13 Nov 2012, 13:40
ވަގުންގެ ކިބައިން ސަލާމަތްވުމުގެ ގޮތުން ފިހާރަތަކުގައި ފުރިހަމަ ކުރަންޖެހޭ ސަލާމަތީ ފިޔަވަޅުތަކާ ގުޅޭގޮތުން ފުލުހުންގެ ޓީމްތަކުން ފިހާރަތަކަށް މިއަދު ޒިޔާރަތްކޮށް މައުލޫމާތު ދޭން ފަށައިފި އެވެ.
މިއަދު ހެނދުނު 9:00 ޖެހީއިރު ފެށި ޕްރޮގްރާމްގައި ފުލުހުންގެ ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓްގެ ޓީމްތައް އަންނަނީ މާލޭގެ ހުޅަނގު އުތުރު ފަރާތް، އެއީ މަޖީދީ މަގު އުތުރުން ޗާންދަނީ މަގު ހުޅަނގުގައި ހުރި ފިހާރަތަކަށް ޒިޔާރަތްކުރަމުންނެވެ.
ފުލުހުން ބުނީ މިއަދުގެ ހަރަކާތުގައި އެ ސަރަހައްދުގެ ފިހާރަތަކަށް ޒިޔާރަތްކޮށް އެތަންތަނުގައި ސީސީޓީވީ ކެމެރާ ބެހެއްޓުމުގެ މުހިންމު ކަމާއި އަދިވެސް ސަލާމަތީ ގޮތުން ފުރިހަމަ ކުރަން ޖެހޭ އެހެނިހެން ކަންތައްތައް ފުރިހަމަ ކުރުމުގެ މުހިންމުކަން ފިހާރައިގެ ވެރިފަރާތްތައް ކިޔައިދޭނެ ކަމަށެވެ.
"އަޅުގަނޑުމެން ބުނެދޭނަން ކިހިނެތްކަން ކަމެއް ވުމުގެ ކުރިން އެކަމުން ރައްކާތެރިވާނީ. ކޮންކޮން ސެކިއުރިޓީ ކަންތައްތަކެއްކަން ފިހާރައިގައި ބަހައްޓަން ޖެހޭނީ. ކޮބައިތޯ ސަލާމަތީ ފިޔަވަޅުތަކުގެ މުހިންމު ކަމަކީ،" އެ ހަރަކާތުގައި އިސްކޮށް އުޅުއްވާ އޮފިޝަލަކު ވިދާޅުވި އެވެ.
މިއަދު، 6:00 ޖެހުމާ ހަމައަށް އެ ޕްރޮގްރާމް ކުރިއަށްދާނެ ކަމަށް ފުލުހުން ބުންޏެވެ.