13 Nov 2012, 12:37
މަސްވެރިންގެ ސަބްސިޑީ ދިނުމާ މެދު ގާނޫނީ ސުވާލު އުފައްދާފައިވަނިކޮށް، އެ ސަބްސިޑީ ދިނުމަކީ އެންމެ ރަނގަޅުގޮތް ކަމުގައި ނުވެދާނެ ކަމަށާއި ގާނޫނަކުން ކަނޑައަޅައިގެން ނޫނީ މަސްވެރިންގެ ސަބްސިޑީދޫ ނުކުރުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
މަސްވެރިންގެ ސަބްސިޑީއަކީ އަސާސީ ހައްގެއްތޯ ބަލައިދިނުމަށް ފިޝަރީޒް މިނިސްޓްރީން މާލިއްޔަތު ކޮމެޓީ އަށް ފޮނުވި ސިޓީއާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޔާމިން ވިދާޅުވީ މާލިއްޔަތު ގާނޫނަށް ގެނައި އިސްލާހުގެ ދަށުން މަސްވެރިންގެ ސަބްސިޑީ ދެވޭނީ އަސާސީ ހައްގެއް ކަމުގައިވާ ނަމަ އެވެ. ނަމަވެސް އެ ސަބްސިޑީއަކީ އަސާސީ ހައްގެއް ކަމެއް އަދި ނޭނގޭ ކަމަށެވެ.
މަސްވެރިންގެ ސަބްސިޑީ ދިނުމާ މެދު ފިޝަރީޒް މިނިސްޓްރީ އިން ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރުގެ ލަފަޔަކަށް އެދުމުން އެކަމަނާ ވިދާޅުވެފައި ވަނީ އެ ސަބްސިޑީއަކީ އަސާސީ ހައްގެއް ކަމުގައިވާ ނަމަ ސަބްސިޑީ ދޫކުރެވިދާނެ ކަމަށެވެ. ނަމަވެސް އެ ސަބްސިޑީއަކީ އަސާސީ ހައްގެއްތޯ ނުވަތަ ނޫން ކަމެއް ބަންޑާރަ ނައިބު ކަނޑައަޅުއްވާފައިނުވެ އެވެ.
މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް އަލީ ވިދާޅުވީ އެ ސަބްސިޑީއަކީ އަސާސީ ހައްގެއްތޯ ނިންމަވާނީ ބަންޑާރަ ނައިބު ކަމަށެވެ. އަދި އެކަމުގައި ފިޝަރީޒް މިނިސްޓްރީ އާއި ބަންޑާރަ ނައިބުގެ އޮފީހާ މަޝްވަރާކޮށްގެން ގޮތެއް ނިންމުމަށް އޭނާ ގޮވާލެއްވި އެވެ.
ފިޝަޒީމް މިނިސްޓްރީން މާލިއްޔަތު ކޮމެޓީ އަށް މިއަދު ފޮނުވި ސިޓީގައި ބުނެފައި ވަނީ މަސްވެރިންގެ ސަބްސިޑީއާކީ އަސާސީ ހައްގެއްތޯ ކަނޑައަޅައި ދިނުމަށް ޓަކައި މާލިއްޔަތު ކޮމެޓީއާ އެކު ބައްދަލުވުމެއް ބޭއްވުމަށް އެދޭ ކަމަށެވެ.
ކޮމެޓީގެ މުގައްރިރު އަހުމަދު ނާޒިމް ވިދާޅުވީ މާދަމާ ބާއްވާ ބައްދަލުވުމަކަށް ފިޝަރީޒް މިނިސްޓްރީ ހާޒިރުކޮށް އެކަމާ މެދު މަޝްވަރާ ކުރައްވާނެ ކަމަށެވެ.
މިއަދުގެ ބަޖެޓްގައި މަސްވެރިންގެ ސަބްސިޑީގެ ގޮތުގައި ހިމަނާފައިވާ 100 މިލިއަން ރުފިޔާގެ ތެރެއިން އެއް މިލިއަން ރުފިޔާ ކަނޑައަޅާފައި ވަނީ މަސްވެރިންގެ ސަބްސިޑީ ދިނުމުގެ އިދާރީ ބޭނުމަށެވެ. އަނެއް 99 މިލިއަން ރުފިޔާ ދޫކުރުމަށް ނިންމާފައި ވަނީ އެ އޮޑިވެރިންނަށެވެ. ސަބްސިޑީ ދެނީ މަސްވެރިން ދޯނިފަހަރުގެ އިންޖީނުގެ ހޯސް ޕަވަރަށް ބަލައިގެންނެވެ.