އޯލެވެލްގެ ގަދަ 10 އަކަށް ހޮވޭ ދަރިވަރުންނަށް ދިނުމަށް ގުޅީފަޅު އިންޑަސްޓްރިއަލް ޒޯން އިން ގަތް ލެޕްޓޮޕްތަކެއް ގެއްލިފައިވާ ކަމަށް ބުނާ މައްސަލަ ހުށަހެޅި ނަމަވެސް އެ ލެޕްޓޮޕްތައް ހައްގުވެރި ފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބުނެފި އެވެ.

އިނާމަށް ދޭން ގަތް ލެޕްޓޮޕްތައް ގެއްލިފައި ވަނީ އެ ކުންފުނީގެ ކޮމްޕެނީ ސެކްރެޓަރީ އަދި ތިލަފުށީ ކޯޕަރޭޝަން (ޓީސީއެލް)ގެ މެނޭޖިން ޑިރެކްޓަރެއްގެ ގޮތުގައި ހުންނެވި އަދި މިހާރުގެ ފިނޭންސްގެ ނައިބުގެ މަގާމުގައި ހުންނެވި މުހަންމަދު ލަތީފުގެ އިހުމާލުން ކަމަށް ބުނެ އެ މައްސަލަ އޭސީސީ އަށް ހުށަހެޅީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު "ސަން އޮންލައިން"އަށް ވިދާޅުވީ އެ ލެޕްޓޮޕްތައް ގެއްލުނު ކަމަށް ބުނާ މައްސަލަ ބެލި އިރު އެ ލެޕްޓޮޕްތައް ރައްދުވާން ޖެހޭ ފަރާތްތަކަށް އެ ލެޕްޓޮޕްތައް ރައްދުވެފައިވާ ކަމަށް އެ ފަރާތްތަކުން ކޮމިޝަނަށް ބަޔާން ދީފައިވާ ކަމަށެވެ. އެހެން ކަމުން އެ ލެޕްޓޮޕްތައް އޭގެ ހައްގުވެރިންނަށް ރައްދުވެފައިވާތީ ލަތީފުގެ މައްޗަށް އެ މައްސަލައިގައި ކުރެވުނު ތުހުމަތުތަކުގައި ތެދެއްނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އޭގެ ރިޕޯޓެއް ވެސް އަޅުގަނޑުމެން ހާމަކުރާނަން. އެ މައްސަލަ ބެލި އިރު އެ ލެޕްޓޮޕްތައް ރައްދުވެފައިވާ ކަމަށް އެ ކުދިން ވެސް ބުނެފައިވޭ. އެހެންވީމާ އެ ލެޕްޓޮޕްތައް ގެއްލުނުކަމަށް ހުށަހެޅުނު ޝަކުވާގައި އަސްލެއްނެތް،" ލުތުފީ ވިދާޅުވި އެވެ.

އޭސީސީ އަށް ހުށަހަޅާފައިވާ އެ މައްސަލައިގައި ބުނެފައި ވަނީ 2011 ވަނަ އަހަރު އޯލެވެލްގެ ގަދަ ދިހަޔަކަށް ހޮވުނު ކުދިންނަށް ދިނުމަށް ގުޅީފަޅުގެ ބަޖެޓުން މެކްބުކްޕްރޯ ބްރޭންޑުގެ، 10 ލެޕްޓޮޕް ގަނެފައިވާ ކަމަށާއި ނަމަވެސް އޭގެ ތެރެއިން ބައެއް ލެޕްޓޮޕްތައް އެ ކުދިންނާ ހަވާލުކޮށްފައި ނުވާ ކަމަށެވެ.