ރާއްޖޭގެ ޢަދުލް އިންސާފު ޤާއިމްކުރުމުގެ ނިޒާމާ ބެހޭގޮތުން އިންޓަނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓްސްގެ ފަރާތުން ރާއްޖެ އައިސް އުޅޭ ވަފްދުގެ ބޭފުޅުންނާ ހިއުމަން ރައިޓްސް ކޮމިޝަނުން މަޝްވަރާކޮށްފި އެވެ.


ހިއުމަން ރައިޓްސް ކޮމިޝަން ނުވަތަ އެޗްއާރްސީއެމްގެ އޮފީހުގައި ބުދަ އޮތް އެ ބައްދަލުވުމުގައި އައިސީޖޭގެ ވަފްދުގައި އިސްކޮށް ހުންނެވީ އ.ދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ކުރީގެ ސްޕެޝަލް ރެޕެޓުއަރ އޮން ދި އިންޑިޕެންޑެންސް އޮފް ޖަޖަސް އެންޑް ލޯޔަރސް، ލިއަންދްރޯ ޑެސްޕޯއި އެވެ.


އެޗްއާރުސީއެމުން ބުނީ އެބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ރާއްޖޭގެ ޢަދުލް އިންސާފު ޤާއިމްކުރުމުގެ ނިޒާމާ ބެހޭގޮތުން ކަމަށެވެ. އެގޮތުން އިންސާނީ ހައްޤުތައް ކަށަވަރުކޮށްދިނުމުގައި ޢަދުލްއިންސާފުގެ ނިޒާމުން އަދާކުރާ ދައުރާ ބެހޭ ގޮތުންނާއި އަދި އެޗްއާރްސީއެމް އާ ޝަރުޢީ ދާއިރާ އާ އޮންނަ ގުޅުމާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި ޝަރުޢީ މައްސަލަތައް ކުރިއަށްދާ ދިއުމުގައި އެޗްއާރްސީއެމްގެ ބައިވެރިވުމާމެދާއި ފަނޑިޔާރުންގެ މުސްތަޤިއްލު ކަމާބެހޭ ގޮތުން ވެސް މަޝްވަރާ ކޮށްފައިވާ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ. މީގެ އިތުރުން ވެސް އެޗްއާރްސީއެމްއިން އަދާކުރާ މަސްޢޫލިއްޔަތުތަކާއި ޢަދުލް އިންސާފުގެ ދާއިރާއާ ގުޅުން ހުރި ކަންކަމާބެހޭ މަޢުލޫމާތު އައިސީޖޭގެ ބޭފުޅުންނާ ހިއްސާކުރި ކަމަށާއި އަދި ކުރިމަގުގައި އައިސީޖީއާ އެޗްއާރްސީއެމް ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ވެސް މަޝްވަރާ ކުރި ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.


މި ވަފްދު ރާއްޖެ ވަޑައިގެން އުޅުއްވަނީ ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމް އިތުރަށް ހަރުދަނާކޮށް، ޤާނޫނު އަސާސީ އާއި ބައިނަލް އަޤްވާމީ މިންގަނޑުތަކާ އެއް ހަމައަކަށް ގެނައުމަށް ދިވެހި ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި، ޖުޑީޝަލް ސާރވިސް ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އައިސީޖޭއަކީ އިންސާނީ ޙައްޤުތައް ކުރިއެރުވައިދޭ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އުޞޫލުތައް އެކުލަވާލާ ތަންފީޒުކުރުމަށް ބާރުއަޅާ މަސައްކަތްކުރާ އަމިއްލަ ޖަމާޢަތެކެވެ.