12 Nov 2012, 13:36
މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ގެސްޓް ހައުސްތަކުގައި ދިވެހިންނަށް ރާ ނުލިބޭނެ ގޮތަކަށް، ރަލުގެ ވިޔަފާރި ކުރުމަށް ހަމަޖެއްސުމުގެ ވާހަކައަކީ ދައްކަން ޖެހޭ ވާހަކައެއް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
ރަލާއި އޫރުމަސް ރާއްޖެ އެތެރެ ކުރުން މަނާ ކުރުމަށް ހުށަހަޅާފައިވާ ބިލުގެ ބަހުސްގައި މާރިޔާ ދެއްކެވި ވާހަކަފުޅުގައި ރަލުގެ ވިޔަފާރިއާ ގުޅޭ ގޮތުން އެކި ސުވާލުތައް އޭނާ އުފެއްދެވި އެވެ. އޭނާ ވިދާޅުވީ ރަލުގެ ވިޔަފާރިއަކީ ހަމައެކަނި ބޮޑެތި ވިޔަފާރިވެެރިން ކަމުގައިވާ ގާސިމް އިބްރާހިމާއި ޗަންޕާ ހުސައިން އަފީފު ކުރާ ވިޔަފާރިއެއްގެ ގޮތުގައި ބޭއްވުމަކީ އެންމެ ރަނގަޅު ގޮތްތޯ ސުވާލު އުފެދޭ ކަމަށެވެ.
ރަލުގެ އާމްދަނީ ހަމައެކަނި ބޮޑެތި ވިޔަފާރިވެރިންނަށް ލިބުމުގެ ބަދަލުގައި ރިސޯޓްތަކުގައި ރާ ވިއްކާ އުސޫލުން ދިވެހިންނަށް ރާ ނުލިބޭނެ ގޮތަށް މީހުން ދިރިއުޅޭ ރަށްތަކުގައި ހުންނަ ގެސްޓް ހައުސްތަކުގައި ރަލުގެ ވިޔަފާރިކުރުމަކީ އެއީ ކުރަން ޖެހޭ ކަމެއްތޯ މާރިޔާ ސުވާލު އުފެއްދެވި އެވެ.
"އަޅުގަނޑުމެން މެނިފެސްޓޯ ތައްޔާރު ކުރަން ރަށްތަކަށް ދާއިރު ވެސް ގެސްޓު ހައުސް ހަދާ ވާހަކަ ދައްކާއިރު، ގެސްޓު ހައުސްތަކުން އެ އޮންނަ އުސޫލަކުން ދިވެހިންނަށް ނުލިބޭނެ ގޮތަށް، ރިސޯޓްތަކުގައި ވެސް ރާ ގެންގުޅޭ އުސޫލުން އެ ތަންތަނަށް ރާ ލިބޭނެ ގޮތް ހަދައިދިނުންތޯ މިއީ ހަމަ އަޅުގަނޑުމެން ދައްކާލަން ޖެހޭ ވާހަކައެއް،" އެމްޑީޕީގެ ޗެއާޕާސަންކަން ކުރައްވައި، އެ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ ރާއްޖޭގައި ރަލާއި އޫރުމަސް އެތެރެކޮށް އޭގެ ވިޔަފާރި ކުރުމުގެ ހުއްދައާ ގުޅޭ ގޮތުން އިސްލާމް ދީނުގެ އިލްމުވެރިންގެ ބަސް ހޯދަންޖެހޭ ކަމަށެވެ. އެގޮތުން ރާއްޖޭގައި އޭގެ ވިޔަފާރި ކުރެވިދާނެތޯ ނުވަތަ އޭގެ ވިޔަފާރީގެ ފައިދާއިން ބޭނުން ކުރެވިދާނެތޯ އެއީ ބަލަންޖެހޭ ކަމެއް ކަމަށެވެ. އަދި ރަލާއި އޫރުމަސް އެތެރެ ކުރުން ހުއްޓުވުމަށް ހުށަހަޅާފައިވާ ބިލް މަޖިލީހުން ބަލައިގަނެ ކޮމެޓީއަށް ފޮނުވައި ދީނީ އިލްމުވެރިންގެ ރައުޔު އެކަމުގައި ހޯދުމަށް މާރީ ގޮވާލެއްވި އެވެ.
ރަލާއި އޫރުމަސް ރާއްޖެ އެތެރެކޮށް އޭގެ ވިޔަފާރި ކުރުން ހުއްޓުވުމުގެ ބިލެއް މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނާޒިމް ރަޝާދެވެ. އޭނާ ބިލް ހުށަހަޅުއްވާފައި ވަނީ ދިވެހިރާއްޖެއަށް އެތެރެ ކުރުން މަނާ ތަކެތީގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވުމަށެވެ. އެ އިސްލާހު ހުށަހެޅުއްވީ އިސްލާމް ދީނުގެ އަސްލަކާ ހިލާފު ގާނޫނެއް ނުހެދޭނެ ކަމަށް ގާނޫނު އަސާސީގެ 10 ވަނަ މާއްދާގެ (ށ)ގައި ބުނެފައި ވަނިކޮށް، ބަނގުރަލާއި އޫރުމަހާއި އޫރުމަހުން އުފައްދާ ތަކެތި ރާއްޖެ އެތެރެ ކުރުމާއި އޭގެ ވިޔަފާރި ކުރުމަކީ ގާނޫނު އަސާސީއާ ހިލާފުކަމެއް ކަމަށް ބުނެފައި ވާތީ އެވެ.