13 Nov 2012, 10:45
"އެއީ ވަރަށް ތަފާތު ނޫސްވެރިއެއް. ވަރަށް ކްރިއޭޓިވް ނޫސްވެރިއެއް. އަބަދުވެސް މޮޅު އޭންގަލަކަށް ބަލާނެ. ކިތަންމެ ކުޑައެއްޗެއް ވެސް އޭނަ ގެނެސްދޭ ގޮތް ވަރަށް މޮޅުވާނެ. ވަރަށް ހަލުވިވާނެ،" ނޫސްވެރިން ކަމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު މި އަހަރު ހާސިލް ކުރި ހަވީރުގެ ލޯކަލް އެޑިޓަރު އިސްމާއީލް ނަސީރު އާ އެކު އެތައް އަހަރެއް ހޭދަކޮށް އޭނާއާ ވަރަށް ކައިރިން މަސައްކަތް ކުރި މުންޑޫ އާދަމް ހަލީމް ބުންޏެވެ.
އިސްމާއީލްގެ ނޫސްވެރިކަން ފެށުނީ 17 އަހަރު ކުރިންނެވެ. އޭރު އުމުރަކީ 15 ވަރަކަށް އަހަރެވެ. އެއީ 1994 ވަނަ އަހަރު ނެރެން ފެށި މުނިފޫހިފިލުވުމުގެ މަޖައްލާ "ގުރަހެލީ"ގެ ތެރެއިންނެވެ. އެ މަޖައްލާގެ ހުރިހާ މަސައްކަތެއް ހިނގަމުން ދިޔައީ އޭނާގެ ގޭގައި، އޭގެ ކުރިމަތީގައި ކަމަށް ވީތީ، ނޫސްވެރިކަމުގެ ފެށުމަކީ އެއީ ކަމަށް އޭނާ ބުންޏެވެ. އެއަށް އާޓިކަލްތައް ހަދަން އޭނާ ގެއިން ބޭރަށް ވެސް އެންމެ ފަހުން ނުކުތެވެ.
"އެހާ ކުޑައިރު ވެސް މިއުޅޭ ޝިރާނީމެން ކައިރިއަށްދަން ރެކޯޑަރު ހިފައިގެން އިންޓަވިއު ނަގަން. އެ ހިސާބުން އަމަލީގޮތުން ނޫސްވެރިކަން ފެށުނީ. އެ ނޫހަކީ ބޭބެމެން އިސްކޮށް އުޅެގެން ނެރޭ ނޫހެއް ވީމައި އޭގައި އަހަރެން ވެސް އުޅެންޖެހޭ. ފިހާރަތަކަށް އެ މަޖައްލާތައް ވިއްކަން ވެސް ދަން،" އިސްމާއީލް ބުންޏެވެ.
އެކަމަކު އޭގެ ކުރިން ވެސް އޭނާ ވަނީ ނޫސްވެރިކަމުގެ ހިތި ތަޖުރިބާއެއް ކޮށްފަ އެވެ. އެއީ ސްކޫލް ދުވަސްވަރުގެ ދިމާވި ކަމެކެވެ. ސްކޫލުގައި ނެރުނު "ފޮޅިއެއް"ގެ މައްސަލާގައި އޭނާ އެމްއީއެސްއިން ވަކިކުރި އެވެ. ސްކޫލްގެ އިސްވެރިންނަށް ފާޑުކިޔައިފައި ނެރުނު އެ "ފޮޅީ"ގައި އޭނާގެ ވެސް ހިއްސާ އޮތް ކަމަށް ބުނެ ސްކޫލުން ވަކިކޮށް އެއްވެސް ސްކޫލަކަށް ނުވަދެވޭ ގޮތަށް ހަ މަސްދުވަސް ވަންދެން އޭނާ ސަސްޕެންޑް ވެސް ކުރި އެވެ.
