12 Nov 2012, 18:45
ރާއްޖެއަށް ތަކެތި އެތެރެކުރާ މިންވަރު އިތުރުވެ ބެލެންސް އޮފް ޕޭމަންޓް އިތުރަށް ޑެފިސިޓްވާނެ ކަމަށް ލަފާކުރެވޭތީ، މަރުކަޒީ ބޭންކް، އެމްއެމްއޭގައި ބޭރުގެ ފައިސާގެ ރިޒާވަށް ނުރައްކާވެފައިވާ ކަމަށް އިންޓަނޭޝަނަލް މަނިތަރީ ފަންޑް (އައިއެމްއެފް)އިން ބުނެފި އެވެ.
ރާއްޖޭގެ އިގްތިސޯދު ރިވިއުކުރުމަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އައިއެމްއެފްގެ ވަފުދުން މިއަދު މަރުކަޒީ ބޭންކްގެ އޮޑިޓޯރިއަމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިޝަންގެ ޗީފް، ކޯޝީ މަތާއީ ވިދާޅުވީ ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓް ހާލަތު ދުވަހެއް ދުވަހަކަށް ދަށަށް ދަމުން އަންނަ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ކަރަންޓް އެކައުންޓް ޑެފިސިޓް ޖީޑީޕީގެ 30 ޕަސެންޓަށް އަރާނެ ކަމަށް މިހާރުވެސް ލަފާކުރެވިފައިވާ ކަމަށެވެ.
"ބެލެންސް އޮފް ޕޭމަންޓް ދަށަށް ދަމުން އައުމުގެ ސަބަބުން އެމްއެމްއޭގެ ރިޒާވަށް އޭގެ އަސަރުކޮށް މިއަންނަނީ ދުވަހެއް ދުވަހަކަށް ރިޒާވް ދަށްވަމުން. މިހާރު ރިޒާވްގައި ހުރީ އެއް މަހާއި ބައި ރާއްޖެއަށް މުދާ އެތެރެކުރެވޭނެ މިންވަރު،" މަތާއީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދަރަނީގެ ގޮތުގައި ހޯދާފައިވާ ފައިސާ ކުރިއަށް އޮތް މަދު މަސްތަކުގެ ތެރޭގައި ރޯލްއޯވާ ނުކުރެވިއްޖެނަމަ އެމްއެމްއޭގެ ރިޒާވަށް ބޮޑު ޕްރެޝަރަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. މިހާރު ކުރަން ޖެހިފައިވާ އެންމެ ބޮޑު ކަމަކީ ދައުލަތުގެ ހަރަދުތައް ހިފެހެއްޓުންކަން ފާހަގަ ކުރަމުން މަތާއީ ވިދާޅުވީ ފިސްކަލް ޑެފިސިޓް ޖީޑީޕީގެ 16 ޕަސެންޓަށް އަރާނެ ކަމަށް ލަފާކުރެވޭއިރު ނުދައްކާ ހުރި ބިލްތަކާއި އެކު އެ އަދަދު އެއަށް ވުރެވެސް މައްޗަށް ގޮސް ދައުލަތުގެ ދަރަނި އިތުރަށް ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
"މީގެ ނަތީޖާއަކަށް ވާނީ މިހާރު ޖީޑީޕީގެ 80 ޕަސެންޓްގައި ހުރި ދަރަނި މައްޗަށް ދިޔުން. އަދި އިމްޕޯޓް ދަނީ މައްޗަށް. އެހެން ކަމަވާއިރު ޑޮލަރުގެ މައްސަލަ އިތުރަށް ގޯސްވެ އޭގެވެސް ޕްރެޝާ އެމްއެމްއޭގެ ރިޒާވަށް ކުރާނެ،" މަތާއީ ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސޯދުގެ ކުރިއެރުން ތިން ޕަސެންޓް ދަށަށްދާނެ ކަން އޭނާ ހާމަކުރެއްވި އެވެ. މަތާއީ ވިދާޅުވީ އެގޮތައް ދިމާވީ ޓޫރިޒަމްގެ މާކެޓަށް އައި ލޮޅުންތަކާއި އެކުގައި ކަމަށާއި ބައެއް މަގުބޫލު މަންޒިލްތަކުން ރާއްޖެ އަންނަ ޓޫރިސްޓުން ދަށްވެ އަދިވެސް އެކި ސަބަބުތަކާ ހުރެ ރާއްޖޭގެ ޓޫރިޒަމް ސެކްޓާއަށް މިއަހަރު ހީނަރުކަމާ ކުރިމަތިލާންޖެހުނު ކަމަށެވެ.
