18 Sep 2010, 10:33
ޗާޓުގެ އެތެރެ އަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވަދެވަޑައިގަތުމުން ނޫނީ ސަރުކާރާ އެކު މަޝްވަރާތައް ނުކުރުން ޑީއާރްޕީގެ ލީޑަޝިޕްގެ މައްޗަށް ލާޒިމްކުރުމަށް ކައުންސިލް މެންބަރުންތަކެއް ހުށަހަޅައިފައިވާ ގަރާރަކީ، އެޖެންޑާކުރެވޭ ގޮތަށް ހުށަހަޅައިފައިވާ ގަރާރެއް ނޫން ކަމަށް ކައުންސިލްގެ އެހެން މެންބަރަކު ވިދާޅުވެއްޖެ އެވެ.
ނަން ހާމަނުކުރުމަށް އެދި ސަންއެފްއެމަށް މައުލޫމާތު ދެއްވި ކައުންސިލް މެންބަރަކު ވިދާޅުވީ، ގާނޫނު އަސާސީ އާއި ގާނޫނުން ބޭރުން ސަރުކާރުން ކަންތައްތައް ކުރާހާ ހިނދަކު ޑީއާރުޕީން ސަރުކާރާއެކު ވާހަކަ ނުދެއްކުމަށް މީގެ ކުރިން ވެސް ނިންމައިފައިވާ ކަމަށެވެ.
ފަނަރަ ކަމެއް ފާހަގަކޮށް ޑީއާރުޕީގެ ދެ ޑެޕިއުޓީ ލީޑަރުން ކަމަށްވާ ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި އުމަރު ނަސީރުގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާއި ވައިކަރަދޫ ދާއިރާގެ މެމްބަރު އަލީ އާރިފު ސޮއިކުރައްވައި ހުށަހަޅުއްވައުފައިވާ މި ގަރާރުގައި ވަނީ، ސަރުކާރުން ޣައިރު ގާނޫނީ ކަންތައްތައް ކުރަމުންދަނިކޮށް އެ ފަރާތާ އެކު ޑީއާރުޕީން ވާހަކަ ދައްކައި މަޝްވަރާތައް ބޭއްވުމަކީ އެ އަމަލުތަކަށް ލިބޭ ހިތްވަރަކަށްވާނެ ކަމަށެވެ. އަދި ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ ޣައިރު ގާނޫނީ އަމަލުތައް ހުއްޓުވުމަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ ނުކުޅެދި ގޮތް ހުސްވެއްޖެ ކަމަށް އެ މަނިކުފާނަށް އިހުސާސް ކުރެއްވިއްޖެ ނަމަ، ހުދުމުހުތާރު އަމަލުތައް އިތުރުކުރައްވަމުން ގެންދަވާނެ ކަމަށް ވެސް ގަރާރުގައި ފާހަގަކުރައްވާފައިވެ އެވެ.
މި ގަރާރު ހުށަހެޅުއްވުމުގައި އިސްކޮށް ހުންނެވި އުމަރު ނަސީރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނުތަކަށް ސަރުކާރުން ބޯނުލަނބައި، ބޮލާލާ ޖަހަމުންދާ ކަމަށެވެ. އެގޮތުން މާލިއްޔަތުގެ ގާނޫނު ތަސްދީގު ކުރައްވާފައިނުވާ ކަމަށާއި، އެމްއެންބީސީގެ ގާނޫނު ތަސްދީގު ކުރެއްވި ނަމަވެސް އެތަނުގެ ބޯޑު ގަބޫލުކުރުމަށް ސަރުކާރުން އިންކާރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދައުލަތުގެ މުދާތައް ވިއްކާލުމަށް އިދިކޮޅު ފަރާތްތަކުން ދެކޮޅުހަދައި ގާނޫނަށް ބަދަލު ގެނައުމުން އެކަމަށް ގޮންޖައްސަވައި ގާނޫނުން ބޭރުން ސަރުކާރުގެ މުދާތައް ބޭރުގެ ފަރާތްތަކަށް ވިއްކަމުން ގެންދާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އުމަރު އަދި ވިދާޅުވީ، މި ގަރާރު ފާސްކުރުމާމެދު ޕާޓީ ކައުންސިލް މެންބަރުންނާ ވާހަކަ ދެއްކެވުމުން ކައުންސިލްގައި ހިމެނިވަޑައިގަންނަވާ 33 މެންބަރުންގެ އަޣުލަބިއްޔަތުން ގަރާރު ފާސްވާނެ ކަމަށެވެ. ނަމަވެސް ކައުންސިލްގެ ބައްދަލުވުމެއް ބޭއްވޭނެ ކަމަށް ޕާޓީގެ ލީޑަރު އަހްމަދު ތަސްމީން އަލީ ކޮންމެ ހަފްތާއަކު ވިދާޅުވި ނަމަވެސް ބައްދަލުވުމެއް ބޭއްވޭނެ ދުވަހެއް އެނގިވަޑައިނުގަންނަވާ ކަމަށާއި، ކައުންސިލްގެ ދެން އޮންނަ ބައްދަލުވުމަކަށް އެ މައްސަލަ އެޖެންޑާ ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އަދި ފުރަތަމަ ބައްދަލުވުމަށް އެ މައްސަލަ އެޖެންޑާ ނުކުރެވިއްޖެނަމަ، ކައުންސިލް ގަވާއިދުގައި ބުނާގޮތަށް ހަ މެންބަރުންގެ ސޮޔާއެކު އެ ގަރާރު އެޖެންޑާ ކުރުމަށް މަޖުބޫރުކޮށް ދެން އޮންނަ ބައްދަލުވުމަކަށް ހުށަހަޅުއްވާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ޕާޓީ ކައުންސިލަކީ، ޕާޓީގެ އެންމެ މަތީ ގުނަވަން ކަމަށާއި، ޕާޓީގެ ސިޔާސަތު ރާވަނީ ކައުންސިލުން ކަމަށެވެ. އަދި މި މައްސަލައަކީ ސިޔާސަތާ ބެހޭ މައްސަލައެއް ކަމަށާއި، ކައުންސިލުން ނިންމާ ކޮންމެ ކަމަކާ އެއްގޮތަށް ޕާޓީގެ ހުރިހާ ގުނަވަކުން ކިޔަމަންވާންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.