"އޭރު އަހަރެންގެ އަތުލިއުން ވަރަށް ރީތިވީމަ ރައްޓެހި ކުއްޖަކު މީތި ރީތިކޮށް ލިޔަލަދޭށޭ ބުނީމައި އެއްޗެއް ލިޔެލަ ދިނީ. އެކަމަކު އޭރު ނޭނގޭ ކޮންއެއްޗެއްކަމެއް ވެސް އެއީ. ހަމަ ނަކަލު ކޮށްލަނީ. މިހެން އުޅެނިކޮށް އެއްދުވަހު ހެނދުނު ސްކޫލު އޮފީހަށް ގެންގޮސްފި. ގެންދިޔައިރު ބައިވަރު ކުދިން އެބަތިބި ސަފަކަށް އަތުރާފައި. ޕްރިންސިޕަލް ބުނެފި މިއަދުން ފެށިގެން ސްކޫލުން ވަކިކުރިއްޔޭ، އެކަމަކު ހަގީގަތަކީ މައްސަލަ ޖެހުނު ފޮޅިއަކީ އަހަރެން ދެނެ ހުރި ކަމެއް ނޫން،" އިސްމާއީލް ބުންޏެވެ.
އެއީ ފިލާވަޅުތަކެއް ލިބިދިން ހާދިސާ އެކެވެ. ނޫސްވެރިކަމަށް ހިތްވަރު ލިބުނު ހާދިސާ އެކެވެ. އެ ދާއިރާގައި ކުރިމަތިވި ގޮންޖެހުންތަކާ އިސްމާއީލް ކެރިގެން ކުރިމަތިލުމުގެ ހިތްވަރު ލިބުނީ އެ ހިސާބުންނެވެ. އެއަށް ފަހު ކިޔެވީ އީޕީއެސްއިންނެވެ. އޭރު ވެސް ހިތުގައި ނޫސްވެރިކަމަށް އޮތް ޝައުގަށް ބަދަލެއްނާދެ އެވެ. ނަމަވެސް އާއިލާގެ އެދުމާ އެކު އޭނާ ވަޒީފާއަކަށް ނުކުތީ ސްޓެލްކޯއަށެވެ. ބަޖެޓް ބައިގައި އޭނާ ވަޒީފާ އަދާކުރި އިރު ކުރަން ޖެހުނު ކަމަކީ ފައިސާގެ ޗެކްތައް ހެދުމެވެ. ނަމަވެސް އެއީ އިސްމާއީލް އަށް ފޫހި ވަޒީފާ އެކެވެ. ނޫސްވެރިކަމަށް އޭރު ވެސް އިސްމާއީލް ދިޔައީ ކަޅި އެއްލަމުންނެވެ. ސްޓެލްކޯގައި އުޅެމުން އޭނާ އާފަތިހަށް އެޕްލައިކުރި އެވެ. ނޫސްވެރިއެއްގެ ވަޒީފާއަށެވެ.
"އެތަނަށް ލައިގެން އަޅައެއް ނުލި. ދެން ހަބަރެއް ނުވެގެން އެތަނަށް ގޮސްފައި އެޑިޓަރާ ސީދާ ބައްދަލުކުރީ. އަހަރެން ގޮސް ސީދާ އޭނާއާ ދިމާއަށް ބުނިން މަށަށް ވަޒީފާ ދީގެން މިތަނަކަށް ދެރައެއް ނުވާނޭ. މަ ހުރިހާ ކަމެއް ވެސް ކުރާނަމޭ. ހުރިހާ އެއްޗެއް ވެސް ލިޔާނަމޭ. ތަރުޖަމާ ވެސް ކުރެވޭނޭ. މިހިރިއްޔޭ މަ ލިޔެފައި ހުރި އެއްޗިހި. ކިޔާފައި ދެއްކީމަ ވެސް ޝައުގުވެރިއެއް ނުވި،" އިސްމާ ބުންޏެވެ. "ދެން ވެސް މަސައްކަތް ކުރީ އެ މީހުން މަށަށް ވަޒީފާ ދޭނެ ގޮތަކަށް ވާހަކަ ދެކެވޭތޯ."
އިސްމާއިލްގެ އުފެއްދުންތެރި ހިޔާލުތައް އެ ހިސާބުން އާފަތިހުގެ އެޑިޓަރުގެ މޭޒުމަތީގައި އަތުރާލި އެވެ.
"އަހަރެން ބުނީ ހިނގާށޭ ފިލްމީ ސަޕްލިމެންޓްތަކެއް ހަދަން. އެހެނޭ މިހެނޭ ހަދާނީ. މީހުން ކިޔާނޭ،" އިސްމާއީލް ބުންޏެވެ.
