ރަށްތައް ގުޅައިލުމުގައި ރައްޔިތުންގެ ހިޔާލު ނެގުމުގެ ރެފަރެންޑަމް 68 ރަށެއްގައި ބާއްވާ ގޮތަށް ސަރުކާރުން އިލެކްޝަން ކޮމިޝަނާ އެކު މަޝްވަރާކޮށްފި އެވެ.


 ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި ރަށްރަށް ގުޅުވައިލަން ރައްޔިތުން ހިޔާލު ހޯދުމުގެ ރެފެރެންޑަމް 68 ރަށެއްގައި ނެގުމަށް ރަސްމީކޮށް އަދި ކޮމިޝަނަށް ސަރުކާރުން އަންގާފައި ނުވާ ކަމަށެވެ. ނަމަވެސް ވިދަޅުވީ އެ ރެފަރެންޑަމް ނަގާ ގޮތަށް ސަރުކާރުން ކޮމިޝަނާ އެކު ބުދަ ދުވަހު މަޝްވަރާކޮށްފައިވާ ގޮތަށް، ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ.


"އަޅުގަނޑާ އެކު ބޭއްވި ބައްދަލުވުމެއްގައި އެގޮތަށް މަޝްވަރާކޮށްފައި ވަނީ. ސުޕެޝަލް އެންވޯއީ އިބްރާހިމް ހުސައިން ޒަކީ އިސްކޮށް ހުންނައިވަގެން ބޭއްވި ބައްދަލުވުމެއް އެއީ،" ފުއާދު ވިދާޅުވި އެވެ.


ފުއާދު ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ 500 އަށް ވުރެ މަދު އާބާދީ އޮންނަ ރަށްރަށާއި ޑިސްޓެންސް ގޮތުން ހަތަރު ނޯޓިކަލް މޭލު ކައިރި ރަށްތަކުގައި އެއް ކައުންސިލް އުފެއްދުމުގެ ވިސްނުންކަމަށާއި އެވިސްނުމުގައި ގުޅައިލާ 68 ރަށުގެ ލިސްޓު އަދި ކޮމިޝަނާ ހަވާލު  ނުކުރައްވާ ކަމަށެވެ.


"އަޅުގަނޑު މި އުންމީދު ކުރަނީ އެލިސްޓު މާދަމާ ރަސްމީކޮށް އަޅުގަނޑުމެނަށް ފޮނުވާނެ ކަމަށް. އެކަމަށް އަޅުގަނޑުމެން ކަނޑައަޅާ ގޮތެއް އިއުލާނު ކުރާނީ އެ ލިސްޓު ރަސްމީކޮށް އައުމުން،" ފުއާދު ވިދާޅުވި އެވެ.


ސަރުކަރާއި ޑީއާރްޕީއާ އެއްބަސްވެފައިވާ ގޮތުން  މީހުން ދިރިއުޅޭނރަށްރަށް އަންނަ މަހުގެ 17 ގައި އިއުލާންކޮށް  ޑިސެމްބަރު މަހުގެ 31 ގެ ކުރިން ކައުންސިލުތަލުގެ އިންތިހާބު ބާއްވަންޖެހެ އެވެ.


ފުއާދު ވިދާޅުވީ ރެފަރަންޑަމް ބާއްވާނެ ދުވަހެއް މާދަމާ އިއުލާން ކުރައްވަން މަސައްކަތް ކުރައްވާ ކަމަށާއި އަންނަ މަހު އަށް ވަނަ ދުވަހު އެ ރެފަރެންޑަމް ބޭއްވޭތޯ ބައްލަވާ ކަމަށެވެ. އަދި ވިދާޅުވީ އެކަމަށް ހިނގާނެ ހަރަދު އެސްޓިމޭޓް ކުރައްވަމުން އަންނަ ކަމަށެވެ.