ރާއްޖޭގެ ގައުމީ ޔުނިވަސިޓީ، އެމްއެންޔޫއިން ފުރަތަމަ ފަހަރަށް ޕީއެޗްޑީ ފެންވަރަށް ކިޔަވައިދޭން ނިންމައިފި އެވެ.

އުގަންނައި ދިނުމުގެ ދާއިރާ އާއި ޝަރުއީ ދާއިރާއިން ޑޮކްޓާ އޮފް ފިލޯސަފީ (ޕީއެޗްޑީ)އަށް ތައުލީމް ހާސިލްކުރުމުގެ ފުރުސަތުތައް އެ ޔުނިވާސިޓީން ހުޅުވާލަން ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގަ އެވެ.

ޔުނިވަސިޓީ ވައިސް ޗާންސެލާ ފައްޔާޒު އަލި މަނިކު މިއަދު ވިދާޅުވީ އެ ދާއިރާތަކުން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލާއިރު އެ ކޯސްތަކުން ޖާގަ ލިބޭނީ ދެތިން ކުއްޖަކަށް ކަމަށެވެ.

"އަޅުގަނޑުމެން މިވަގުތު ކޯހަށް ހުޅުވާލާއިރު މާގިނަ ޖާގަތަކެއް ނޫން މިދެނީ. ގާތްގަނޑަކަށް ދެތިން ޖާގަ މިހުޅުވާލަނީ،" ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޯސްތައް ފަށާއިރު މިވަގުތު އަދި ތިބީ ދެތިން ސްޕަވައިޒަރެއް ކަމަށެވެ. އެއީ ދިވެހި ބޭފުޅުންނެވެ.

މިހާރު ވެސް ޔުނިވަސިޓީގައި ބައެއް ދާއިރާތަކުން ޑިގްރީ އާ ހަމައަށް ކިޔެވުމުގެ ފުރުސަތު އޮވެ އެވެ. އަދި ރާއްޖޭގެ ބައެއް ކޮލެޖްތަކުން ޑިގްރީ އާއި މާސްޓާސްއާ ހަމައަށް ހަމައަށް ތައުލީމު ހާސިލްކުރެވެ އެވެ. ޔުނިވަސިޓީން މިހާރު ނިންމާފައިވަނީ އަންނަ އަހަރުގެ ތެރޭގައި ޕޮލިޓިކަލް ސައިންސްވެސް ކިޔަވައިދިނުމަށެވެ.