އެ ހިސާބުން އާފަތިހުގެ ނިއުސް ރޫމްގެ ދޮރު އޭނާ އަށް ހުޅުވިއްޖެ އެވެ. މުނިފޫހިފިލުވުމަށް ހާއްސަ ސަޕްލިމަންޓެއް އޭނާ ލިޔަން ފެށި އެވެ. ވާދަވެރި ނޫސްތައް އިސްމާއީލްގެ މަސައްކަތުން ހައިރާންވި އެވެ. އުފެއްދުންތެރި ހިޔާލުތަކުން ފަނޑުވެފައިވާ ފިލްމީ ދާއިރާ އަށް މަޑުމަޑުން ދިރުން އަންނަން ފެށީ އިސްމާއީލް އެކަނިމާއެކަނި ލިޔަން ފެށި އާފަތިހުގެ މުނިފޫހި ސަޕްލިމަންޓެވެ. އެއަށް ކިޔަނީ "ފިލްމީ އުދަރެސް" އެވެ.
"ފުރަތަމަ ހެދި ސަޕްލިމެންޓް އެއީ 60 ވަރަކަށް ސޮފްހާގެ އެއްޗެއް. އެއީ އެންމެ ހަފުތާއެއްގެ މަސައްކަތް،" އެ ކުރެވުނު މަސައްކަތާ ދޭތެރޭ މިހާރު ވެސް ހައިރާންވާކަން އޭނާގެ މޫނުމަތިން ވެސް ފެންނަން ހުއްޓެވެ. "ހަވީރަށް އައިމަ އިނގުނީ އޭރު ހަވީރު މީހުން ވެސް އެކަމާ ހައިރާންވިކަން. އަހަރެން ހެދި ގޮތަކީ ބޮލީވުޑާއި ހޮލީވުޑާ ދިވެހި ފިލްމީ ދާއިރާއާ މިހެންގޮސް ހުރިހާ އެއްޗެއް ހިމެނިން. ދެން ނުލިޔާކަށް އެއްޗެއް ނެތް އޭރު،" އިސްމާއީލް ބުންޏެވެ.
މުނިފޫހިފިލުވުމަށް ހާއްސަވެގެން އެކަނި ލިޔުމަށް އިސްމާއީލްއަށް ކަމަކު ނުދިޔަ އެވެ. ނޫސްވެރިކަމުގެ އުހަށް ދަތުރުކުރުމަށް އޭނާ ފައިނަގަން ފެށި އެވެ. ދޮޅު އަހަރެއްހާ ދުވަހު އާފަތިހުގައި އުޅުމަށް ފަހު އޭނާގެ ލޯ "ހަވީރާ" ދިމާއަށް ހުއްޓުނެވެ.
"ނޫސްވެރިކަމުގެ އަސްލު ޕްލެޓްފޯމަކަށް އެރިއްޖެކަން އިހުސާސްވެއްޖެ ހަވީރަށް ވަދެވުމާ އެކު،" ނުވަދިހަ އަށް ވަނަ އަހަރުގެ ހަނދާންތައް އާ ކުރަމުން އޭނާ ބުންޏެވެ. "އަހަރެން މީހަކަށް ހަދައިދިނީ އެތަނުން. އެނގުނު އެއްޗެއް ވެސް އެނގުނީ އެތަނުން."
ހަވީރުގައި ނޫސްވެރިކަމުގެ ތަފާތު މައުލޫތަކަށް ލިޔުމުގެ ދޮރު ހުޅުވުނެވެ. ނަމަވެސް އިސްމާއިލަށް ކުރިމަތިވީ ތަފާތުކަންތަކެކެވެ. މުނިފޫހި ފިލުވުމުގެ އެކި ފަރާތްތަކުން އިސްމާއީލަށް ރުޅިވެރިކަމާއި، ބިރުދެއްކުން އަދި އިންޒާރާ ކުރިމަތިލާން ޖެހުނެވެ. ނަމަވެސް އިސްމާއީލް އެ ކަންކަން ނެގީ އާދައިގެ ކަމެއްގެ ގޮތުގަ އެވެ. އެފަދަ ކަންކަމާ އޭނާ އަޅައެއްނުލަ އެވެ. އެއީ އޭނާގެ ބަހުން ނަމަ "ކުދިކުދި، ސިމްޕަލް" ކަންތައްތަކެވެ.
