13 Nov 2012, 11:39
ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެސްޓީއޯއިން ޑީސަލާއި ޕެޓްރޯލްގެ އަގު ހެޔޮކޮށްފި އެވެ.
އެ ކުންފުނިން މިއަދު ވަނީ ޑީސަލް ލީޓަރަކުން 22ލ. އަދި ޕެޓްރޯލް ލީޓަރަކުން 26ލ. ވަނީ ހެޔޮކޮށްފަ އެވެ. މި ބަދަލާއެކު ކުރިން 16.45ރ. ވިއްކަމުން އައި ޑީސަލް ލީޓަރެއް މިހާރު ވިއްކަނީ 16.23ރ. އަށެވެ. އަދި 16.68ރ. ވިއްކި ޕެޓްރޯލް ލީޓަރެއް މިހާރު ވިއްކަނީ 16.42ރ. އަށެވެ.
އެސްޓޯއީއިން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ތެލުގެ އަގު ބޮޑުކޮށްފަ އެވެ. އެއީ ތެލުގެ އަގު މިއަހަރުތެރޭ ބޮޑުވި ތިން ވަނަ ފަހަރެވެ. އެ ފަހަރު ޑީސަލް ލީޓަރަކުން 49ލ. އަދި ޕެޓްރޯލް ލީޑަރަކުން 47ލ. ވަނީ ބޮޑުކޮށްފަ އެވެ.
މިއަހަރުގެ މިހާތަނަށް އެސްޓީއޯއިން ތެލުގެ އަގު ހެޔޮކުރި މިއީ ދެ ވަނަ ފަހަރެވެ. މީގެ ކުރިން ތެލުގެ އަގު ހެޔޮކޮށްފައިވަނީ ޑިއުޓީ މާފުވުމުންފެބުރުއަރީ މަހުގެ ތެރޭގަ އެވެ.
އެ ކުންފުނިން ބުނީ ތެލުގެ އަގަށް ބަދަލުގެންނަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ތެލަށް އައި ބަދަލާއި އެކު އެންމެ ފަހުން އެތެރެކުރެވުނު ޝިޕްމަންޓްގެ އަގުހެޔޮވެފައިވާތީ ކަމަށެވެ.
އެސްޓީއޯއިން ތެލުގެ އަގު ހެޔޮ ކުރީއިރު އެ ކުންފުނިން ތެޔޮ ވިއްކުމުގައި ކޮންމެ ފީފާއަކަށް 30 ޑޮލަރުގެ ފައިދާއެއް ލައިގެން ތެޔޮ ވިއްކާ ކަމަށް ބުނާ މައްސަލަ މާލިއްޔަތު ކޮމެޓީން މިހާރު އަންނަނީ ބަލަމުންނެވެ. އެ ކޮމެޓީގެ ބައެއް މެންބަރުން ވިދާޅުވެފައިވަނީ ތެލުގެ އަގު ކުޑަކުރެވޭނެ ކަމަށާއި އެކަމަށް ގޮތްތަކެއްވެސް ރޭވޭނެ ކަމަށެވެ.