ފުލުސް އޮފިސަރު މަރާލި ކަމަށް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފު ވެނުނީ ފުލުހުން އަނިޔާކޮށް މަޖުބޫރު ކުރުވުމުން ކަމަށް ކ. ކާށިދޫ ސުވާސާގޭ މުހައްމަދު ސަމާހު މިއަދު ބުނެފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ސަމާހު ބުނީ އެ މައްސަލައިގެ ފުރަތަމަ ޝަރީއަތުގެ މަޖިލީހަށް އޭނާ ވެެއްދި އިރު އާދަމް ހަލީމް މަރާލި ކަމަށް ޝަރީއަތުގައި އިއުތިރާފުވުމަށް ފުލުހުން އޭނާ އަށް މަޖުބޫރު ކުރުވި ކަމަށާއި ތަހުގީގު ބަޔާނުގައި އޭނާ ކުށަށް އިއުތިރާފުވީ ވެސް ފުލުހުން އަނިޔާ ކުރުމުން ކަމަށެވެ.

"ފުލުހުން އަނިޔާކޮށްގެން އަޅުގަނޑު އަތުން ނަގާފައިވާ ބަޔާނެއް އެއީ. އަޅުގަނޑު ދައުވާ އަށް އިންކާރު ކުރަން އެއީ އަޅުގަނޑު ކުރި ކަމެއް ނޫން،" ސަމާހު ބުންޏެވެ.

ސަމާހު އެހެން ބުނުމުން ގާޒީ ވަނީ އެ ވާހަކަތައް ޝަރީއަތަށް ސާބިތުކޮށްދެވިދާނެތޯ އޭނާ ކުރެން އައްސަވައިފަ އެވެ. ސަމާހު ބުނީ ފުލުހުން އޭނާ އަށް އަނިޔާ ކުރި ނަމަވެސް އެކަން ޝަރީއަތަށް ސާބިތުކޮށްދެވެން ނެތްކަމަށެވެ.

ފުލުހުންގެ ހައްޔަރުގައި ހުންނައިރު ފުލުހުން އޭނާ އަށް އަނިޔާ ކުރާ ކަމަށް ތަކުރާރުކޮށް ބުނުމަށް ފަހު ސަމާހު ބުނީ އެ އަނިޔާތަކަށް ވުރެ އިސްލާމީ ޝަރީއަތުގައި ވާގޮތުގެ މަތިން އޭނާ މަރާލިއަސް މާރަނގަޅު ކަމަށެވެ.

"ފުލުހުންގެ ބެލުމުގެ ދަށުގައި ހުރެ އަނިޔާ ލިބުމަށް ވުރެ އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތަށް [އަޅުގަނޑު] މަރާލިއަސް މާރަނގަޅު،" ސަމާހު ބުންޏެވެ.

ގާޒީ ވިދާޅުވީ އެ މައްސަލައިގެ ފުރަތަމަ ޝަރީއަތުގެ މަޖިލީހުގައި، އެ ދުވަހު ޝަރީއަތުގައި ވާހަކަދެއްކީ ހެޔޮހާލުގައި ހުރެގެންތޯ އެއްސެވުމުން އޭނާ ހުރީ ބުއްދި ސަލާމަތުން ކަމަށް އެދުވަހު ސަމާހު ބުނި ކަމަށެވެ.

"އާދެ. މިހާރު އަޅުގަނޑު މިހިރީ ހެޔޮހާލުގައި ބުއްދި ސަލާމަތުން. އަޅުގަނޑު ބުއްދި ސަލާމަތުން ހުރީމާ ނޫންތޯ މިހެން މި ވިދާޅުވީ،" ފުރަތަމަ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ސަމާހު ބުނެފައިވެ އެވެ.

ފުލުހުން އަނިޔާ ކުރާ ކަމަށް ތަކުރާރުކޮށް ސަމާހު ބުނުމުން ގާޒީ ވަނީ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާއަށް އެ މައްސަލަ ހުށަހެޅުމުގެ ހައްގު ސަމާހަށް ވެސް ލިބިގެންވާ ކަން އޭނާ އަށް އަންގައިފަ އެވެ. ގާޒީ އެގޮތަށް އެންގެވުމުން އޭނާ ބުނީ އެ މައްސަލަ ކަމާ ބެހޭ މުއައްސަސާ އަށް ހުށަހަޅަން ބޭނުން ނުވާ ކަމަށެވެ.