އަހަރު ނިމުމަށް މަހަކަށް ވެފައި ވަނިކޮށް އައިއެމްއެފްގެ މިޝަންއިން ހެދި ރިވިއު ދައްކާ ގޮތުން އަންނަ އަހަރު ރާއްޖޭގެ އިގްތިސޯދު ކޮންމެވެސް ވަރަކަށް ކުރި އަރާނެ އެވެ. މަތާއީ ވިދާޅުވީ ޖީއެސްޓީ އާއި ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތަކަށް އައި ބަދަލާ އެކު އިންފްލޭޝަންގެ މިންގަނޑު މިއަހަރު މައްޗަށް ދިޔަނަމަވެސް އަންނަ އަހަރު އިންފްލޭޝަންގެ މިންގަނޑު ހަ ޕަސެންޓަށް ނޫނީ އެއަށްވުރެވެސް ދަށަށް ދާނެ ކަމަށެވެ.
ފިސްކަލް ޑެފިސިޓާއި ބެލެންސް އޮފް ޕޭމަންޓް ރަނގަޅުކުރުމަށް ސަރުކާރުގެ ހަރަދު ކުޑަކުރުމަށް ޕޭކޮމިޝަނެއް އުފައްދާ ސަރުކާރު މުވައްޒަފުންގެ މުސާރަތައް ކުޑަކޮށް އަދި ސިވިލްސާވިސްގެ ސައިޒްކުޑަކުރަން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ބަދަލުގައި ޕްރައިވެޓް ސެކްޓަރުގެ ތެރެއިން ގިނަ ވަޒީފާތައް ތަނަވަސްކުރަން ޖެހޭކަން މިޝަންއިން ފާހަގަ ކުރި އެވެ.
"ސިވިލްސާވިސް މީހުންނަށް ސަރުކާރުން ފައިސާ ދެމުން ގެންދާއިރު ރާއްޖެ ފަދަ ކުޑަގައުމަކުން އެކަމަށް ކުރަނީ މާބޮޑު ހޭދައެއް. އޭގެ ބަދަލުގައި ސިވިލްސާވިސް ކުޑަކުރަން. ސިވިލްސާވިސް ބޮޑުވެ މުސާރަތައް ބޮޑު ވީމައި އޭގެ ސަބަބުން މީހުންގެ ހޭދަ އިތުރުވޭ. އެހެންވެ މީހުންގެ ޑިމާންޑް ބޮޑުވީމައި އިމްޕޯޓްވެސް ގިނައިން އެތެރެކުރަން ޖެހެނީ،" މަތާއީ ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސޯދު ހަމައަކަށް އަޅުވަން މަނިތަރީ ޕޮލިސީ ހަރުދަނާކޮށް ވަރުގަދަ ކުރަން ޖެހޭކަން އައިއެމްފްއިން ވަނީ މިއަދުވެސް ފާހަގަކޮށްފަ އެވެ. އައިއެމްއެފްގެ މިޝަންގެ ރިޕޯޓް އެކުލަވާލައި އަންނަ ޖެނުއަރީގެ ތެރޭގައި ބާއްވާ އެ ފަންޑްގެ ބޯޑު ބައްދަލުވުމަށް ހުށަހަޅާނެ އެވެ. އެ މިޝަންއާ އެކު ސަރުކާރުން ބޭއްވި ބައްދަލުވުމުގައި އައިއެމްއެފްއިން ރާއްޖޭގެ އިގްތިސޯދީ މައްސަލަތައް ދިރާސާކޮށް ސަރުކާރަށް ލަފާދިނުމަށް، "ސްޓާފް މޮނީޓަރިން ޕްރޮގްރާމެއް"ގައި ބައިވެރިވުމަށް ވަނީ ޝައުގިވެރިކަން ފާޅުކޮށްފަ އެވެ.