13 Nov 2012, 09:24
ޓޫރިޒަމް ދާއިރާގެ ޓެކްސްތައް ބޮޑުކޮށް ރިސޯޓްތަކަށް ޑޮލަރު މާރުކުރެވޭ އަދަދު ހަނިކުރަން އައިއެމްއެފުން ސަރުކާރަށް ހުށަހަޅައިފި އެވެ.
ރާއްޖޭގެ އިގްތިސޯދު ރިވިއު ކުރުމަށް މިހާރު ޒިޔާރަތްކުރަމުން އަންނަ އައިއެމްއެފްގެ ވަފުދުން އިއްޔެ މަރުކަޒީ ބޭންކްގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އެ މިޝަންގެ ޗީފް އަދި ރާއްޖެ އާއި ލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ އެ ޖަމާއަތުގެ ރެޕްރެޒެންޓެޓިވް ކޯޝީ މަތާއީ ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީ މިހާރު ވެސް ރަނގަޅު ކަމަށާއި ނަމަވެސް އަންނަ އަހަރުގެ ބަޖެޓަށް އިތުރު އާމްދަނީތަކެއް ލިބޭނެ ގޮތް ހަދަން ޖެހޭ ކަމަށެވެ. އެގޮތުން އިމްޕޯޓް ޑިއުޓީ އިއާދަ ކުރުމާއި ޓޫރިޒަމް ޓެކްސް އަދިވެސް އިތުރު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެ ވާހަކަތައް ކަމާ ބެހޭ ހުރިހާ ފަރާތްތަކާ ހިއްސާކޮށްފައިވާނީ. ރާއްޖެ އަކީ ޓޫރިޒަމް ރަނގަޅު ގައުމަކަށްވާ އިރު ރާއްޖެ ކަހަލަ ގައުމުތައް މިސާލަކަށް މޮރިޝިއަސް ކަހަލަ ގައުމުތަކުގައި މިއަށް ވުރެ ބޮޑެތި ޓެކްސް ނަގަނީ، އެ ބަދަލުތައް ގެންނަން މާލިއްޔަތު ކޮމެޓީގައި ވެސް ދެންނެވިން،" މަތާއީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ އިގްތިސޯދަށް ބޭނުން ވަނީ ހިފެހެއްޓިފައިވާ އިގްތިސޯދީ ސިޔާސަތުތަކެއް ކަމަށެވެ. އެގޮތުން ބޭރު ފައިސާގެ ދެތިކަން ހައްލުކުރުމަށް މަނިޓަރީ ޕޮލިސީތައް ހަރުދަނާކޮށް ޑޮލަރުން ލިބޭ އާމްދަނީ ގައުމުގައި ބެހެއްޓުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖެ ކަހަލަ ގައުމެއް ނުދެކެން. ބޭނުން ވަރަކަށް ޑޮލަރު ގެންދެވޭ. އެހެން ގައުމުތަކުގައި ގެންދާ ޑޮލަރު ގިނަ ވެއްޖިއްޔާ ކަސްޓަމްސް އިން ސުވާލުކުރާނެ. ބޮޑު ޕްރޮސެސްއެއް ދާނެ. އެހެންވީމާ މި ގާނޫނާއި ގަވާއިދުތައް ހަރުދަނާ ކުރަން ޖެހޭ،" މަތާއީ ވިދާޅުވި އެވެ.
އަންނަ އަހަރުގެ ބަޖެޓްގެ މައްޗަށް އަލިއަޅުއްވާ ލައްވައި އޭނާ ވިދާޅުވީ ބަޖެޓް ވާންޖެހޭނީ ހަގީގަތް ހާމަކޮށްދޭ ބަޖެޓަކަށް ކަމަށާއި އަންނަ އަހަރުގެ ބަޖެޓް ރަނގަޅަށް އެކުލަވާލުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ. އެގޮތުން ކަރަންޓް ސަބްސިޑީ ކަނޑާލައި އާސަންދަ އަށް ބަދަލުތަކެއް ގެންނަން ވެސް ލަފާދީފައިވާނެ ކަމަށް މަތާއީ ވިދާޅުވި އެވެ. އެގޮތުން ކާޑުގެ ސަބްސިޑީ ވެސް ރިސޯޓްތަކަށް ވެސް އެކްސެސްކުރެވޭ ގޮތަށް ހުރުމުން އެކަން ވެސް ހުއްޓުވަން އެދިފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސަބްސިޑީ އެންމެ މުއްސަދި މީހާ އަށް ވެސް ބޭނުންކުރެވޭ. އެކަން ބަދަލުކުރަން އަޅުގަނޑުމެން ވާނީ ހުށަހަޅާފައި. އެކަން އެގޮތަށް ބަދަލުކުރަން ޖެހޭ. ސަބްސިޑީ މުއްސަދިންނަށް ބޭނުން ކުރެވޭ އެއްޗަކަށް ވެގެން ނުވާނެ،" މަތާއީ ވިދާޅުވި އެވެ.
އަދި ދައުލަތުގެ ހަރަދުތައް ކުޑަކޮށް ލިބޭ އެއްޗަކުން ދެކޮޅު ޖައްސާ ސިވިލް ސާވިސް ކުޑަކޮށް ޕްރައިވެޓް ސެކްޓަރު ފުޅާކުރުމަށް ޖާގަ ދިނުމަށް އައިއެމްއެފް އިން ވަނީ މިފަހަރު ވެސް ގޮވާލައިފަ އެވެ.