12 Nov 2012, 21:54
ހުޅުމާލޭ ކޯޓްގެ ސައްހަކަމާ މެދު ސުވާލު އުފައްދައި އެމްޑީޕީންގެ ތިން މެންބަރުން ސޮއިކޮށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އަށް ހުށަހެޅި މައްސަލާގައި ޖުޑީޝަން ސާވިސް ކޮމިޝަން (ޖޭއެސްސީ) ކޮމެޓީ އަށް ހާޒިރު ކުރުމަށް މިއަދު ނިންމައިފި އެވެ.
ހުޅުމާލޭ ކޯޓްގެ ގާނޫނީ ސައްހަކަމާ މެދު ކޮމެޓީގެ މެންބަރުން ދެކޭ ގޮތް ކަނޑައެޅުމަށް ޓަކައި ލިޔެކިޔުންތަކެއް ފޮނުވުމަށް އެދި ޖޭއެސްސީ އަށް ކޮމެޓީން ވަނީ ސިޓީއެއް ފޮނުވާފަ އެވެ. އެ ސިޓީގައި ބުނެފައި ވަނީ ޖޫން 21، 2012 އިން ފެށިގެން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ކޯޓްގެ މައްސަލާގައި ޖޭއެސްސީގެ ބައްދަލުވުންތަކުގައި ނިންމާފައިވާ ނިންމުންތަކާއި އެ މައްސަލައިގެ ޔައުމިއްޔާތައް ކޮމެޓީ އަށް ފޮނުއްވައިދިނުމަށެވެ.
ނަމަވެސް ޖޭއެސްސީން މިއަދު ކޮމެޓީ އަށް ފޮނުވާފައި ވަނީ ކޮމެޓީން އެދުނު ލިޔެކިޔުންތައް ހުށަހެޅުމުގެ މުއްދަތު އަންނަ ބުދަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދިނުމަށެވެ. ނަމަވެސް ކޮމެޓީގެ މެންބަރުން އެގޮތަށް އެބަސްވެވަޑައިނުގެންނެވުމުން ކޮމެޓީން އެދުނީ އެ ލިޔެކިޔުންތައް މިއަދު އިރުއޮއްސި 6:00 ކުރިން މަޖިލީހަށް ފޮނުވުމަށެވެ.
ހުޅުމާލޭ ކޯޓްގެ މައްސަލައިގެ ލިޔެކިޔުންތައް ކޮމެޓީން ހޯދުމުގެ މަސައްކަތް ކުރަމުންދާ މައްސަލާގައި ކޮމެޓީގެ މުގައްރިރު މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ އެ ލިޔެކިޔުންތައް ކޮމެޓީ އަށް ލިބުމުން ޖޭއެސްސީ ޖަވާބުދާރީ ކުރުވުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.
ޖޭއެސްސީ ކޮމެޓީ އަށް ހާޒިރު ކުރުމަށް ނިންމީ މިއަދު ކޮމެޓީ އަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ.
ހުޅުމާލޭ ކޯޓްގެ މައްސަލަ ކޮމެޓީ އަށް ހުށަހެޅުއްވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ރައީސް އަލީ ވަހީދާއި ހާމިދު އަބްދުލް ޣަފޫރާއި އަހުމަދު ސަމީރެވެ.