"ވަޅިން ވެސް ބިރުދެއްކި. ރާވައިގެން ތަންތަނަށް ގެންގޮސް ތަޅައިގަންނަން އުޅުނު. ފޯނުން ގުޅައިގެން އެއްގަޑިއިރު ދެ ގަޑިއިރު ވަންދެން ވަރަށް ހަޑިކޮށް އެއްޗިހި ވެސް ކިޔާފައި އެބަހުރި. އެކަމަކު އޭރު ވެސް ރައްދެއް ނުދެން. ހަމަ ކިޔާނެ ވަރަކަށް އެއްޗިހިކިޔަންދެން އަޑުއަހަން ހުންނަނީ. އަހަރެން ގެންގުޅޭ އުސޫލަކީ ކޮންމެ މީހަކު ވެސް ދައްކާނެ ވަރަކަށް، ބަވާނެ ވަރަކަށް ބަވާފައި ދާންވީ ނުވަތަ ފޯން ބާއްވަންވީ. އަހަރެން ނުދޭނަން ރައްދެއް. އަދި އަހަރެން ކުރި ކަންތައްތައް ދިފާއުކޮށްފައި އިތުރަށް ޗެލެންޖް ކުރުމަކީ އަހަރެންގެ އުސޫލެއް ނޫން. އޭރުން ކަންތައްތައް މާ ގޯސްވާނީ. އަހަރެންގެ ކޮންޓެކްޓް ގެއްލިދާނެ. ގިނަ ފަހަރު އެ މީހުން އަލުން ގުޅާފައި މާފަށް ވެސް އެދެނީ،" އިސްމާއިލް ބުންޏެވެ.
އެހެން ބައެއް ނޫސްވެރިންނާ ހިލާފަށް އިސްމާއިލް އަކީ ތަފާތު މީހެކެވެ. އޭނާ ގަބޫލު ނުކުރާ އެއް ކަމެއް އޮވެ އެވެ؛ އެއީ އޭނާ ފާޅުކަން ބޮޑު ގޮތަކަށް އާންމުންގެ ތެރޭގައި އުޅެ، އަމިއްލަ ނަން ވިއްކަން މަސައްކަތް ކުރުމެވެ. އެހެންވެ، މި ވޭތުވެދިޔަ ދުވަހު އޭނާގެ ނަން ގިނަ ބަޔަކަށް އެނގުނަސް، ހަމަ ލޮލުން އޭނާ ފެނިފައި ވަނީ މަދު މީހަކަށެވެ. އެހެން ނަމަވެސް، އޭނާ އަކީ ނުފެނި ހުރެ ނަމަވެސް، ނޫސްވެރިކަމަށް ބޮޑެތި ހިދުމަތްތަކެއްކޮށް، ހާހުން ހާހުން އެކި ލިޔުންތައް ލިޔެފައިވާ ފަންނީ މީހެކެވެ.
"އަހަރެން ބަލަނީ މޮޅު އުފެއްދުމެއް އުފެއްދޭތޯ،" އިސްމާއިލް ބުންޏެވެ.
ހަވީރުގައި އުޅެމުން އޭނާ ދެން ދިޔައީ ނޫސްވެރިކަމުގެ އެހެން ދާއިރާއަކަށެވެ. އެއީ މަސްވެރިކަމެވެ. މެދުކެނޑުމެއް ނެތި ތިން އަހަރު ދުވަހު އެ ދާއިރާގެ ލިޔުންތަކުން "ހަވީރު" މުއްސަނދި ކުރި އެވެ. ނަތީޖާއަކީ މަސްވެރިކަމާ ބެހޭ މައުލޫމާތު ފެތުރުމުގެ ރޮނގުން ޕްރިންޓް މީޑިއާއަކަށް ލިބުނު ހަމައެކަނި އެވޯޑް ސަރުކާރުން "ހަވީރަ"ށް ދިނުމެވެ.
"އޭރު ވަޅޯމަހުގެ އަގު ވެސް ކޮންމެ ދުވަހަކު ބަލަން. ހިތުދަސްވާނެ އަގުތައް. ރާއްޖެ ކީއްކުރަން، ލަންކާ ހިސާބުގައި މަހުގެ އަގު ވެއްޓުނަސް އެ ވާހަކަ އޮންނާނެ ހަވީރުގައި. އެހާވަރަށް އޭގެ ތެރެއަށް ވަދެގެން އުޅުނިން. މަސްވެރިކަން އެ ދުވަސްވަރު ފުނޑިގެން ދިޔައިމާ އެ ދާއިރާގެ ލިޔުންތައް ވެސް ހުއްޓުނީ،" އިސްމާއިލް ބުންޏެވެ.
