އިޓަލީ ގައުމީ ޓީމަކީ ރަނގަޅު މިސާލެއް ކަމުގައި ފްރާންސް ގައުމީ ޓީމްގެ ކޯޗު ޑިޑިއާ ޑިޝޯމްޕް ބުނެފި އެވެ. އިޓަލީއާ ދެކޮޅަށް މާދަމާ ފްރޭންސް ކުޅޭ އެކުވެރިކަމުގެ މެޗުން މުހިންމު ކަންތައްތަކެއް ދަސްވާނެކަމަށް ޑިޝޯމްޕް ގަބޫލުކުރެ އެވެ.

ޔޫރޯ 2012ގެ ފައިނަލްގައި ވޯލްޑް ކަޕް 2006ގެ ޗެމްޕިއަންކަން ހޯދި އިޓަލީ ފެނިގެންދިޔައީ ސަޕްރައިޒިންގް ޓީމެއްގެ ގޮތުގަ އެވެ. ނަމަވެސް ޔޫރޯގެ ފައިނަލުން ސްޕެއިން ޓީމް އަތުން އިޓަލީ ބަލިވީ 4-0 ލަނޑުންނެވެ. އެހެން ކަންތައް ދިމާވި ނަމަވެސް ކުރީގެ މާސެލް ކޯޗް ޑިޝޯމްޕް ބޭނުން ވަނީ އިޓަލީ މިސާލެއް ކަމުގައި ދެކުމަށެވެ.

"އިޓަލީ ގައުމީ ޓީމަކީ ރަނގަޅު މިސާލެއް. އިޓަލީގެ ކޯޗު ޕްރަންޑެލީ އެ ޓީމްގެ ކުޅުންތެރިންނާ މެދު އިތުރުބާރުކުރޭ. އެހެންކަމުން އޭނާ އެ ޓީމްގެ ފިލޯސަފީ ވެސް ބަދަލުވި. އަދި އިޓަލީގެ ކުރިއެރުން ވެގެންދިޔައީ ހައިރާންވި ކަމަކަށް. ޔޫރޯގެ ޗެމްޕިއަންކަން ނުލިބުނު ކަމުގައި ވިޔަސް، އެމީހުން ބިރެއް ނެތި ހުރަސްކުރި ކަންތައްތަކުގެ އިނާމް ލިބުނު." ޑިޝޯމްޕް ބުންޏެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ފްރާންސް އިން ވަނީ އެންމެ ފަހުގެ ދުނިޔޭގެ އަދި ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން ހިފަހައްޓާފަ އެވެ. ފަހަކަށް އައިސް ފްރާންސް ޓީމްގެ ކުޅުން ރަގަޅު ކޮށްފައިވާ ކަމަށް އެޓީމްގެ ކޯޗް ޑިޝޯމްޕް ބުނެފައިވެ އެވެ.

"ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު ތަޖުރިބާ ވަރަށް ބޮޑު. އަހަރެން ވަރަށް ގިނަ މީހުންނާއި ވާހަކަ ދެއްކިން. އަދި އެމެޗުގައި ދެއްކި ކުޅުން އެމީހުން ވެސް ފާހަގަކުރޭ. ފަހަކަށް އައިސް ފްރާންސް ޓީމްގެ ކުޅުން ރަގަޅުކަން ފާހަގަވޭ." ޑިޝޯމްޕް ބުންޏެވެ.

އިޓަލީ އާއި ފްރާންސް ބައްދަލުކުރާ އެކުވަރިކަމުގެ މެޗު ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭ 00:50 ގަ އެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އިޓަލީގެ އެނިއޯ ޓާޑިނީ ސްޓޭޑިއަމްގަ އެވެ.