ރާއްޖެ އިން ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ދިނުމާއި ހައްޖަށްދާ މީހުންގެ ކަންތައްތައް ވީހާ ވެސް ރަނގަޅަކަށް ހަމަޖެއްސެވުމާ ބެހޭ ގޮތުން ކަމާ ބެހޭ އިސް ފަރާތްތަކާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު މަޝްވަރާ ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް އައްޝައިހު މުހައްމަދު ޝަހީމް އަލީ ސައީދާއި މިނިސްޓަރު އޮފް ފޮރިން އެފެއާޒް ޑރ. އަބްދުއްސަމަދު އަބްދުﷲ އާއި މިނިސްޓަރު އޮފް ފިނޭންސް އެންޑް ޓްރެޒަރީ އަބްދުﷲ ޖިހާދާއި މިނިސްޓަރު އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް (ރިޓަޔަރޑް) މުހައްމަދު ނާޒިމާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަނަރު ޑރ. ފަޒީލް ނަޖީބާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ހެޑް އޮފް އިސްލާމިކް ފައިނޭންސް އާއިޝަތު މުނީޒާ ބައިވެރިވެވަޑައިގެންނެވި އެވެ.

މިބައްދަލުކުރެއްވުމުގައި ކުޑަ އަގެއްގައި ލުއިފަސޭހަގޮތަކަށް ހައްޖަށް ދެވޭނެ ގޮތެއް ހޯއްދެވުމާ ގުޅޭ ގޮތުންނާއި ރާއްޖެ އިން ހައްޖަށްދާ މީހުންގެ އަތުން އެކި ގްރޫޕްތަކުން ފައިސާ ނެގުމުގައި ހަރުދަނާ އުސޫލުތަކެއް ގާއިމު ކުރުމާ ގުޅޭގޮތުން އެޅެން ހުރި ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ. އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހުއްދަ ނުދެއްވާ ޖަމާއަތަކުން ހައްޖަށް މީހުން ގެންދިޔުމަށް ފައިސާ ނަގާފައިވާ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައި އެކަހަލަ ކަންތައްތައް ކުރިއަށް އޮތް ތާނގައި ނުވާނެ ގޮތަކަށް ކަންތައްތައް އިންތިޒާމު ކުރެއްވުމާ ބެހޭ ގޮތުން ވެސް ވާހަކަފުޅު ދެއްކެވި އެވެ.

ރާއްޖެ އިން ހައްޖަށް މީހުން ގެންދިއުމުގެ ކަންތައްތައް ހަރުދަނާ ކުރުމާ މެދު ސަރުކާރުން މިއަދު މަޝްވަރާކޮށްފައިވާ އިރު މިއަހަރު ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ނުދޭ ޖަމާއަތެއް ކަމުގައިވާ މަލީޝާ ހައްޖު ޖަމާއަތުގެ ފަރާތުން ވަނީ މަކަރާއި ހީލަތުން ގިނަ ބަޔެއްގެ އަތުން ފައިސާ ނަގައިފަ އެވެ.

އެ ޖަމާއަތުގެ ވެރިޔާ ހުޅުމާލޭ، އާފިނި ވިލާ އިސްމާއިލް އަބްދުލްލަތީފު 42އ. ހޯދުމަށް އިންޓަޕޯލް ރެޑްނޯޓިސް ނެރެފައިވާ އިރު އޭނާ ފިލައިގެން މެލޭޝިޔާގައި އުޅެމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.