12 Nov 2012, 22:26
ފުލުހުންނަށް ނުކިޔަމަންތެރިކަން ދެއްކި ކަމުގެ ތުހުމަތުގައި މާލޭ ސިޓީ ކައުންސިލްގެ މެމްބަރު، އިބްރާހިމް ސުޖާއު ފުލުހުން މިރޭ ހައްޔަރުކޮށްފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ސުޖާއު ހައްޔަރުކޮށްފައި ވަނީ މިއަދު އިރުއޮއްސުނު ވަގުތު ފޯނުން ވާހަކަ ދައްކަމުން ސައިކަލް ދުއްވި މައްސަލައަކާ ގުޅިގެންނެވެ. އޭނާ ފޯނުން ވާހަކަ ދައްކަވަމުން ސައިކަލުގައި ވަޑައިގަންނަވާތަން ފެނުމުން، ފުލުހުން ވަނީ ސައިކަލް މަޑުކުރުމަށް އަންގައިފަ އެވެ. ނަމަވެސް ފުލުހުންގެ އަމުރަށް އޭނާ ނުކިޔަމަންތެރިކަން ދެއްކި ކަމަށް އެނގިފައިވެ އެވެ.
އެކަން ހިނގި ގޮތް ސާފުކުރުމަށް ސުޖާއުއާ މިރޭ ސަން އިން ގުޅުމުން އޭނާ ވަނީ ފޯން ކަނޑުއްވާލައްވައިފަ އެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސޯސަންމަގުން ފުލުހުނަށް ނުކިޔަމަންތެރިވި މީހެއް މިއަދު އިރުއޮއްސުނު ވަގުތު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކާކުކަމެއް އޭނާ ވިދާޅެއްނުވެ އެވެ.
އިބްރާހިމް ސުޖާއުއަކީ މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު ދެކުނު ދާއިރާ ތަމްސީލް ކުރައްވާ ޑިއާރްޕީ މެންބަރެކެވެ.