މި ވޭތުވެދިޔަ ނޫސްވެރިކަމުގެ ދިގު ހަޔާތުގައި އޭނާގެ ކުރިމަތިން އެތައް މަންޒަރެއް ފެނިއްޖެ އެވެ. އެތައް ހާދިސާއެއް ހިނގައިފި އެވެ. އެތަކެއް ލިޔުންތައް ލިޔެވިއްޖެ އެވެ. އެތައް ކަމަކާ ދިމާވެއްޖެ އެވެ. އެތައް ބަޔަކާ ވާހަކަ ދެކެވިއްޖެ އެވެ. އެތަކެއް ތަޖުރިބާ ކުރެވިއްޖެ އެވެ. އެހެން ނަމަވެސް، އޭނާ ބުނާ ގޮތުން، އެ ހުރިހަ ހަނދާންތަކުގެ ތެރެއިން ވެސް އޭނާއާ ދުރު ނުވާނެ ހަނދާނަކީ "ހުވާސް" ގެ މަސައްކަތްތަކެވެ.
"ހުވާސް އަކީ ހަގީގަތުގައި ވެސް އަހަރެން ފަހުރުވެރިވާ މަސައްކަތްތަކެއް. އެ މަޖައްލާ ނެރުނު ޓީމުގައި އެންމެ އިސް ތިން ހަތަރު މީހުންގެ ތެރޭގައި އަހަރެން ހިމެނި، ޓީމެއްގެ ގޮތުގައި އެ މަސައްކަތްކޮށް އޭގެ ނަތީޖާ އަހަރެމެން ނެރުނިން. އެ ނޫސްވެރިކަމަކީ އަހަރެމެންނަށް ކުރެވުނު މުޅިން އެހެން ކަހަލަ މަސައްކަތެއް. މާ ބޯޑަށް ވެސް ތަފާތު ނޫސްވެރިކަމެއް އެއީ. ހުވާސްގެ ސަބަބުން އިޖްތިމާއީ އެތައް ކަމަކަށް ގައުމުގެ ލޯހުޅުވުނު. ނޫސްވެރިކަމުގެ އެންމެ މަތީ ކޮލިޓީގެ ލިއުންތައް އޭގައި ހުންނާނެ. އިންވެސްޓިގޭޝަން ޖާނަލިޒަމް ރާއްޖޭގައި ނުކުރާ ފެންވަރަށް އޭގައި ކޮށްފައި އޮންނާނެ. އެތައް ބައިވަރު އާޓިކަލެއް ހުންނާނެ ސީދާ ރަށްރަށަށް ދަތުރުކޮށްގެން ގޮސް ހަދާފައި. މާލޭގައި ހުންނާނެ އެކި ދުވަސްތައް ހޭދަކޮށްފައި އެކިއެކި އިޝޫތަކުގެ ހަގީގަތް ބަލަން. އެތައް ރެއެއްގެ ނިދި މަހުރޫމްކޮށްލައިފައި އެންމެ ހަތަރު މީހަކު ނުނިދާ ތިބެ މެދުނުކެނޑި ދެ ދުވަހުގެ ތެރޭގައި ނެރުނު އެއްޗެއް ހުވާސް އަކީ،" ހުވާސްގެ އެސިސްޓެންޓް އެޑިޓަރު ބުންޏެވެ. "އެންމެ ސްޓޯރީއަކަށް އަހަރެމެން ދެ އަތޮޅެއްގެ ހުރިހާ ރަށަކަށްހެން ދަތުރުކުރިން. ގެއެއްގައި ކަރަންޓް ނެތް ވާހަކަ އެނގިގެން އެ ގެއަށް ގޮސްފައި އެރޭ ހަތަރު ދަމު އެގޭގައި ކައި ނިދައި ހަދައި އެ މީހުން އުޅުނު ގޮތްތައް ތަޖުރިބާކުރިން. ރަށްރަށަށް ގޮސް ބިރުވެރި މާހައުލުތަކުގައި އުޅެފައި އެބަހުރި ހުވާސްގެ ނޫސްވެރިން. ވަރަށް ނުރައްކާ މީހުންގެ ފަތިފުށްތައް ހާވައި، އެ މީހުން އުޅޭ ގޮތް ބަލާފައި ހުންނާނެ. އޭގެ ނަތީޖާ ވެސް ހުރީ ފެނިފައި. އިޖްތިމާއީ އެތައް މައްސަލަތަކެއް މީހުންގެ ސަމާލުކަމަށް އައި. އެކަމަކު އެހާ ވެސް އެހާ ވެސް ބުރަ މަސައްކަތެއް އެއީ. އަނބިމީހާ ނުފެނި ދެތިން ރޭ ވެސް ދާނެ. އެ ހުރިހާ ގޮތަކަށް އުޅެގެން އެ މަސައްކަތްތައް ނިންމަނީ،" އިސްމާއިލް ބުންޏެވެ.
