މަޖިލިސް މެންބަރުންނަށް ލިބިވަޑައިގަންނަވާ މުސާރައިގެ އިތުރުން ދެމުން ގެންދާ ކޮމެޓީ އެލަވަންސް، ދިނުން ހުއްޓާލުމުގެ ގަރާރު އަނެއްކާވެސް މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފި އެވެ.

ކޮމެޓީ އެލަވަންސް ދިނުން ހުއްޓާލުމަށް ދެ ފަހަރެއްގެ މަތިން މަޖިލީހަށް ހުށަހަޅާފައިވެ އެވެ. ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ހުށަހެޅުއްވި ގަރާރު މަޖިލީހުން މިއަދު ބޭރުކޮށްލީ ވޯޓްގައި ބައިވެރިވި 68 މެންބަރުންގެ ތެރެއިން 33 މެންބަރުން ވޯޓް ދެއްވައިގެންނެވެ. އަދި އެ ގަރާރު މަޖިލީހަށް ބަލައިގަންނަން ފެންނަ ކަމަށް ވޯޓް ދެއްވީ 23 މެންބަރުންނެވެ. ވަކިކޮޅަކަށް ވޯޓް ނުދެއްވާ 12 މެންބަރުން ތިއްބެވި އެވެ.

ކޮމެޓީ އެލަވަންސްގެ މައްސަލާގައި މަހުލޫފު ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި މަހުލޫފަށް ގިނަ މެންބަރުން ފާޑު ކިޔުންތަކެއް އަމާޒު ކުރި އެވެ. އެގޮތުން ކޮމެޓީ އެލަވަންސު ކަޑާލުމަށް ހުށަހެޅުއްވި އިރު، މަހުލޫފު ވެސް ކޮމެޓީ އެލަވަންސް ނަންގަވަމުން ގެންދަވާ ކަމަށް މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވި އެވެ. ކޮމެޓީ އެލަވަންސް ކަޑާލުމަށް އެންމެ ފުރަތަމަ މަޖިލީހަށް ގަރާރު ހުށަހެޅުއްވީ މާރިޔާ އެވެ. ނަމަވެސް ފަހުން އެ ގަރާރު އޭނާ އަބުރާ ގެންދެވި އެވެ.

މަހުލޫފު ވިދާޅުވީ މިއަދުން ފެށިގެން ކޮމިޓީ އެލަވަންސް ނަންގަވަން ބޭނުންފުޅު ނުވާ ކަމަށާއި އެކަން ރައްޔިތުންގެ މަޖިލީހަށް ސީޓީއަކުން އަންގާނެ ކަމަށެވެ. މަހުލޫފަށް ލިބިވަޑައިގަންނަވާ ކޮމެޓީ އެލަވަންސްގެ ފައިސާ އޭނާ ގެންދަވަނީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ތިން ޖަމިއްޔާއަކަށް ހަދިޔާ ކުރެއްވުމަށް ނިންމާފަ އެވެ. ނަމަވެސް ހައްގު ނޫން އެއްޗެއް އެހެން ބަޔަކަށް ދިނުމަކީ ރަނގަޅު ގޮތެއް ނޫން ކަން އެގިވަޑައިގެންނެވުމުން ކޮމެޓީ އެލަވަންސް ނެންގެވުމުން ހުއްޓާލާނެ ކަމަށް މަހުލޫފު މިއަދު ވަނީ މަޖިލީހުގެ ތަޅުމުގައި ވިދާޅުވެފަ އެވެ.