ލ. ގަމުން ގޯތި ދޫނުކުރާތާ ގިނަ ދުވަސްތަކެއް ވުމުން އެރަށު ޒުވާނުންގެ ބަޔަކު ކައުންސިލް އިދާރާ ދޮށަށް އެއްވެ މިއަދު މުޒާހަރާކޮށްފި އެވެ.

އެ މުޒާހަރާގައި އިސްކޮށް އުޅުނު މުހައްމަދު އަދުހަމް ބުނީ ކައުންސިލް އިދާރާ ކުރިމަތީގައި މިއަދު މުޒާހަރާކޮށްފައި ވަނީ 1:30 އިން 2:30 އަށް ކަމަށާއި މުޒާހަރާ ކުރަން ޖެހުނީ އެރަށުން ގޯތި ދޫނުކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ ގޯތި ބޭނުންވާ މީހުންނަށް އެ މަގު ފަހިކޮށްދިނުމަށް ކަމަށެވެ.

އޭނާ ބުނީ ރަށުގެ ގިނަ ބަޔަކު ގޯތި ބޭނުންވިނަމަވެސް ކައުންސިލް އުފެދުނު ފަހުން މިހާތަނަށް އެއްގޮތަކަށް ވެސް ގޯއްޗަށް އިއުލާންކޮށްފައި ނުވާކަމަށެވެ. އަދި އޭގެ އިތުރަށް މީގެ 20 އަހަރު ކުރިން އެރަށުން ދޫކޮށްފައިވާ ބައެއް ގޯތިތައް މިހާތަނަށް އިމާރާތް ކުރަން ފަށާފައި ނުވާތީ އެކަން ހައްލު ކުރުމަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ޑިމާންޑްކޮށްފަ އެވެ.

"މާލޭގައި ތިބި މުއްސަނދި ފަރާތްތަކަށް މިރަށުން ގޯތި ދޫކޮށްފައި ވާތާ ފަސް އަހަރު ވެގެން ދިޔައިރު ވެސް ދިރިއުޅެން ފަށާފައި ނުވޭ. އަދި 20 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ގޯތިތައް ވެސް ނުހެދި މިރަށުގައި އެބަހުރި. ގޯއްޗަށް ބޭނުންވެފައިވާ ގިނަ ބަޔަކު މިރަށުގައި ތިބި އިރު މިހާތަނަށް ގޯއްޗަށް އިއުލާން ކޮށްފައެއް ނުވޭ،" އަދުހަމް ބުންޏެވެ.

މުޒާހަރާގައި ހަރަކާތްތެރިވި އިސް ފަރާތްތަކުން މިއަދު ކައުންސިލާއި ބައްދަލު ކުރުމުން އެކަމަށް އެދެވޭ ޖަވާބެެއް ކައުންސިލަރުން ދެއްވާފައިވާ ކަމަށާއި ނަމަވެސް ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ގޯތި ދޫކުރަން ނުފަށައިފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ގަމު ކައުންސިލްގެ ރައީސް ހުސެއިން މޫސާ މިއަދު ވިދާޅުވީ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި ބަޔަކު މިއަދު ކައުންސިލާއި ބައްދަލުކުރުމުން ގޯތި ދޫކުރުމުގެ ކަންތައް އޮތްގޮތް އެ މީހުންނަށް އޮޅުންފިލުވައި ދީފައިވާ ކަމަށެވެ.

ގޯތި ދޫކުރުމާ ބެހޭ ގޮތުން ކައުންސިލްގެ ފަރާތުން ލޭންޑު އެންޑް ސާވޭ ރިޕޯޓް ކަމާބެހޭ ފަރާތްތަކަށް އޮތޯރިޓީ އަށް މިހާރު ހުށަހަޅާފައިވާ ކަމަށާއި ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި އެ ހުއްދަ ލިބި ގޯތި ދޫކުރެވެން ފެށޭނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ލޭންޑު އެންޑް ސާވޭ އޮތޯރިޓީއަށް އަޅުގަނޑުމެން ވާނީ ރިޕޯޓް ހުށަހަޅާފައި. އަޅުގަނޑަށް ހީވަނީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ހުއްދަ ލިބޭނެ ކަމަށް. އެ ހުއްދަ ލިބުނުހާ އަވަހަކަށް އަޅުގަނޑުމެން ގޯއްޗަށް އިއުލާން ކުރާނަން،" ހުސެއިން ބުންޏެވެ.