13 Nov 2012, 09:25
ޣައްޒާ (ނޮވެމްބަރ 13): އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން ގެންދާ ވައިގެ ޙަމަލާތަކުގެ ތެރޭން ތިން ޙަމަލާއެއް މިއަދު ހެނދުނު އެސަރަޙައްދަށް ދީފި އެވެ.
މީގެ ތެރެއިން އެއް ޙަމަލާ އަމާޒުކޮށްފައި ވަނީ ޣައްޒާގެ ހުޅަނގުގެ ސަރަޙައްދަކަށް ކަމަށާއި މި ހަމަލާގައި މީހަކަށް ގެއްލުން ލިބިފައިނުވި ނަމަވެސް ޙަމަލާގެ ސަބަބުން އަލިފާން ރޯވެފައިވާ ކަމަށް ޣައްޒާގެ އަމްނާބެހޭ ދާއިރާތަކުން ބުނެ އެވެ. އަނެއް ޙަމަލާ އަމާޒުކޮށްފައި ވަނީ އައްނުސައިރާތު ރެފިއުޖީ އަވަށުގެ އިރުމަތީގެ ސަރަޙައްދަކަށެވެ. ތިން ވަނަ ޙަމަލާ ދީފައި ވަނީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ ޙަމާސްގެ ޢަސްކަރީ ގޮފީގެ ތަމްރީން މަރުކަޒަކަށް ކަމަށް ވެސް ޚަބަރު ލިބެ އެވެ. އިސްރާއީލުން ވެސް ވަނީ މިތިން ޙަމަލާ މިއަދު ހެނދުނު ޣައްޒާއަށް ދިންކަން ކަށަވަރުކޮށްދީފަ އެވެ. އިސްރާއީލުން ޣައްޒާއަށް ސިލްސިލާ ޙަމަލާތަކެއް ދެމުންގެންދާތާ ދިހަ ވަރަކަށް ދުވަސް ވެއްޖެވެ. މިޙަމަލާތަކުގައި ފަލަސްތީނުގެ ޢާންމުންގެ ހަ މީހަކު ޝަހީދުވެ 35 މީހަކު ޒަޚަމްވެފައިވެ އެވެ. ޝަހީދުވި ހަ މީހުންގެ ތެރެއިން ހަތަރު މީހުންނަކީ އާންމުންނެވެ. އަނެއް ދެ މީހުންނަކީ ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ފަލަސްތީނުގެ ޖަމާއަތްތަކަށް ނިސްބަތްވާ ދެ ފިދާއީން ނެވެ.
އިސްރާއީލުން ޣައްޒާ އަށްދޭ ޙަމަލާތަކަށް ފަލަސްތީނުގެ ފިދާއީ ޖަމާއަތްތަކުން ވެސް ގެންދަނީ ރައްދު ދެމުންނެވެ. ފިދާއީން އިސްރާއީލަށް 120 ރޮކެޓް ޙަމަލާ ދީފައިވާ އިރު އިސްރާއީލުގެ ހަތަރު މީހަކު ވަރަށް ބޮޑަށް ޒަޚަމްވެފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ. ފިދާއީންގެ ރޮކެޓްތައް މައިތިރިކުރުމަށް އިސްރާއީލުން ރޮކެޓް އައްޑަނައިގެ ނިޒާމެއް ޤާއިމްކޮށްފައިވީ ނަމަވެސް މިހުރިހާ ރޮކެޓެއް ވެސް އިސްރާއީލަށް އަރާފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. ޣައްޒާއަކީ 1967ގެ ހަނގުރާމައިގާ އިސްރާއީލުން ގަދަބާރު ހިފައި އިސްތިޢްމާރުކޮށްފައިވާ ފަލަސްތީނުގެ ސަރަޙައްދެކެވެ. (އަލްޖަޒީރާ)