މިވަގުތު ހުށަހަޅަން ބޭނުން ނޫން ކަމަށް ބުނެ، ހޯމް މިނިސްޓަރު ޑރ. މުހަންމަދު ޖަމީލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީން އަނބުރާ ގެންގޮސްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު ދެންމެ ވިދާޅުވީ "މިވަގުތު ހުށަހަޅަން ބޭނުން ނޫން ކަމަށް" ބުނެ، އެ ޕާޓީން ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލަ ނެގިކަން މީގެ 15 ވަރަކަށް މިނިޓް ކުރިން އަންގާފައިވާ ކަމަށެވެ.

ޖަމީލުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލަ އެމްޑީޕީން ނަގާފައި މި ވަނީ އެ މައްސަލާގައި ވޯޓު ނެގުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވުމަށް 24 ގަޑި އިރަށް ވުރެ ކުޑަތަންވެފައި ވަނިކޮށެވެ.

ޖަމީލުގެ އިތުބާރު އޮތްތޯ ނުވަތަ ނޫންތޯ ބެލުމަށް ވޯޓު ނެގުމަށް ޝެޑިއުލްކޮށްފައި ވަނީ މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.

އެމްޑީޕީގެ ޕާލަމެންޓް ގްރޫޕްގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ސަން އަށް ވިދާޅުވީ ޑރ. ޖަމީލުގެ އިތުބާރު ނެތް ކަމަށް އެ ޕާޓީން ހުށަހެޅި މައްސަލަ އަނބުރާ ނަގަން ނިންމީ މިއަދު ބޭއްވި އެ ޕާޓީގެ ޕާލަމެންޓް ގްރޫޕްގެ ޖަލްސާއަކުން ކަމަށާއި ނަމަވެސް އިތުރު ކޮމެންޓެއް މިވަގުތު ދެއްވަން ބޭނުން ނޫން ކަމަށެވެ.

މަގާމުގެ ޒިންމާ އުފުއްލަވަމުން ނުގެންދާ ކަމަށް ބުނެ ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް، 29 މެންބަރުން ހިމެނޭ އެމްޑީޕީިން، މަޖިލީހުން ހުށަހެޅީ މިދިޔަ މަހު ކުރީކޮޅު އެވެ.

އެ މައްސަލަ ހުށަހެޅި އިރު އެމްޑީޕީ އިން ބުނެފައި ވަނީ ރާއްޖޭގެ މަގުތަކަކީ ރައްޔިތުންނަށް ރައްކާތެރި އަމާން މާހައުލެއްކަން ކަށަވަރުކޮށްދިނުމުގެ ޒިންމާއަކީ ހޯމް މިނިސްޓަރު ސީދާ އުފުއްލަވަން ޖެހޭ ޒިންމާއެއް ކަމަށާއި ހޯމް މިނިސްޓަރު އެ ޒިންމާ ނުނެގުމުގެ ސަބަބުން ރޯމާދުވާލުގެ ވަގުތުތަކުގައި ގަސްތުގައި މީހުން މަރައި މާރާމާރީ އާއި ކުށެއްނެތް އެތަކެއް ބަޔަކު މި ދުނިޔެ ދޫކުރަން ޖެހިފައި ވަނީ މަގުތަކުގެ އަމާންކަން ގާއިމްނުކުރެވި މާރާމާރީ އާއި ކުށްކުރަމުންދާ ދިއުން ނުހުއްޓުވިގެން ކަމަށެވެ.

ޖަމީލުގެ އިތުބާރު ނެތް ކަމަށް ބުނެ އެމްޑީޕީ އިން ހުށަހެޅި މައްސަލަ އެމްޑީޕީން ނެގި އިރު، 77 މެންބަރުންގެ މަޖިލީހުގައި އެމްޑީޕީ ފިޔަވައި އިތުރު ބަޔަކު ފާޅުގައި އޭނާގެ އިތުބާރު ނެތް ކަމަށް ވޯޓުދޭނެ ކަމަކަށް ބުނެފައެއް ނުވެ އެވެ.
އެމްޑީޕީގެ 29 މެންބަރުންގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގައި 48 މެންބަރުން ތިއްބަވަ އެވެ.