ޖުޑީޝަލް ދާއިރާ އަށް ފަސް އިސް މެޖިސްޓްރޭޓުން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހަމަޖައްސައިފި އެވެ.

ޖޭއެސްސީން މިއަދު ބުނީ ފަސް ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓުން ހަމަޖައްސާފައި ވަނީ އިއްޔެ ކަމަށެވެ. އެގޮތުން ވ. އަތޮޅު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް ހަމަޖައްސާފައި ވަނީ އެއަތޮޅު ފެލިދޫ ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު މޫސާ މަނިކެވެ.

ދ. އަތޮޅު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް ހަމަޖައްސާފައި ވަނީ އެއަތޮޅު ކުޑަހުވަދޫ ކޯޓުގެ މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދެވެ.

ތ. އަތޮޅު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް ހަމަޖައްސާފައި ވަނީ އެއަތޮޅު ތިމަރަފުށީ ކޯޓުގެ މެޖިސްޓްރޭޓް ހަސަން ޒަހީނެވެ.

ލ. އަތޮޅު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް ހަމަޖައްސާފައި ވަނީ އެއަތޮޅު އިސްދޫ ކޯޓުގެ މެޖިސްޓްރޭޓް އަލީ ޝަރީފެވެ. އަދި ގދ. އަތޮޅު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓަކަށް ހަމަޖައްސާފައި ވަނީ އެއަތޮޅު ގައްދޫ ކޯޓުގެ މެޖިސްޓްރޭޓް މުހައްމަދު ރާޣިބް އަހުމަދެވެ.

އެ ފަސް ބޭފުޅުން ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް ހަމަޖައްސާފައި ވަނީ އެކަމަށް އެދި ކުރިމަތިލުމަށް ކޮމިޝަނުން ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވުމުން، ކުރަޓީރިއާގައިވާ ގޮތުގެމަތިން އިންޓަވިއުކުރުމަށްފަހު، ކޮމިޝަންގައި ނެގި ސިއްރުވޯޓަކުން ކަމަށް ޖޭއެސްސީން ބުންޏެވެ.

ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓަކަށް މުސާރަ އާއި އިނާޔަތްތަކާ އެކު ކޮންމެ މަހަކު 27،950ރ. ލިބެ އެވެ. އަދި ކޯޓެއްގެ އިސް މެޖިސްޓްރޭޓަކަށް މުސާރަ އާއި އިނާޔަތްތަކާ އެކު ކޮންމެ މަހަކު ލިބެނީ 25،600ރ. އެވެ.