"އަޅުގަނޑު [އެ މައްސަލަ] ތަނަކަށް ހުށަހަޅަން ބޭނުމެއް ނޫން،" ސަމާހު ބުންޏެވެ.

ފުލުހުންގެ ހައްޔަރުގައި ހުންނަ އިރު އެހެން މީހުންނާ ބައްދަލުވޭތޯ ގާޒީ އެއްސެވުމުން އެކަމަށް އެއްބަސްވުމަށް ފަހު ސަމާހު ބުނީ މީހުންނާ ބައްދަލުވި ނަމަވެސް އެ މައްސަލައާ ގުޅޭ އެއްވެސް ވާހަކައެއް ދެކެވިފައި ނުވާ ކަމަށެވެ.

ސަމާހުގެ ވާހަކަތަކާ ގުޅިގެން ދައުލަތަށް ދިން ފުރުސަތުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ރ) އަށް ރިއާޔަތްކުރައްވައި މައްސަލަ ނިންމަވައި ދެއްވުމަށް ދައުލަތުން އެދޭ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވަނީ އާދަމް ހަލީމްގެ ވާރިސުންގެ ބަޔާން ޝަރީއަތަށް އިއްވާފަ އެވެ.

ގާޒީ ވިދާޅުވީ އާދަމް ހަލީމްގެ ހަތަރު ވާރިސުންގެ ތެރެއިން ތިން ވާރިސަކު ކާށިދޫ މެޖިސްޓްރޭޓް ކޯޓަށް ދިން ބަޔާނުގައި ސަމާހުގެ މައްޗަށް ކުށް ސާބިތުވެެއްޖެ ނަމަ ބޭނުންވަނީ މަރަށް މަރު ހިފުމަށް ކަމަށް ބުނެފައިވާ ކަމަށެވެ. އާދަމް ހަލީމްގެ ހަތަރު ވަނަ ވާރިސަކީ އޭނާގެ ތުއްތު ދަރިފުޅެވެ.

ވާރިސުންގެ ބަޔާނާއި ގުޅޭގޮތުން ވާހަކަދެއްކުމަށް ފުރުސަތު ދިނުމުން އެކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ސަމާހު ދައްކާފައި ނުވެއެވެ. ހަމައެކަނި ބުނީ ދައުވާއަށް އިންކާރު ކުރާ ކަމަށާއި ފުލުހުން އޭނާއަށް އަނިޔާކޮށްފައިވާ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވައިލައްވަމުން ގާޒީ ވިދާޅުވީ އަންނަ ހަފްތާގެ ތެރޭގައި އެ މައްސަލައިގެ ހުކުމް އިިއްވާނެ ކަމަށެވެ.

އާދަމް ހަލީމް ގަޔަށް ވަޅި ހަރައި މަރާލާފައި ވަނީ މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހުގެ ރޭ ކާށިދޫ ޕޮލިސް ސްޓޭޝަންގެ ޑިއުޓީ އަށް އޭނާ ދިޔަ މަގުމަތީގަ އެވެ. އަދި އާދަމް ހަލީމްގެ ގަޔަށް ވަޅިހަރައި އޭނާ މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ސާމާހުގެ މައްޗަށް ކުރި ދައުވާގެ ޝަރީއަތް ފަށާފައި ވަނީ ޖުލައި 31 ވަނަ ދުވަހު އެވެ.

އެދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދައުވާ އިއްވުމުން ސަމާހު ވަނީ އާދަމް ހަލީމް މަރާލިކަމަށް އެއްބަސްވެ ދައުލަތުން އޭނާގެ މައްޗަށް ކުރި ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އަށް އިއުތިރާފުވެފަ އެވެ. އަދި ކުރެވުނު ކުށަށް ތައުބާވެ އާދަމް ހަލީމްގެ ވާރުތަވެރިންގެ ކިބައިން މައާފަށް އެެދެން ބޭނުންވާކަމަށް ވެސް އެދުވަހު ސަމާހު ބުނެފައިވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފު މިއަދު ވިދާޅުވީ ފުލުހުންގެ ހައްޔަރުގައި ތިބޭ އެހެން މީހުންނެކޭ އެއްފަދައިން ސާމާހާ މެދު ވެސް އަމަލު ކޮށްފައި ވާނީ ފުލުހުންގެ ގާނޫނާއި ފުލުހުންގެ ތެރޭގައި ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ.