ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރެފްރީޒް ޑައިރެކްޓަރުގެ މަގާމުގައި ހުރި މެލޭޝިއާގެ އާމިރު ޝަރަފުއްދީންގެ ކޮންޓްރެކްޓް ހަމަވެ، އޭނާ އެނބުރި ގައުމަށް ހިނގައްޖެ އެވެ.

ދެހާސް އަށް ވަނަ އަހަރު އެފްއޭއެމްގެ ރެފްރީޒް ޑައިރެކްޓަރުގެ މަގާމާ ހަވާލުވީ އާމިރު ޝަރަފުއްދީން ވަނީ މަގާމްގައި ހުންނެވި ދުވަސްވަރު ގިނަ ރެފްރީންތަކެއް އުފައްދައި ފީފާގެ ބެޖް ވެސް ބައެއް ރެފްރީންނަށް ދީފަ އެވެ.

ސީނިއާ ރެފްރީންނާ ވަރަށް ބޮޑު ހިޔާލުތަފާތުވުމެއް އޮތް އާމިރު އޭނާގެ ހަތަރު އަހަރުގެ ޓާމް ހަމަކޮށް ހުސްވި މަހު ފަހު ކޮޅު ފުރީ އިތުރަށް ރާއްޖޭގައި ހުރުމަށް ބޭނުން ނުވުމުންނެވެ.

"އަހަރެން މިހުރީ ރިޓަޔާ ކުރާ އޭޖަށް ވެސް ގޮސްފައި. އަހަރެން ގަބޫލު ކުރަން ރާއްޖޭގެ ރެފްރީންނަށް ގިނަ ހިދުމަތްތަކެއް ކޮށްދެވުނުކަމަށް. ޒުވާން ގިނަ ރެފްރީން އެތިބީ ފީފާ ބެޖް ވެސް ހޯދާފައި. ގާތްގަނޑަކަށް 500ހާ ރެފްރީން މުޅި ރާއްޖޭގައި ތަމްރީނުކުރެވުނު މިދިޔަ ހަތަރު ދުވަހުގެ ތެރޭގައި،" މެލޭޝިޔާގެ ކުރީގެ ރެފްރީ އަދި ރެފްރީޒް އިންސްޓަކްޓަރު އާމިރު ބުންޏެވެ.

އާމިރު މެލޭޝިޔާ އަށް ދިއުމުން އޭނާގެ ބަދަލުގައި އާ މީހަކު އެމަގާމަށް ހޯދުމުގެ މަސައްކަތް އެފްއޭއެމުން މިހާރު ވަނީ ފަށައިފަ އެވެ.