އިސްތަށިގަނޑަކީ ރީތިކަން ދައްކުވައިދޭ އެންމެ މުހިއްމު އެއް ބައެވެ. މިއަށް ފަރުވާތެރިވުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. އިސްތަށިގަނޑު ރީތިކޮށް ބެހެއްޓުމަށް ހަށިގަނޑުގެ އެތެރެއިންނާއި ބޭރުން އެއަށް ފަރުވާ ކުރަން ޖެހެއެވެ. މިގޮތުން ކުރެވިދާނެ ބައެއް ކަންތަކަކީ:

1. ގިނައިން ޕްރޮޓިން އާއި އަޔަން ހިމެނޭ ކާނާ ކާށެވެ.
އިސްތަށި އުފެދިފައި ބަނީ "ކެރަޓިން" ކިޔާ ޕްރޮޓިން މާއްދާ އަކުންނެވެ. އެހެން ކަމުން ކެއުމުގައި ގިނައިން ޕްރޮޓިން ހިމެނޭ ކާނާ ހިމަނާ ކަމުގައި ވާނަމަ އިސްތަށިގަނޑު ވަރުގަދަ ވެއެވެ. އަދި އަޔަން ގެ ސަބަބުން އިސްތަށި ދިގުވުމަށް އެހީވެދެއެވެ.

މަހާއި ބިހަކީ މި ދެމާއްދާ ވެސް ހިމެނޭ ކާނާއެވެ. ރޭނގަޑު ނުކައި ހުރުމުގެ ސަބަބުން ހެނދުނާއި މެންދުރު ގަޑީގައި އިސްތަށިގަނޑުގައި ހުންނަ ނިއުޓްރިއަންޓްސް ހުންނާނީ މަދުވެފަ އެވެ. އެހެން ކަމުން ބޮޑަށް ރަނގަޅީ ހެނދުނު ސައި އަދި މެންދުރު ކެއުމަށް މި މާއްދާ ހިމެނޭ ކާނާ ކެއުމެވެ.

2. ބޯ ދޮންނާނެ ގޮތް
އިސްތަށިގަނޑަކީ ކިތަންމެ ބޯ އަދި ދިގު އިސްތަށިގަނޑަ ކަށް ވިއަސް، ޝޭމްޕޫ ލައިގެން ބޯ ދޮންނަ އިރު އެންމެ ބޮޑަށް އިސްކަން ދޭންވާނީ އިސްތަށީގެ ބުޑު އަދި ބޮލުގެ ތަލަ ދޮވުމަށެވެ. ޝޭމްޕޫ ރަނގަޅަށް ބޮލުގެ ތަލައިގައި މަސާޖް ކުރުމަށް ފަހު ދޮވެލާށެވެ. ޝޭމްޕޫތައް ދޮވެވޭއިރު ހުންނާނީ މުޅި އިސްތަށިގަނޑުވެސް ރީތި ކޮށް ދޮވެވިފައެވެ.

3. ކޮންޑިޝިއަނަރ ހާކާނެ ގޮތް
ޝޭމްޕޫ ކުރުމާއި ޚިލާފަށް ކޮންޑިޝިއަނަރ ހާކާނީ އިސްތަށީގެ ކޮޅުގައެވެ. އެއީ އިސްތަށީގެ ކޮޅަކީ އިސްތަށިގަނޑުގެ އެންމެ ދުވަސް ވީ ބައި ކަމުން ބޮޑަށް ހަލާކުވެފައި ހުންނާނީ ވެސް މިބައި ކަމުގައި ވާތީއެވެ. ކޮންޑިޝަނަރ ގެ ސަބަބުން އިސްތަށިގަނޑު އުޖާލާވެ މޮއިސްޗަރައިޒް ކޮށްދެއެވެ. އަދި ދެކަފި ވެފައި ހުންނަ އިސްތަށި ތަކަށް ވެސް ފަރުވާއަކަށް ވެއެވެ.

4. އިސްތަށިގަނޑަށް ބޮޑަށް ފަރުވާތެރި ވާށެވެ
އިސްތަށިގަނޑުން ފެން ނުހިކޭ ގަޑި އަކީ އެންމެ ބޮޑަށް އިސްތަށިގަނޑަށް ފަރުވާތެރި ވާންޖެހޭ ގަޑިއެވެ. އެއީ އެގަޑީގައި އިސްތަށިގަނޑު ހަލާކުވާން ފަސޭހަވާނެތީ އެވެ. މިގޮތުން ބޯ ނުހިކޭ އިރު އިސްތަށިގަނޑަށް އިތުރަށް ފަރުވާ ތެރި ވުމަށް ކުރެވިދާނެ ބައެއް ކަންތަކަކީ:

