ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ މައްޗަށް ނަގާ އިތުބާރު ނެތް ކަމުގެ ވޯޓުތައް ސިއްރު ކުރަން އާންމު ކޮމެޓީން ނިންމާފައިވާ ނިންމުން އަންނަ ހޯމަ ދުވަހު އޮންނަ ޖަލްސާއަށް އެޖެންޑާކުރާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

މަޖިލިސް އިދާރާއިން މިއަދު ބުނީ ރައީސް އާއި ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހުގައި ކުރިއަށްދާއިރު މަޖިލީހުގަ އާއި މަޖިލީހުގެ ކޮމިޓީތަކުގައި ނެގޭ ވޯޓު ސިއްރުކުރުމަށް ކޮމެޓީން ނިންމާފައިވާ ނިންމުން އަންނަ ހޯމަދުވަހު ބާއްވާ ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށް އެކަން މިހާރު މެންބަރުނަށް މިއަދު އަންގާފައިވާ ކަމަށެވެ.

އެމައްސަލަ ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 123 ވަނަ މާއްދާގެ ހ، ގެ ދަށުންނެވެ.

އެމައްސަލަ ޖަލްސާއަށް އެޖެންޑަކޮށްފައިވާއިރު އާންމު ކޮމިޓީގެ ރިޕޯޓްގައި ނިންމަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިކުރުމުގެ މައްސަލާގަ އާއި ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަމުގެ ވޯޓް ނަގަންޖެހޭ ހާލަތްތަކުގައި އެވޯޓް ނަގާނީ ސިއްރުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރު ކުރުމާއި ވަޒީރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ނަގާ ވޯޓު ސިއްރު ކުރަން ކޮމެޓީން ނިންމި ނަމަވެސް އެ ނިންމުމަށް އަމަލު ކުރަން ފެށޭނީ މަޖިލީހުގައި އެ ނިންމުމަމަށް ވޯޓަށް އަހާ ފާސްކޮށްގެންނެވެ.

އިތުބާރު ނެތް ކަމުގެ ވޯޓުތައް ސިއްރުކުރުމުގެ ނިންމުމަށް ހޯމަ ދުވަހު ވޯޓަށް އަހާއިރު ރައީސުލްޖުމްހޫރިއްޔާގެ އިތުބާރުގެ މައްސަލައެއް ވަނީ އެމްޑީޕީގެ މެންބަރުން މަޖިލީހަށް ވައްދައިފަ އެވެ. އަދި ހޯމް މިނިސްޓަރު ޑރ. މުހަންމަދު ޖަމީލުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެއްދި ނަމަވެސް އެ މައްސަލަ އެމްޑީޕީން މިހާރު ވަނީ އަނބުރާގެންގޮސްފަ އެވެ.