ސްޕެއިންގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ކުޅުމަކީ ހުވަފެނެއް ކަމަށް އިންޓަނޭސިއޮނަލްގެ ބްރެޒިލްގެ ހުނަރުވެރި ފޯވާޑް ލިއަންދްރޯ ޑަމިއޯ ބުނެފި އެވެ.

ޑަމިއޯ އަކީ ބްރެޒިލް ގައުމީ ޓީމްގެ މުހިންމު ފޯވާޑެކެވެ. މިސީޒަނުގައި ޑަމިއޯ ހޯދުމަށް ޔޫރަޕްގެ ބޮޑެތި ގިނަ ކްލަބުތަކަކުން މަސައްކަތް ކުރަމުން ދެ އެވެ. މެޑްރިޑަށް ކުޅުމަކީ ޑަމިއޯގެ ހުވަފެނެއް ކަމުގައި ވިޔަސް މިވަގުތު ޔޫރަޕްގެ ކްލަބަކަށް ކުޅެން ނުވިސްނާ ކަމަށް އޭނާ ބުންޏެވެ.

"ކޮންމެ ފުޓްބޯޅަ ކުޅުންތެރިއެއް ވެސް ހުވަފެނަކަށް ވާނީ މެޑްރިޑް ފަދަ ކްލަބަކަށް ކުޅެން. އެގޮތުން މެޑްރިޑަށް ކުޅުމަކީ އަހަރެންގެ ހުވަފެނެއް. ނަމަވެސް އަހަރެންނަށް އަދި އެންމެ 23 އަހަރު. އަދި ކެރިޔަރުގައި ގިނަ ދުވަސްތަކެއް. މިވަގުތު ޔޫރަޕްގެ ކްލަބަކަށް ކުޅޭކަށް ނުވިސްނަން. އަހަރެން މިވަގުތު ބޭނުމީ ހިނަ ލަނޑުތަކެއް ކާމިޔާބުކޮށް، ކުޅުން ރަގަޅު ކުރަން." ޑަމިއޯ ބުންޏެވެ.

މިސީޒަން ފެށުމުގެ ކުރިން އިނގިރޭސި ކްލަބު ޓޮޓެން ހަމް ހޮޓްސްޕާ އިން ޑަމިއޯ ހޯދުމަށް މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް އިންޓަނޭސިއޮނަލް އިން ޑަމިއޯ ދޫނުކުރާނެކަމަށާއި ޓޮޓެންހަމް އަގު މާ ކުޑަކަމަށް ބުނެފައިވެ އެވެ.