• ތުވާލިން އެއްކޮށް ބޯ ނުހިއްކާ ތުވާލި މަޑުމަޑުން އިސްތަށިގަނޑުގައި ޖައްސާށެވެ. ބޮޑަށް ތުވާލީ ބޮލުގައި ފެންހިއްކަން އުނގުޅުމުން އިސްތަށިގަނޑު ޑްރައިވެ ބަލިކޮށްދެ އެވެ.
• ތެމިފައި އޮންނައިރު ބޮލުގައި ފުނާ އެޅުން ރަނގަޅެއް ނޫނެވެ. ކޮންމެ ހެން ފުނާ އަޅަން ޖެހޭނަމަ ދަތްތައް ފުޅާ ފުނަލެއް އިހްތިޔާރު ކުރާށެވެ. އަދި ފުނާ އަޅާނީ އިސްތަށީގެ ތިރިން ފެށިގެން މައްޗަށެވެ. އޭރުން ލިބޭ ގެއްލުން ކުޑަ ވާނެއެވެ.

5. ބްލޯ ޑްރައި ކުރާނެ ގޮތް
ބްލޯ ޑްރައި ކުރުމުން އިސްތަށިގަނޑު ރީތި ކޮށް ބޭނުން ގޮތަކަށް ހަދާލެވެއެވެ. އެކަމަކު ބްލޯ ޑްރައި ކުރުމަކީ އިސްތަށި ޑްރައި ކޮށްދޭ ކަމެކެވެ. އެހެން ކަމުން އޭގެން ސަލާމަތް ވުމަށް ބްލޯ ޑްރައި ކުރާކަމުގައި ވާނަމަ ލީވް އޮން ކޮންޑިޝިއަނަރ އެއް ބޭނުން ކުރާށެވެ. އޭރުން އިސްތަށިގަނޑު ބޮޑަށް މޮއިސްޗަރައިޒް ކޮށްދޭނެ އެވެ. އަދި ބްލޯ ޑްރައި ކުރާއިރު އިސްތަށިގަނޑު ހުންނާނީ ރައްކާ ކުރެވިފައެވެ. ލީވް އޮން ކޮންޑިޝަނަރ އަކީ ކޮންޑިޝަނަރ ގެ ވައްތަރެކެވެ. އެކަމަކު މި ކޮންޑިޝަނަރ ހާކާފަ ބޯ ދޮންނާކަށް ނުޖެހެއެވެ.

6. އަބަދު އެއް ގޮތަކަށް ބޯ ނުއަށްސާށެވެ.
އަބަދު އެއް ދިމާއަކުން އެއް ގޮތަކަށް ބޯ އައްސާކަމުގައި ވާނަމަ އެދިމާލުން އިސްތަށި ފޭބުމަށް މަގުފަހިވެއެވެ. އެހެން ކަމުން އެންމެ ރަނގަޅު ގޮތަކީ އެކި ދުވަސް ދުވަހު އެކި ތަނުން ބޯ އެއްސުމެވެ. އަދި ބޯ އައްސަން ގެންގުޅޭ ވޫލް ކޮޅަކީ އެހާ ބާރު ނޫން ވޫލް ކޮޅަކަށް ވެސް ވާން ޖެހެއެވެ.

7. އަވިން އިސްތަށިގަނޑު ސަލާމަތް ކުރާށެވެ.
އަވިން ސަލާމަތް ކުރަން ޖެހެނީ ހަމަ އެކަނި ހަމެއް ނޫނެވެ. އިސްތަށިގަނޑަކީ ވެސް އަވިން ސަލާމަތް ކުރަން ޖެހޭ އެއްޗެކެވެ. އަވީގައި ހިމެނޭ ޔޫވީ ލައިޓް ގެ ސަބަބުން އިސްތަށިގަނޑު ޑްރައިވެ، ހަލާކުވެ، ދެކަފި ވެއެވެ. މިކަމަށް އެންމެ ރަނގަޅު ގޮތަކީ އިސްތަށިގަނޑު އެއްކޮށް އަވިން ސަލާމަތް ކުރުމެވެ. ގިނައިރު ބޭރުގައި އަވީގައި އުޅެން ޖެހޭ ނަމަ ތޮއްޕެއް ނުވަތަ ސްކާފް އެއް ބޮލުގައި އައްސާށެވެ. އެހެން ހަދަން ބޭނުން ނުވާ ކަމުގައި ވާނަމަ ޔޫވީ ޕްރޮޓެކްޓިން ހެއަރ ކްރީމް ނުވަތަ ސްޕްރޭ އެއް ބޭނުން ކުރާށެވެ.