18:52


ޑީއާރްޕީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން އިސްނަންގަވައިގެން މިރޭ ބާއްވަން އުޅުނު މުޒާހަރާ ވިއްސާރަ ވުމުގެ ސަބަބުން ބުރާސްފަތި ދުވަހަށް އަނެއްކާ ވެސް ފަސްކޮށްފި އެވެ.


ޑީއާރްޕީގެ ނައިބު ލީޑަރު އުމަރު ނަސީރު މިއަދު ވިދާޅުވީ ސަރުކާރުން ދައުލަތުގެ ހަރުމުދާތައް ވިއްކުމާ ދެކޮޅަށް "ގަންނާނެއްބާ ސަރުކާރު" މި ނަމުގައި ޑީއާރްޕީން ބާއްވަން ހަމަޖެއްސި މުޒާހަރާ މިރޭ ވެސް ފަސްކުރަން ޖެހުނީ މޫސުން ތަންނުދިނުމުން ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ރޭ ވެސް ވާރޭވެހޭނެ ކަމަށް ބެލެވޭތީ މުޒާހަރާ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ ގޮތަށް މިހާރު ނިންމާފައިވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.


އެންމެ ބޮޑު އިދިކޮޅު ޕާޓީ ތެރޭ ޚިޔާލު ތަފާތުވެފައިވާ މި މުޒާހަރާ ބާއްވާކަން މިހާރު ހުރިހާ ފަރާތަކަށް އަންގާފައިވާނެ ކަމަށް އުމަރު ވިދާޅުވި އެވެ.


"ގަންނާނެއްބާ ސަރުކާރު" މި ނަމުގައި ޑީއާރްޕީން މުޒާހަރާއެއް ބާއްވަން އެންމެ ފުރަތަމަ ނިންމާފައިވަނީ ރޭގަ އެވެ. ރޭގެ މުޒާހަރާ މިރެއަށް ފަސްކުރީ ވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން ނެވެ. އެ މުޒާހަރާ އާޓިފިޝަލް ބީޗުގައި ބާއްވާނެ ކަމަށް ބުނެ އެސްއެމްއެސްތައް ފޮނުވަން ފެށީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.


ނަމަވެސް ޑީއާރްޕީގެ ސެކްރެޓޭރިއޭޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޑީއާރްޕީން މުޒާހަރާއެއް ބާއްވަން ނިންމާފައިނުވާ ކަމަށެވެ. އަދި މުޒާހަރާއެއް ޑީއާރްޕީން ބާއްވަނީ ކަމަށް ބުނެ ފޮނުވަމުން ދަނީ ދޮގު އެސްއެމްއެސްތަކެއް ކަމަށް ވެސް ބުނެފައިވެ އެވެ. ހަމަ އެއާ އެކު ޑީއާރްޕީގެ އާމީންއާއްމު އަބްދުއްރަޝީދު ނާފިޒު ވިދާޅުވެފައި ވަނީ މުޒާހަރާއެއް ކުރަން ޕާޓީގެ ކައުންސިލުން ނިންމާފައިނުވާނެ ކަމަށެވެ.


މުޒާހަރާ ފަސްކުރީ މިކަމާ ގުޅިގެން ޕާޓީގެ ސީނިއާ ލީޑަޝިޕްގެ ދެ ގްރޫޕެއްގެ މެދުގައި ބަހުގެ ހަމަލާތަކެއް އުފެދި، މުޒާހަރާއާ މެދު ގިނަ ބައެއްގެ ސަމާލުކަން އިތުރުވެފައި ވަނިކޮށެވެ.