އެއްގަމު އުޅަނދު ޕާކްކުރުމުގެ ގަވާއިދުގެ ދަށުން ގަވާއިދާ ހިލާފަށް ޕާކްކުރާ އެއްގަމު އުޅަނދުގައި "ޓްރެފިކް ވައިލޭޝަން" ސްޓިކާ ޖެހުމުގައި އަމަލު ކުރަމުންދާ އުސޫލުތައް ޓްރާންސްޕޯޓް އޮތޯރިޓީ އިން އާއްމުކޮށްފި އެވެ.

އެ ތޯރިޓީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުންނަ ވެހިކަލްތަކުގައި ސްޓިކާ ޖެހުމުގައި ބަލާނީ މަގަށް ދަތިވާ ގޮތަށް ޕާކްކޮށްފައިވާ އުޅަނދުތަކާއި ދުވާރުމަތީގައި ޕާކްކޮށްފައި ހުންނަ އުޅަނދުތަކާއި ގޯޅިގޯޅި ކަންމަތީގައި ޕާކްކުރާ އުޅަނދުތަކުގައި ކަމަށެވެ. އަދި މިސްކިތްތަކުގެ ދޮރުމަތީގައި ޕާކްކުރާ އުޅަނދާއި ހޮސްޕިޓަލްތައް ނުވަތަ ސިއްހީ ހިދުމަތްދޭ ތަންތަނަށް ދަތިވާ ގޮތަށް ޕާކްކުރާ އުޅަނދުތަކާއި އާއްމު ހިދުމަތްދޭ ތަންތަނަށް ވަދެ ނިކުތުމަށް ދަތިވާ ގޮތަށް ޕާކްކުރާ އުޅަނދުތަކާއި ގަރާޖްތަކަށް ދަތިވާ ގޮތަށް ޕާކްކުރާގޮތަށް ޕާކްކުރާ އުޅަނދާއި ގޯޅިތަކަށް ނުވަދެވޭ ގޮތަށް ޕާކްކޮށްފައި ހުންނަ އުޅަނދުތަކުގެ އިތުރުން ޓްރެފިކް ލައިޓް ސަރަހައްދުގައި ޕާކްކޮށްފައި ހުންނަ އުޅަނދުތަކުގައި ކަމަށެވެ.

ޓްރާންސް ޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ ތަންތަނުގައި ޕާކްކުރާ އުޅަނދުތަކުގައި 01 ޑިސެންބަރު 2012 އިން ފެށިގެން ސްޓިކާ ޖަހަމުން ގެންދާނެ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން އަމަލުކުރަން ފަށާ އާ ގަވާއިދާ މެދު ހިތްހަމަނުޖެހިގެން މިއަދު ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުންތަކެއް ވަނީ މުޒާހަރާކޮށްފަ އެވެ. ޓެކްސީ ޑްރައިވަރުން ޑިމާންޑްކުރަމުންދަނީ ޕާކް ކުރާނެ ތަންތަން ނެތް އިރު އެކަމަށް ހައްލެއް ނުހޯދައި ސްޓިކާ ޖަހާ މައްސަލަ އެވެ.