12 Nov 2012, 22:06
އެމްޑީޕީގެ ޗެއާޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކުގެ އިމްތިޔާޒާ ބެހުނު ކަމަށް ބުނާ މައްސަލައެއްގައި ދި ޓީވީގެ އެޑިޓަރުން ކޮމެޓީ އަށް ހާޒިރު ކުރުމަށް އިމްތިޔާޒް ކޮމެޓީން މިއަދު ނިންމައިފި އެވެ.
މަޖިލީހުގެ ތަޅުމުގައި ދައްކަވާފައިވާ ވާހަކަތައް އެޑިޓްކޮށް، ރީކޯ މޫސަގެ އިމްތިޔާޒާ ދި ޓީވީން ބެހުނު ކަމަށް ބުނެ، އިމްތިޔާޒް ކޮމެޓީ އަށް ހުށަހަޅުއްވާފައިވާ މައްސަލަ މިއަދު ކޮމެޓީން ދިރާސާ ކުރެއްވުމަށް ފަހު ނިންމަވާފައި ވަނީ އެ މައްސަލައިގެ ހަގީގަތް ބެލުމަށް ޓަކައި ދި ޓީވީގެ އެޑިޓަރުން ކޮމެޓީ އަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވުމަށެވެ.
މޫސަ ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ އޭނާ ކާންބޯން ކުރާ މަސައްކަތާއި ދަރިންގެ ޒާތީ ދިރިއުޅުމާ ބެހި، އެކި ރިޕޯޓްތައް ދިޓީވީން ތަކުރާރުކޮށް ފޮނުވަމުންދާ ކަމަށެވެ. މޫސަ އެ މައްސަލަ ކޮމެޓީ އަށް ހުށަހެޅުއްވީ ޑިސެންބަރު 19، 201ގަ އެވެ. އެ މައްސަލައާ ގުޅޭ ގޮތުން މިއަދު މޫސަ ވަނީ ކޮމެޓީ އަށް ހާޒިރުވެވަޑައިގެން އެ މައްސަލާގައި ތަފްސީލް ކޮމެޓީގެ މެންބަރުންނާ ހިއްސާ ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ދިޓީވީން އޭނާއާ ބެހޭ ގޮތުން ފޮނުވާފައިވާ "ދޮގު ރިޕޯޓް"ތަކުގެ ސަބަބުން އޭނާގެ އަބުރަށް ގެއްލުން ލިބިފައިވާ ކަމަށެވެ.
މިއަދުގެ ކޮމެޓީގެ ބައްދަލުވުމުގައި އަލީ ވަހީދު ހުށަހަޅުއްވާފައިވާ އިމްތިޔާޒުގެ މައްސަލައެއް ވެސް ކޮމެޓީން ބެލި އެވެ. އެއީ ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރަކަށް އަލީ ވަހީދު ހުންނެވި އިރު، މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމެއްގައި ފުލުހުން މަޖިލިސް މެންބަރުންނަށް ހިމާޔަތްދީފައި ނުވާ ކަމަށް ބުނާ މައްސަލަ އެވެ. އެ މައްސަލައާ ގުޅޭ ގޮތުން މައުމޫލާތު ސާފުކުރުމަށް ޓަކައި އަލީ ވަހީދު ކޮމެޓީ އަށް ހާޒިރު ކުރުމުން އޭނާ ވިދާޅުވީ އެ މައްސަލަ ކޮމެޓީން އަވަހަށް ބަލައްވައި މައްސަލާގައި އަވަސް ނިޔާއެއް ކަނޑައަަޅައި ދިނުމަށެވެ.
އަލީ ވަހީދު ހުށަހެޅުއްވި އިމްތިޔާޒްގެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން ކޮމެޓީ އަށް ހާޒިރު ކުރުމަށް ކޮމެޓީން ވަނީ ނިންމާފަ އެވެ.
ދި ޓީވީގެ އެޑިޓަރު މިރޭ ވިދާޅުވީ ކުރިން ވެސް އެ ކޮމެޓީ އަށް ވަޑައިގަން މައުލޫމާތު ދެއްވާފައިވާނެ ކަމަށާއި އިތުރަށް ވިދާޅުވާނެ އެއްޗެއްް ނެތް ކަމަށެވެ.