ރާއްޖޭގެ މީޑިއާގެ ދާއިރާގައި މަސައްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން އިންވެސްޓިގޭޓިވް ޖާނަލިޒަމް ވޯކްޝޮޕް ކޯހެއް މިއަދު ފައްޓައިފި އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލާއި ނޭޝަނަލް ޔުނިވަސިޓީގެ ފެކަލްޓީ އޮފް އާޓްސްއާ ގުޅިގެން ޖުމްލަ 20 ބައިވެރިންނާ އެކު އެ ޔުނިވަސިޓީގެ މަލްޓި މީޑިއާ ރޫމްގައި މިއަދުން ފެށިގެން 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަން ހަމަޖައްސާފައިވާ އެ ވޯކްޝޮޕްގައި ކިޔަވައި ދެނީ އޮސްޓްރޭލިޔާގެ ކްއީންސް ލޭންޑުގެ ދެ އަންހެން ޕްރޮފެސަރުން ކަމަށްވާ ރޮންޑާ ބްރައިޓާ އާއި ސްކައި ޑޯޓީ އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މީޑިއާ ޑިވެލޮޕްމެންޓް ކޮމެޓީގެ މުގައްރިރު އަބްދުﷲ ޝިނާނު ސަން އޮންލައިނަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ ވޯކްޝޮޕްގައި އިންވެސްޓިގޭޓިވް ޖާނަލިޒަމްގެ އިތުރުން މީޑިއާ އެތިކްސް އާއި ވެލިއުސް އޮފް ޖާނަލިޒަމަކީ ކޮބައިކަން ބައިވެރިންނަށް ދަސްކޮށްދޭނެ ކަމަށެވެ. ޝިނާން ވިދާޅުވީ ކޯހުގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތުހަމަވި އިރު ވަރަށް ގިނަ ބައެއްގެ ތަރުހީބު ވޯކްޝޮޕަށް ލިބުނު ކަމަށެވެ.

"މައިގަނޑު ގޮތެއްގައި ވޯކްޝޮޕްގައި ފޯކަސް ކުރާ އެއް އޭރިޔާއަކީ އިންވެސްޓިގޭޓިވް ޖަރނަލިޒަމް. އެތިކް އެންޑް ވެލިއުސް އޮފް ޖާނަލިޒަމް. މި އޭރިއާތައް ކަވާ ކުރާނެ. އަދި ކޯހުގެ ބައިވެރިންނަށް ހަނދާނީ ލިޔުން ވެސް ދޭނެ،" ޝިނާން ވިދާޅުވި އެވެ.

ޝިނާން ވިދާޅުވީ ފެކަލްޓީ އޮފް އާޓްސްގައި ހިންގާ ޖާނަލިޒަމްގެ ޑިގްރީ ކޯހާއި ޑިޕްލޮމާ ކޯހަށް ވެސް އޮސްޓްރޭލިއާގެ އެ ޕްރޮފެސަރުން ކޮންސަލްޓެންސީ ދޭނެ ކަމަށާއި އަދި ރައްޔިތުންގެ މަޖިލީހުގައި ވެސް މީޑިއާ ސެލްފް ރެގިއުލޭޓްރީ ސިސްޓަމްގެ މުހިއްމު ކަމާ ބެހޭ ގޮތުން މެމްބަރުން މައުލޫމާތު ދެއްވަން ހަމަޖެހިފައިވާ ކަމަށެވެ.