13 Nov 2012, 13:21
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމެޓީ އަށް ދިޓީވީގެ އެޑިޓަރު މިދުހަތު އާދަމް ހާޒިރުކުރުމަށް ނިންމާފައި ވާތީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އެކަން ކުށްވެރިކޮށްފި އެވެ.
އެމްޖޭއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނަނީ ޚަބަރާއި މައުލޫމާތު ފެތުރުމުގެ މިނިވަންކަން ގާނޫނު އަސާސީ އިން ކަށަވަރުކޮށްދީފައިވާ އިރު ނޫސްވެރިންނާއި މީޑިއާތައް ޒިންމާދާރު ކުރުވުވުމަށް ބޭނުންވާ ގާނޫނުތައް ހަދައި އެ މަސްއޫލިއްޔަތު ވަކިބަޔަކާ ހަވާލުކޮށްފައި ވަނީ މަޖިލީހުން ކަމަށެވެ. ނަމަވެސް ދިޓީވީގެ އެޑިޓަރު މިދުހަތު މަޖިލީހުގެ އިމްތިޔާޒު ކޮމެޓީ އަށް ހާޒިރުކުރަން ނިންމާފައި ވަނީ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުތަކުގައިވާ އުސޫލުތަކާ ޚިލާފަށް ކަމަށްވާތީ އެ ޖަމްއިއްޔާ އިން އެކަން ކުށްވެރި ކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ.
"ނަމަވެސް އެ އުސޫލުތައް ފަހަނައަޅައި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމެޓީ އަށް ދިޓީވީގެ އެޑިޓަރު ހާޒިރުކުރުމަށް އެ ކޮމެޓީން އިއްޔެ ނިންމި ނިންމުން މިޖަމްއިއްޔާ އިން ކުށްވެރިކުރަމެވެ،" އެމްޖޭއޭގެ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި ބުނަނީ މީޑިއާއާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައި އެކަންކަން ހައްލު ކުރުމުގެ ވާޖިބު ގާނޫނީ ގޮތުން ވަކިބަޔަކާ ހަވާލުކޮށްފައިވާ އިރު މީޑިއާ އާ ގުޅޭ މައްސަލަތައް މަޖިލީހުގެ ކޮމެޓީއަކުން ނިންމުމަކީ މީޑިއާގެ މިނިވަން ކަމަށް ހުރަސް އެޅި މީޑިއާ އާއި މީޑިއާގައި މަސައްކަތް ކުރާ މީހުން ފަހަތަށް ޖެހި މީޑިއާ އަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ. އެހެންކަމުން މީޑިއާ އާ ގުޅުން ހުރި މައްސަލަތައް ކަމާ ބެހޭ މުއައްސަސާތަކަށް ހުށަހަޅައިގެން ހައްލު ހޯދަން މަސައްކަތް ކުރުމަށް އެ ޖަމްއިއްޔާ އިން ވަނީ ގޮވާލައްވައިފަ އެވެ.
މީގެއިތުރުން އެ ޖަމްއިއްޔާ އިން އަބަދުވެސް ބާރު އަޅަނީ މީޑިއާތަކުން ވެސް ޒިންމާދާރު ކަމާއި ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑާ އެއްގޮތަށް ޚަބަރާއި މައުލޫމާތު ފެތުރު ކުރަން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.