އެމެރިކާގެ މިޒަމާނުގެ ތާރީހު ދުށް އެންމެ މަޝްހޫރު ޖެނެރަލް ޑޭވިޑް ޕެޓްރޮއިސްގެ ސިއްރު ލޯބީގެ ގުޅުމުގެ މައުލޫމާތު އެގައުމުގެ ސަރުކާރަށް މީގެ އެތައް މަހެއް ކުރިން ވެސް އެނގޭ ކަމަށާއި އެހެން ނަމަވެސް ރިޔާސީ އިންތިހާބު ނިމެންދެން އެކަން ސިއްރުކުރީ ކަމަށް އެގައުމުގެ ނޫސްތަކުން ބުނެފި އެވެ.

އެމެރިކާގެ ދަ ވޯލްސްޓްރީޓް ޖާނަލްއާ ހަވާލާދީ އިނގިރޭސިވިލާތުގެ ޑެއިލީ ޓެލެގްރާފް ނޫހުން ބުނީ ޕެޓްރޮއިސްގެ މައްސަލަ އެމެރިކާގެ އެޓާނީ ޖެނެރަލް އަށް މާކުރިން އެނގޭ ކަމަށެވެ. ނަމަވެސް ޕެޓްރޮއިސްގެ އިސްތިއުފާގެ މައްސަލަ ރައީސް ބަރަކް އޮބާމާގެ ކެބިނެޓާ ހަމައަށް އައީ އަދި ކިރިޔާ ކަމަށެވެ.

އެ ނޫހުން ބުނީ އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީއައިއޭ)ގެ ކުރީގެ ވެރިޔާ ޑޭވިޑް ޕެޓްރޮއިސްގެ ގުޅުމުގެ މައްސަލަ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)ގެ އެޖެންޓުން ތަހުގީގުކުރަމުންދާ ކަން މިދިޔަ ހޫނު މޫސުމުގެ ފަހުކޮޅު ޖަސްޓިސް ޑިޕާޓްމެންޓްގެ ވެރިޔާ އެރިކްހޯލްޑާ އަށް އަންގާފައިވާ ކަމަށެވެ.

ޕެޓްރޮއިސްގެ ސިއްރު ލޯބިވެރިޔާ ޕައުލާ ބްރޯޑްވެލްގެ ކޮމްޕިއުޓަރުގައިވާ ސިއްރު މައުލޫމާތުތައް އެފްބީއައިގެ އެޖެންޓުން އޭރު ހޯދާފައިވީ ނަމަވެސް އެހުރިހާ ކަމެއް ފާއިތުވި ހަފުތާއާ ހަމައަށް އޮތީ ސިއްރުކޮށްފަ އެވެ.

އެމައްސަލަ އިންތިހާބު ނިމެންދެން ސިއްރުކުރީ ރައީސް ބަރަކް އޮބާމާގެ އަރިސް ބޭފުޅަކަށް އެކަން އެނގިގެން ކަމަށް ތުހުމަތު ކުރެވިފައިވާ އިރު އެކަން މިހާރު ވަނީ ބޮޑު މައްސަލައަކަށްވެފަ އެވެ.

ޕައުލާގެ ބައްޕަ ދެކޭ ގޮތުގައި އޭނާގެ ދަރިފުޅު ވަނީ މުޅިން އެހެން ކަމެއް ސިއްރުކުރަން ހިންގި ކަންތައްގަނޑެއްގެ ޝިކާރައަކަށް ވެފަ އެވެ. އަނެއް ކޮޅުން ޖެނެރަލް ޕެޓްރޮއިސްގެ ސަޕޯޓަރުން ދެކޭ ގޮތުގައި ލީބިޔާގެ ބެންގާޒީގައި ހުރި ކޮންސިއުލޭޓަށް ދިން ހަމަލާއާ ބެހޭ ގޮތުން ސުވާލުކުރުމަށް ކޮންގްރެސްގެ ކޮމިޓީއަކަށް މިހަފުތާގައި އޭނާ ހާޒިރުކުރާ ކުރުމާއި އޭނާގެ އިސްތިއުފާއާ ގުޅުމެއްވެ އެވެ.

ޕެޓްރޮއިސްގެ މައްސަލައިގާ މިފަދަ ވާހަކަތައް ދެކެވުނު ކަމަށް ވިޔަސް އެފްބީއައި އިން ވެސް އަދި ޖަސްޓިސް ޑިޕާޓްމަންޓުން ވެސް މިކަމާ މެދު ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ. ނަމަވެސް އެދެ މުއައްސަސާގެ ބައެއް އޮފިޝަލުން އަމިއްލަ ގޮތުން ބުނެފައިވާ ގޮތުގައި އެމައްސަލައިގެ މައުލޫމާތު ރިޔާސީ ގަނޑުވަރު ވައިޓްހައުސްއަށް އޭރު ނުފޮނުވީ އެކަމުގައި ސަލާމަތަށް ނުރައްކާވާ އެއްވެސް ކަމެއް ނެތީމަ އެވެ.