13 Nov 2012, 14:47
އެއްގަމު ދަތުރުފަތުރާ ގުޅޭގޮތުން މާލޭ ސިޓީ ކައުންސިލުން ކުރަންޖެހޭ ކަންތައްތައް ކުރުމުގައި އެ ކައުންސިލް ފެއިލްވެފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީގެ ލޭންޑް ވެހިކަލް ރަޖިސްޓްރާ އިބްރާހިމް ނާޒިމް ވިދާޅުވެއްޖެ އެވެ.
"އެއްގަމު ދަތުރު ފަތުރުގެ ހިދުމަތް ތަކުގައި ޓްރާންސްޕޯޓް އޮތޯރިޓީއަށް ދޭންޖެހޭ އެއްބާރުލުން ދިނުމާ މާލޭގެ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށް ދިނުމުގައި މާލޭ ސިޓީ ކައުންސިލް ވަނީ ފެއިލްވެފައި،" ނާޒިމް ސަން އޮންލައިންއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ އަމަލުތައް ހުންނަނީ ތަހުޒީބީ މުޖުތަމައެއްގައި އަމަލުތައް ހުންނަން ޖެހޭ ގޮތަކަށް ނޫން ކަމަށެވެ. އަދި ސިޓީ ކައުންސިލުން މައުލޫމާތުތައް ފަތުރަމުން ދަނީ މީހުންނަށް ހަގީގަތް އޮޅޭގޮތައް ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.
ނާޒިމް ވިދާޅުވީ ސްޓިކާ ޖެހުމުގެ މައްސަލަ އާއި ޕާކިންޒޯންތައް ހެދުމުގެ މައްސަލާގައި މާލޭ ސިޓީކައުންސިލާ އެކު މިއަހަރު ތެރޭވެސް ފަސް ފަހަރެއްގެ މަތިން ބައްދަލުކޮށް މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އަދި ސްޓިކާ ޖެހުމާއި ޕާކީންޒޯންތައް ހެދުމުގެ މައްސަލައިގައި މާލޭގެ މޭޔަރަށްވެސް އެކި ފަހަރުމަތިން ސިޓީ ފޮނުވާފައިވާނެ ކަމަށާއި ނަމަވެސް އެކަމަށް ޖަވާބެއް ލިބިފައި ނުވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މާލޭ ސިޓީކައުންސިލާއެކު ނުވައެއް ޖެނުއަރީ 2012 ގަ މިކަމާއި ބެހޭ ގޮތުން މަޝްވަރާ ކޮށްފައި އެބައޮތް. 10 ޖެނުއަރީ 2012 ގައި މަޝްވަރާ ކޮށްފައި އެބައޮތް. 11 އޮކްޓޫބަރު 2012 ގައި މަޝްވަރާ ކުރިން. 16 އޮކްޓޫބަރު 2012 ގައި މަޝްވަރާ ކުރިން. 18 އޮކްޓޫބަރު 2012 ގައި މަޝްވަރާކުރިން. ފަސް މަޝްވަރާ ބައްދަލުވުން ހަމައެކަނީ ސްޓިކާގެ މައްސަލާގައި ބޭއްވިން،" ނާޒިމް ވިދާޅުވި އެވެ.
ސްޓިކާ ޖެހުމާ ގުޅޭގޮތުން ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ގަވައިދާހިލާފަށް ޕާކްކޮށްފައި ހުންނަ ވެހިކަލްތަކުގައި ސްޓިކާ ޖަހާގޮތަށް ޓްރާންސްޕޯޓް އޮތޯރިޓީން ނިންމާފައި ވަނީ މާލޭ ސިޓީ ކައުންސިލް އާއި މަޝްވަރާނުކޮށް ކަމަށެވެ.