ހިމާޔަތްކޮށްފައިވާ މަހުގެ ބާވަތެއް ކަމަށްވާ މާހުޅުނބު ލަނޑާތަކެއް އެސްކްޕޯޓްކުރަން އުޅުނު މައްސަލަައިގައި އޮސްކަ އެލައަންސް ކުންފުނި 283103.84ރ. އިން ޖޫރިމަނާކޮށްފި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު އެ މަސްތައް އެކްސްޕޯޓު ކުރަން އުޅެނިކޮށް ފަޅާއެރީ އެކްސްޕޯޓު ކުރަން އުޅުނު ފާނައިގެ ޝިޕްމެންޓެއް އާއްމު އުސޫލުން ބަލާ ފާސްކުރުގެ ތެރޭގައި ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާހުޅުނބުލަނޑާ އެކްޕޯޓްކުރަން އުޅުނު ކުންފުންޏަކީ ދިރޭ މަސް ގެންގުޅުމުގެ ލައިސަންސް ވެސް ނެތް ފަރާތެއް ކަމަށާއި ދިރޭ މަސް ގެންގުޅުމާއި ރާއްޖެއިން ހިފުން އަދި ބޭނުން ކުރުން މަނާ މަހެއް އެކްސްޕޯޓް ކުރަން އުޅުނު މައްސަލާގައި އެކުންފުނި ޖޫރިމަނާކޮށް ހަތަރު ހަފްތާގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އެ އެކުންފުންޏަށް އަންގާފައިވާ ކަމަށެވެ.

ފިޝަރީޒްގެ ބަޔާނުގައި ބުނެފައިވަނީ ފާނައިގެ ބާވަތްތައް އެކްސްޕޯޓްކުރާ ކުންފުނިތަކުން ދިރޭ ފާނަ ބަހައްޓާފައިވާ ކޮށިތައް ހުންނަ ބަނގާފަރު ފަޅަށް އެ މިނިސްޓްރީން ފުލުހުންނާ އެކު މިދިޔަ މަހުގެ 25 ގައި ގޮސް ފާސްކުރީއިރު އޮސްކާ ކުންފުނިން އެތަނުގައި ގާނޫނާ ހިލާފަށް މާހުޅުނބު ލަނޑާ ގެންގުޅޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މީގެއިތުރުން ކ. ބަނގާފަރު ފަޅުގައި ދިރޭ މަސް ގެންގުޅުމަށް ލައިސަންސް ނަގާފައިނުވާތީ ރީފް ފްްރެޝް ޕްރައިވެޓް ލިމިޓެޑާއި ސީ ޕާޓްނާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި އެކުއަލައިފް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ޖުމްލަ 3072ރ. އިން ޖޫރިމަނާކޮށް 14 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް ވެސް މިމަހުގެ ހަތަރު ވަނަ ދުވަހު އަންގާފައިވާ ކަމަށް ވެސް ފިޒަރީޒް މިނިސްޓްރީން ބުންޏެވެ.