާބު މާއްދާ ކިޔަވައި ދެއްވާ އިންޑިއާގެ ޓިޗަރަކު އޮފީސް ތެރޭގައި މަރުވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.

މިލަންދޫ ސްކޫލްގެ ޕްރިންސިޕަލް އަބްދުލްހަލީމް މުހައްމަދު ވިދާޅުވީ އެ ސްކޫލްގައި ހިސާބު މާއްދާ ކިޔަވައި ދެއްވަން އުޅުއްވި 38 އަހަރުގެ އިންޑިއާގެ ފިރިހެން ޓިޗަރު މަރުވެފައި އޮއްވައި ފެނުނީ މިއަދު ހެނދުނު އަށެއްޖަހާ އެހާކަންހާއިރު ސުޕަވައިޒަރު ރޫމްތެރޭގައި ހުންނަ އޭނާގެ ގޮނޑި ކައިރި އަށް ވެއްޓިފައި ވަނިކޮށް ކަމަށެވެ. އަދި އޭނާ މަރުވެފައި އޮއްވައި ފެނުނީ އެ ރޫމަށް ވަތް އެހެން ޓިޗަރަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ޕްރިންސިޕަލް ވިދާޅުވީ ސެމީ ނަމަކަށް ކިޔާ އިންޑިޔާގެ އެ ޓީޗަރަކީ އެ ސްކޫލްގައި ކިޔަވައި ދެއްވަމުން އަންނަތާ 12 އަހަރުވެފައިވާ ޓީޗަރެއް ކަމަށާއި އަދި އޭނާ އަކީ ސްކޫލްގެ ލީޑިން ޓިޗަރެއް ކަމަށެވެ.

"މިއަދު ހެނދުނު ދެން ހުރިހާ ސްޓާފުން އަޅުގަނޑުމެން ސްކޫލަށް އަށެއް ޖަހާ އިރަށް ޑިއުޓީ އަށް ނިކުތްގަޑީގައި މިފެނުނީ އެ ބޭފުޅާގެ ރޫމްތެރޭގައި އެ ބޭފުޅާގެ ގޮނޑި ކާރީގައި ތަޅުން މައްޗަށް ވެއްޓިފައި އޮއްވައި. އަދި ފެނުނީ ވެސް ސްކޫލްގެ ލީޑިން ޓީޗަރަކަށް،" ހަލީމް ވިދާޅުވި އެވެ.

ޑޮކްޓަރުންނާ ހަވާލާ ދެއްވައި ހަލީމް ވިދާޅުވީ ހަށިގަނޑުގެ ބޭރުފުށުން އޭނާ އަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި އަދި އެ ޓީޗަރު މަރުވެފައި ވަނީ ގުދުރަތީ މަރަކުން ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.

"ހަށިގަނޑުގެ އެއްވެސް ގުނަވަނަކަށް އެއްވެސް ގެއްލުމެއް އަދި އިންޖަރީއެއް ވެސް ލިބިފައި ނުވާ ކަމަށް ޑޮކްޓަރުން ވިދާޅުވީ. އަދި ޓިޗަރު މަރުވެފައި ވަނީ ވެސް ގުދުރަތީ މަރަކުން ކަމަށް ޑޮކްޓަރު ވިދާޅުވި." ހަލީމް ވިދާޅުވި އެވެ.

އިންޑިއާ ޓީޗަރުގެ މަރާ ގުޅިގެން ޕޮލިސް މީޑިއާ އޮފިޝަލް ވިދާޅުވީ އެކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އަދި އެ ޓީޗަރު މަރުވެފައި ވަނީ ގުދުރަތީ މަރަކުން ކަމަށް އޭނާ ބެލި ޑޮކްޓަރުންް ބުނެފައިވާ ކަމަށެވެ.

ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވީ އޭނާ މަރުވިކަން އެނގުމާއެކީގައި އެ ޓީޗަރުގެ އާއިލާ އަށް އެކަން އަންގާފައިވާ ކަމަށެވެ. އަދި އޭނާ މިހާރު ވަނީ ހަނިމާދޫ މަގުން މާލެ ފޮނުވާފައިވާ ކަމަށެވެ. އަދި އެ ޓީޗަރު މަރުވުމާ ގުޅިގެން ސްކޫލްގެ މިއަދު ކިޔެވުން ވެސް ވަނީ ބަންދު ކޮށްފަ އެވެ.