19:00


މިނިސްޓްރީ އޮފް ހައުސިން ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓުގެ ނަން މިނިސްޓްރީ އޮފް ހައުސިން އެންޑް އެންވަޔަރަންމަންޓުގެ ނަމަށް ބަދަލުކޮށް ކުރިން އެ މިނިސްޓްރީން ކުރަމުން އައި ޓްރާންސްޕޯޓާ ގުޅޭ ހުރިހާ ކަމެއް މިނިސްޓްރީ އޮފް ސިވިލް އޭވިއޭޝަން އެންޑް ކޮމިއުނިކޭޝަންގެ ދަށަށް ބަދަލުކޮށްފި އެވެ.


ދިވެހި ސަރުކާރުގެ ގެޒެޓުގައިވާ ބުނެފައި ވަނީ ޓްރާންސްޕޯޓާ ގުޅޭ ހުރިހާ މަސައްކަތްތަކެއް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް ނިންމެވީ މިދިޔަ މަހުގެ 23 ގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީގެ ދަށުން ހިނގަމުން އަންނަ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުތަކުން ކުރާ މަސައްކަތްތަކުގެ ތެރެއިން ކުޑަކުދިންނާ ގުޅޭ ކަންތައްތައް ހޯމް މިނިސްޓްރީ އަށް ބަދަލުކުރުމާ ގުޅޭ ގޮތުން ވެސް އެ ބައްދަލުވުމުގައި ވަނީ ނިންމަވާފަ އެވެ.


ހައުސިން މިނިސްޓްރީގެ މަސައްކަތުގެ އޮނިގަނޑަށް ގެންނަން ވަޒީރުންގެ މަޖިލީހުން ނިންމެވި ބަދަލުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ވެސް ކެބިނެޓުން ނިންމަވާފައިވާ ކަމަށް ސަރުކާރުގެ ގެޒެޓުގައި ބުނެފައިވެ އެވެ.


ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުތަކުން ކުރާ ކުޑަކުދިންނާ ގުޅޭ މަސައްކަތްތައް ހޯމް އެފެއާޒް މިނިސްޓްރީ އަށް ބަދަލު ކުރުމާ ގުޅޭ ގޮތުން އެ މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީ އަދި ހެލްތު އެންޑް ފެމިލީ މިނިސްޓްރީން އަލުން މަޝްވަރާ ކުރުމަށް ފަހު ކެބިނެޓަށް ކަރުދާހެއް ހުށަހެޅުމަށް ވެސް ނިންމަވާފައިވާ ކަމަށް ގެޒެޓުގައިވެ އެވެ. އެ ތިން މިނިސްޓްރީން މަޝްވަރާ ކުރާނީ ޔަތީމު ކުދިންނާއި ދަރިފުޅު ދޫކޮށްލުމުގެ ސަބަބުން ވިލިމާލޭގެ ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންނާއި މަގުމަތީގައި ގިނަވެގެން އުޅޭ ކުދިންގެ ތެރެއިން މާފުއްޓަށް ގެންދާ ކުދިންނާއި އެކި މައްސަލަތަކާ ގުޅޭ ގޮތުން ފޭދޫފިނޮޅަށް ގެންދާ 18 އަހަރު ނުފުރޭ ކުދިންނާ ބެހޭ ގޮތުން ކަމަށް ވެސް ގެޒެޓުގައިވެ އެވެ.


މިކަމާ ގުޅިގެން ސަރުކާރުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.