13 Nov 2012, 09:29
ޤާހިރާ (ނޮވެމްބަރ 13): ސޫރިޔާގެ ރައްޔިތުންގެ ބޭނުންތަކާއި އެމީހުންގެ އުންމީދުތައް ތަމްސީލްކޮށްދޭ ހަމައެކަނި ޝަރުއީ ފަރާތަކީ ދާދިފަހުން އެކުލަވާލި އެ ގައުމުގެ އިދިކޮޅު ކޯލިޝަން ކަމަށް ޢަރަބި ލީގުން އިޢްތިރާފް ވެއްޖެ އެވެ.
ޢަރަބި ލީގުން މިކަމަށް އިޢުތިރާފްވެފައި ވަނީ އެލީގުގެ ކައުންސިލެއް ކަމަށްވާ ޢަރަބި ވަޒީރުންގެ ކައުންސިލްގެ މެންބަރުން ރޭ ބައްދަލުކުރެއްވުމަށް ފަހު ނެރުނު ބަޔާނެއްގަ އެވެ. މިބަޔާނަށް ލުބްނާނުގެ މަންދޫބު ވަނީ އިދިކޮޅު ހައްދަވައިފަ އެވެ. މި މިނިންމުމަށް ލުބްނާނުގެ މަންދޫބު ވޯޓު ދެއްވާފައިނުވާ ކަމަށް ވެސް ހަބަރުލިބެ އެބެ އެވެ. މީގެ އިތުރުން އިރާގާއި އަލްޖަޒާއިރުން ވެސް ވަނީ މި ގަރާރާ މެދު ހިތްހަމަނުޖެހޭކަން ހާމަކޮށްފަ އެވެ. މިބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ގަތަރުގެ ޚާރިޖީ ވަޒީރު ޙަމަދް ބިން ޖާސިމް ވިދާޅުވެފައި ވަނީ ޢަރަބި ލީގަށް ނިސްބަތްވާ ޢަރަބި ވަޒީރުންގެ ކައުންސިލްގެ ނިންމުމަކީ ރަނގަނޅު ނިންމުމެއް ކަމަށާއި މިއީ ސޫރިޔާގެ ރައްޔިތުން ތަމްސީލްކުރާ ޝަރްޢީ ފަރާތަކީ ވެސް ސޫރިޔާގެ މިހާރުގެ ސަރުކާރުގެ ބަދަލުގައި އެ ގައުމުގެ އިދިކޮޅު ކޯލިޝަން ކަމަށް ނިންމުމަށް ޢަރަބި ލީގުން އެޅި ފުރަތަމަ ފިޔަވަޅުކަމަށް ގަބޫލުކުރެއްވޭ ކަމުގަ އެވެ.
ސޫރިޔާގެ އިދިކޮޅު ކޯލިޝަން އުފައްދާފައި ވަނީ ޤަތަރުގެ ވެރިރަށް ދަވްޙާގައި ކުރިޔަށްދިޔަ ސޫރިޔާގެ އިދިކޮޅު ފަރާތްތަކުގެ މަހާސިންތާއިންނެވެ. މިކޯލިޝަންގެ ބޭނުމަކީ ބައިބައިވެފައިވާ ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކާއި ހަނގުރާމަވެރިން އެއްކުޑައެއްގެ ދަށުން އެއްޖަމާއަތެއްގެ ގޮތުގައި ނުކުތުމެވެ. އަދި ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް ބައިނަލްއަޤްވާމީ އިޢްތިރާފް ހޯދުމަކީ ވެސް މި ކޯލިޝަން އެކުލަވާލުމުގެ މައިގަނޑު ބޭނުންކަމަށް މިކޯލިޝަންގެ ޒަޢީމް މުޢާޛުލްޚަތީބް ވިދާޅުވި އެވެ. ރައީސް ބައްޝާރުލް އަސަދްގެ ވެރިކަން ވައްޓާލުމަށް ސޫރިޔާގެ އިދިކޮޅު ކޯލިޝަނަށް ޢަސްކަރީ ގޮތުންނާއި ޑިޕްލޮމެޓިކް ގޮތުން މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި މަސައްކަތް ކުރެވޭނީ ބައިނަލްއަޤްވާމީ އިޢްތިރާފް ލިބިގެން ކަމަށް ވެސް މުޢާޛު ވިދާޅުވި އެވެ. (އަލްޖަޒީރާ)