މިދިޔަ މަހު ކުރީ ކޮޅު އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލި، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝިމް އަލީގެ މަރާގުޅޭ ގޮތުން ފުލުހުން މިއަދު ހަވީރު ބާއްވަން ޝެޑިއުލް ކުރި ޕްރެސް ކޮންފަރެންސް، "ތަހުގީގު ކުރިއަށްދާތީ" ކަމަށް ބުނެ ފަސްކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ސަބް އިންސްޕެކްޓަރު ހަސަން ހަނީފް މިއަދު ވިދާޅުވީ "ތަހުގީގު ކުރިއަށްދާތީ އެ މައްސަލައިގެ ބައެއް ކަންކަން އަދި ވެސް ބަލާތީ އެހެން ދުވަހަކަށް ފަސްކުރީ،" ކަމަށެވެ.

ޑރ. އަފްރާޝިމް އަވަހާރަކޮށްލުމާ ގުޅިގެން އިތުރު މައުލޫމާތެއް ހަނީފް ވިދާޅެއްނުވެ އެވެ.

ފުލުހުން އެންމެ ފަހުން ބޭއްވި ޕްރެސް ކޮންފަރެންސުގައި ވެސް ބުނެފައި ވަނީ ޑރ. އަފްރާސީމް އަލީ އަވަހާރަކޮށްލާފައި ވަނީ ދުރާލައި ރާވައިގެން ކަމަށާއި އެއީ ވަރަށް ތަފާތު ބޮޑު ގޮތަކަށް ހިންގާފައިވާ އަމަލެއް ކަމަށެވެ.

އަފްރާޝިމް އަވަހާރަކޮށްލި މައްސަލަ ތަހުގީގު ކުރުމަށް 80 ވަރަކަށް ފުލުހުން މަސައްކަތް ކުރާ އިރު، އެ މައްސަލާއާ ގުޅިގެން އެއްކޮށްފައިވާ ފޮރެންސިކް ހެކިތައް ބެލުމުގައި އެފްބީއައި އާއި ސިންގަޕޫރު ފުލުހުންނާއި އެމެރިކާ ފުލުހުންގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުގެ ރޭ ދަންވަރު ޑރ. އަފްރާޝިމް އަވަހާރަކޮށްލާފައި އޮއްވައި ފެނިފައި ވަނީ އެމަނިކުފާނު ދިރިއުޅުއްވާ ހ. ފުންވިލުގޭގެ ދޮރުމަތިންނެވެ.

އަފްރާޝީމް އަވަހާރަކޮށްލި މައްސަލަ ޝަރީއަތަށް ސާބިތުކޮށް ދެވޭ ވަރުގެ ހެކި ހުށަހަޅާ މީހަކަށް 500،000ރ. ދޭނެ ކަން ފުލުހުން ވަނީ އިއުލާންކޮށްފަ އެވެ. އަދި އެ މީހެއްގެ މައުލޫމާތު ސިއްރުކޮށްދޭނެ ކަމަށް ފުލުހުން ބުނެ އެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލުމާ ގުޅޭ ގޮތުން ފުލުހުން އެެންމެ ފަހުން ޕްރެސްކޮންފަރެއްސެއްބ ބާއްވާފައި ވަނީ މީގެ ތިން ހަފުތާ ކުރިންނެވެ.