މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރު އަތުން އަތުލުމަށް ގޮވާލައި "ދިވެހި ރައްޔިތުންގެ ގައުމީ ހަރަކާތުން" ކަނޑުމަތީގައި ދޯނި ބުރެއް ބާއްވައިފި އެވެ.

ދިވެހި ސަރުކާރާއި އިންޑިއާގެ ވިޔަފާރި ކުންފުނި، ޖީއެމްއާރާ ދެމެދު ހަދާފައިވާ އެގްރީމަންޓަކީ ރާއްޖޭގެ ގާނޫނުތަކާ ހިލާފަށް ހަދާފައިވާ އެގްރީމެންޓެއް ކަމަށާއި އެ އެގްރީމަންޓް ނިމުކަށް ގެނައުމަށް ގޮވާލައި"ދިވެހި ރައްޔިތުންގެ ގައުމީ ހަރަކާތުން" ހިންގާ ސިލްސިލާ ހަރަކާތުގެ ބައެއްގެ ގޮތުގައި މިއަދު ބޭއްވި ދޯނި ބުރު ހަވީރު ފެއްޓީ ބޮޑުތަކުރުފާނުމަގުން މާލޭގެ އުތުރު ފަރާތުންނެވެ.

ޖީއެމްއާރާ ދެކޮޅަށް ކަނޑުމަތީގައި ބޭއްވި ހަރަކާތުގައި ގާތްގަނޑަކަށް 15 ވަރަކަށް ދޯނި ބައިވެރިވެފައިވާ އިރު އެ ދޯނި ފަހަރުގައި ގިނަ އަދަދެއްގެ ބަޔަކު ދަތުރު ކުރި އެވެ. ފޮރިން މިނިސްޓްރީ ކުރިމަތިން ފުރި ދޯނިތައް ހުޅުލެ އާއި މާލެއާ ދޭތެރޭގައި ދުއްވަމުން ޖީއެމްއާރާ ދެކޮޅަށް އެ މީހުން ޝުއޫރުތައް ފާޅު ކުރަމުން ދިޔަ އެވެ. އަދި ދިވެހި ދިދަތަކުން ޒީނަތްކޮށްފައިވާ އެ ދޯނިތަކުގެ ބޭރުގައި ޖީއެމްއާރާ ދެކޮޅު ޝުއޫރުތައް ލިޔެފައި ހުއްޓެވެ. އަދި ގިނަ ދޯނި ފަހަރުގެ އަރިމަތީގައި ބޮޑު އަކުރުން "ޖީއެމްއާރު މަސްޓް ގޯ"އޭ ވެސް ލިޔެފައި ހުއްޓެވެ. އަދި އެ ހަރަކާތުގެ ބައިވެރިން ތިބީ ޖީއެމްއާރާ ދެކޮޅު ޝުއޫރުތައް ލިޔެފައިވާ ހުދު ކުލައިގެ ޓީޝާޓުތަކެއް ލައިގެންނެވެ.

ހަރަކާތުގެ ބައިވެރިން ފާޅުކުރި ޝުއޫރުތަކުގެ ތެރޭގައި އެއާޕޯޓަކީ ދިވެހިންގެ މިލްކެއް ކަމަށާއި އެތަން މިނިވަންކުރަން ޖާނާއި މާލުން ގުރުބާންވާން ތައްޔާރަށް ތިބި ކަމަށް ގޮވަމުން ދިޔަ އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު "ޖީއެމްއާރަށް އެއާޕޯޓް ވިއްކާލި" ކަމަށާއި އެ މައްސަލައަކީ ސީދާ ކޮރަޕްޝަންގެ އަމަލެއް ކަމަށް ގޮވައި އަޑު އުފުލި އެވެ. އަދި އެއާޕޯޓް މިނިވަން ކުރަން ކަނޑުފަތާފައި ވެސް ދާނެ ކަމަށް ބައިވެރިން ޝުއޫރު ފާޅުކުރަމުން ދިޔަ އެވެ.

އެ ހަރަކާތް އިންތިޒާމް ކުރި އެންމެ އިސް އެއްފަރާތް، އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވީ އަންނަ މަހުގެ 16 ވަނަ ދުވަހު އެ ހަރަކާތްތައް ނިންމާލާނީ ހީވެސް ނުކުރާހާ ބޮޑު ހަރަކާތަކުން ކަމަށެވެ.
ޕީޕީއެމްގެ އިންތިގާލީ ނާއިބު ރައީސް އުމަރު ނަސީރު ސަން އަށް ވިދާޅުވީ މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރުގެ އަތުން މިނިވަން ނުކޮށް އެ ހަރަކާތް ނިންމާނުލާނެ ކަމަށެވެ.

މިއަދު ބޭއްވި ކަނޑުމަތީގެ ހަރަކާތުގައި އެެއްވެސް ބަޔަކު އެއާޕޯޓަށް އަރަން މަސައްކަތްކޮށްފައެއް ނުވެ އެވެ. ނަމަވެސް އެ ހަރަކާތުގެ އެއްވެސް ބައިވެރިޔަކަށް އެއާޕޯޓަށް ނޭރޭނެ ހެން އެމްއެންޑީއެފުން ދިޔައީ އެ ސަރަހައްދު ޕެޓްރޯލް ކުރަމުންނެވެ.

މިއަދުގެ ހަރަކާތް ފޮރިން މިނިސްޓްރީ ކުރިމަތިން މިރޭ ގާތްގަނޑަކަށް 7:30 ހާއިރު ނިންމާލި އިރު، އެ ހަރަކާތުގެ ބައިވެރިންނާ މުޚާތަބުކޮށް ބަޔަކު ވަނީ ހަޑިހުތުރު ބަހުން އަޑު އުފުލައިފަ އެވެ. އަދި ފުލުހުންނާ ވެސް އެ މީހުން ވަނީ ހަޑިހުތުރު ބަހުން މުހާތަބުކޮށްފަ އެވެ. އެ މީހުންގެ ތެެރޭގައި އެމްޑީޕީގެ ހަރަކާތްކުން އާންމުކޮށް ފެންނަ ގިނަ ބަޔަކު ހިމެނެ އެވެ.

"ދިވެހި ރައްޔިތުންގެ ގައުމީ ހަރަކާތުން" ބުނެފައި ވަނީ ޖީއެމްއާރާއި ދިވެހި ސަރުކާރާ ދެމެދު ހަދާފައިވާ އެގްރީމަންޓް މި މަހު 15ގެ ކުރިން ބާތިލު ކުރަން ޖެހޭނެ ކަމަށެވެ.