"އިސްމާއިލް"ގެ ނަމަކީ ނޫސްވެރިކަމުގައި ބާރުގަދަ އަދި މަޝްހޫރު ނަމަކަށް ހަދައިދިނުމުގެ ފަހަތުގައި އެތައް ބައެއްގެ ބައިވެރިވުން އޮތް ކަން އޭނާ ފާހަގަކުރެ އެވެ. އޭނާ ބުނާ ގޮތުން "ޝައްކެއް ވެސް ނެތް ގޮތުގައި އެއީ ހަވީރުގެ ޓީމެވެ. ޗެއާމަންގެ އިތުރުން ދެން އޭނާ އެންމެ އަވަހަށް ފާހަގަ ކުރި އެކަކަކީ ހަވީރުގެ ކުރީގެ ޗީފް އެޑިޓަރު އަދި މިހާރު ސަން އޮންލައިންގެ ޗީފް އެޑިޓަރު ހިރިގާ އަހުމަދު ޒާހިރުގެ ނަމެވެ.
"އަހަރެން މި ހިސާބުގައި އަސްލު ބެހެއްޓި މީހަކީ ހިރިގާ،" އޭނާ ބުންޏެވެ. "ހިރިގާ ހުރިހާ ގޮތަކުން ވެސް އެހީވި. ޕާޒަނަލް ކަންތައްތަކުގައި ވެސް. މުޅި ކެރިއާ ބިލްޑް ކުރުމުގައި ވެސް."
އެ ލިސްޓަށް ހަވީރުގެ މިހާރުގެ އެޑިޓަރު މޫސާ ލަތީފާއި ކުރީގެ އެޑިޓަރު މުހަންމަދު ޝަހީބު ހިމެނެ އެވެ. އިސްމާ ބުނާ ގޮތުން "މި ދެ މީހުންނަކީ އަބަދު ވެސް ހެޔޮއެދޭ، ނަސޭހަތްދޭ އަދި އަހަރެންގެ ލިޔުންތެރިކަމުގެ ހަގީގީ މޭސްތިރިން."
އިސްމާއަކީ މިހާރު ހަމައެކަނި ލިޔުންތެރިއެއް ނޫނެވެ. އޭނާ އަކީ ނޫސްވެރިން ބިނާކުރަން ވެސް މަސައްކަތް ކުރާ މީހެކެވެ. ކުދިކުދި ކޯސްތައް އޭނާ ބާއްވައިދެ އެވެ. އޭގެ އިތުރުން އަމިއްލަ ރަށް، ބ. އޭދަފުށީގައި ކޮމިއުނިޓީ އޮންލައިން ނޫހެއް ވެސް އޭނާގެ ބެލުމުގެ ދަށުން ކުރިއަށް ގެންދެ އެވެ. މީގެ އިތުރުން އޭނާ އޭނާ އަކީ މީޑިއާ ކައުންސިލްގެ ބޯޑު މެމްބަރެއް ވެސް މެ އެވެ. -- ދެން އިތުރަށް އޭނާ ބޭނުންވަނީ ކޮން އެއްޗެއް ހެއްޔެވެ؟
"އަހަންނަކީ ހަގީގަތުގައި ނަމެއް، ބޮޑު މަގާމެއް ބޭނުންވާ މީހެއް ނޫން. މިހާރު ހުރިވަރު އޯކޭ،" އޭނާ ބުންޏެވެ.