12 Nov 2012, 18:04
މި އަހަރު ހައްޖަށް ދާން މަލީޝާ ހައްޖުގްރޫޕަށް ފައިސާ ދެއްކި ނަމަވެސް އެ ގްރޫޕުން ނުގެންދިއުމުގެ ސަބަބުން ހައްޖަށް ނުދެވުނު މީހުންނަށް އަންނަ އަހަރު ސަރުކާރުން ގޮތްތަކެއް ހަމަޖައްސާނެ ކަމަށް އިސްލާމިކް މިނިސްޓަރު އައް ޝެއިޚު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ސަން އަށް ދެއްވި އިންޓަވިއުއެއްގައި ޝެއިޚު ޝަހީމް ވިދާޅުވީ އަންނަ އަހަރުގެ ކޯޓާގެ ތެރެއިން އެމީހުންނަށް ޖާގަ ކަށަވަރުކޮށްދެއްވާނެ ކަމަށާއި އެމީހުންނަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ސަރުކާރުން ފޯރުކޮށްދީ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު އެމީހުންނަށް ހޯދައި ދެއްވާނެ ކަމަށެވެ.
" .... މީ އިސްލާމިކް މިނިސްޓްރީގެ އިހުލާމެއް އޮވެގެން ހިނގާފައިވާ ކަމަކަށް ނުވި ނަމަވެސް މިކަމުގައި ރައްޔިތުން މަގުމަތިކުރުމަކީ އިސްލާމިކް މިނިސްޓްރީން ދުވަހަކު ވެސް ކުރާނެ ކަމެއް ނޫން، އެހެންވީމާ އެ ބޭފުޅުންނަށް ޓަކައި މިކަމުގައި ހުރިހާ ގޮތަކުން ވެދެވެން އޮތް އެހީތެރިކަން ހޯދާ، އެމީހުންނަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު މާތް ﷲ އިރާދަކުރެއްވިއްޔާ ހޯދައި ދޭނަން،" ޝެއިޚު ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މަލީޝާ ޖަމާއަތުގެ ވެރިޔާގެ ފަރާތުން އެމީހުންނަށް ލިބެން ޖެހޭ ހައްގު ހޯދައި ދިނުމަށް ސަރުކާރުން ކަމާ ބެހޭ ފަރާތްތަކުން މަސައްކަތްކުރަމުންދާ ކަމަށެވެ.
މަލީޝާ ޖަމާއަތަށް ފައިސާ ދެއްކުމަށް ފަހު ހައްޖަށް ނުދެވުނު މީހުންނާ މެދު މަޝްވަރާ ކުރެއްވީ ހައްޖާ ގުޅުން ހުރި އެންމެހާ ކަންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާ އެކު މިއަދު ބޭއްވެވި ބައްދަލުވުމެއްގައި ކަމަށް ޝަހީމް ވިދާޅުވި އެވެ.
ފޮރިން މިނިސްޓަރާއި ފިނޭންސް މިނިސްޓަރާއި ޑިފެންސް މިނިސްޓަރާއި އެމްއޭގެ ގަވާނާ އަދި ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ބޭފުޅުން ބައިވެރިވެވަޑައިގަތް އެ ބައްދުލުވުމުގައި ހައްޖުގެ ނިޒާމް ގާއިމްކުރުމަށް އިސްލާމިކް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ކަރުދާހަށް މަޝްވަރާކުރުން ވެސް އޮތް ކަމަށް ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އިސްލާމިކް މިނިސްޓްރީން އިސްނަގައިގެން ހައްޖުގެ ކަންތައް ރިފޯމް ކުރުމަށް ފެށި ހަރަކާތަށް ސަރުކާރުގެ އިދާރާތަކުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އެކަމަށް ދެއްވާ އެއްބާރުލެއްވުމަށް ޓަކައި ޝުކުރުއަދާކުރައްވާ ކަމަށެވެ.
"އިސްލާމިކް މިނިސްޓްރީގެ އިސްނެގުމަކަށް މިފެށި ހައްޖުގެ ކަންތައްތައް ރިފޯމް ކުރުމުގެ ހަރަކާތަށް ސަރުކާރުގެ އިދާރާތަކުން ވަރަށް ބޮޑު އެއްބާރުލުން ލިބިފައި ވަނީ، އޭގެ ތެރޭގައި މިދެންނެވި މުއައްސަސާތައް ފާހަގަކުރަން، އެއާ އެކުގައި ރައީސުލްޖުމްހޫރިއްޔާ މިކަމަށް ދެއްވާ އެހީތެރިކަމާ އެއްބާރުލުމަށް އަޅުގަނޑު ހިތުގެ އަޑިން ޝުކުރުދަންނަވަން،" ޝަހީމް ވިދާޅުވި އެވެ.