ތ. ތިމަރަފުށި ގެއަކުން ލޯނަރުތަކެއް ވަގަށް ނެގި މީހަކު ތިން އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.

އެ ރަށު ދެތަނޑިމާގެ އިން ލޯނަރުތަކެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓުން، މި މަހުގެ އަށް ވަނަ ދުވަހު، ތިން އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ އެ ރަށު ދިލާވަރުގެ، މުޙައްމަދު ޔާސިރު 21ގެ މައްޗަށެވެ.

ޔާސިރުގެ މައްޗަށް ހުކުމް ކޮށްފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހުގެރޭ އެ ރަށު ދެތަނޑިމާގޭ ބޭރުދޮރުގައި ހަރުކޮށްފައި ހުރި ތަންޑެއް ނައްޓާލައިގެން އެގެއަށް ވަދެ، އެގޭ ހުޅަނގުފަރާތު ކޮޓަރީގެ ބޭރު ކުޑަދޮރުތަކުގެ ލޫވަގަނޑު ނައްޓާލައިގެން އެކޮޓަރިތެރެއަށް ވަދެ އެކޮޓަރި ތެރެއިން 20 ކިލޯ ބަރުދަންހުރި ލޯނަރު ވަގަށްނެގި މައްސަލައާ ގުޅިގެންނެވެ.

ޔާސިރު ވަގަށް ނެގި ލޯނަރުތައް ފުލުހުން ހޯދާފައި ވަނީ ތިމަރަފުށީގެ އުތުރުފަރާތު އަތިރިމަތީގައި ހުރި ގުދަނެއްކައިރީ ފޮރުވާފައި ހުއްޓަ އެވެ. އަދި އޭނާ ވަގަށް ނަގާފައިވާ ލޯނަރުތައް ފުލުހުން ހޯދައި އެތަކެތީގެ ވެރިފަރާތާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ.

ލޯނަރުތައް ވަގަށް ނެގި މި މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އަށް ފޮނުވާފައި ވަނީ މި އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހު އެވެ.