12 Nov 2012, 13:13
ސަރުކާރުގެ ހަތަރު ކުންފުންޏަކުން ބޮޑެތި މައްސަލަތަކެއް ފެންމަތިވަމުން އަންނާތީ އެ ކުންފުނިތަކުގައި ހުރި މައްސަލަތަކާ ގުޅޭ ތަހުގީގެއް ކުރުމަށް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމައިފި އެވެ.
އެ ކޮމެޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި މެންބަރުން ނިންމާފައި ވަނީ މާލިއްޔަތު ކޮމެޓީގެ ސަބް ކޮމެޓީއަކުން ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް) އާއި ފެނަކަ ކޯޕަރޭޝަނާއި މޯލްޑިވްސް ޕޯޓްސް (އެމްޕީއެލް) އަދި އެސްޓީއޯގެ މައްސަލަތައް ބަލައި ތަހުގީގު ކުރުމަށް ފަހު ރިޕޯޓެއް އެކުލަވާލުމަށެވެ.
އެ ހަތަރު ކުންފުނީގެ މައްސަލަތައް ބެލުމަށް މިއަދު ހޮވި ސަބް ކޮމެޓީގައި ތިއްބަވަނީ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީނާއި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދާއި އަލިފުށީ ދާއިރާގެ މެންބަރު އަދި ކޮމެޓީގެ ނައިބު މުގައްރިރު މުހަންމަދު ނާޝިޒު އަދި ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ އެވެ.
އެ ކޮމެޓީގައި ވެސް ހިމެނިވަޑައިގަންނަވާ ޔާމީން އެސްޓީއޯ އާ ބެހޭ ގޮތުން މިއަދު ހުށަހަޅައި އެ ކޮމެޓީން ބަލަން ނިންމީ އެސްޓީއޯ އިން ވިއްކާ ތެލަށް ކޮންމެ ފީފާއަކަށް 30 ޑޮލަރުގެ މަގުން ފައިދާ ލައިގެން ތެޔޮ ވިއްކާ މައްސަލަ އެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ މައްސަލަ ފެންމަތިކުރެއްވީ ނާޝިޒް އެވެ. އޭނާ ހުށަހެޅުއްވި މައްސަލައަކީ ފެނަކަ ކޯޕަރޭޝަންގެ ބައެއް ޕްރޮޖެކްޓްތައް ކޮރަޕްޝަނަށް މަގުފަހިވާ ގޮތައް ގޮސްފައިވާތީ އެކަންތައް ބެލުމަށެވެ. އަދި އެމްޕީއެލް އާއި ޓީސީއެލްގައި ހިނގާފައިވާ ކަމަށް ބުނާ ނަހަމަ ކަންތައްތައްވެސް އެ ކޮމެޓީން ބަލަން ވަނީ ނިންމައިފަ އެވެ.
ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި ކުންފުނިތަކުން އޭސީސީ އަށް އެއްބާރުލުން ނުދޭ މައްސަލަ މެންބަރުން ވަނީ މިއަދުގެ ކޮމެޓީގައި ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން އެ ކޮމިޝަންގެ މުވައްޒަފުންނަށް ލިޔެކިއުންތައް ފޯރުކޮށް ނުދިނުމާއި އެފަދަ ކަންތައްތައް ބައެއް ކުންފުނިތަކުން ހިންގާ މައްސަލަ ބައެއް މެންބަރުން ފާހާގަ ކުރެއްވި އެވެ.
އެ ހަތަރު ކުންފުނީގެ މައްސަލަތައް މާލިއްޔަތު ކޮމެޓީން ވެސް ބަލާއިރު ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައި ވަނިކޮށް ޓީސީއެލްގެ މެނޭޖިން ޑިރެކްޓަރު ވެސް ވަނީ މިދިޔަ ހަފްތާތެރޭ މަގާމުން ދުރުކޮށްފަ އެވެ. އަދި އެމްޕީއެލް އަށް ގިނަ މުވައްޒަފުންތަކެއް ވެއްދި މައްސަލަވެސް އޭސީސީން އަންނަނީ ބަލަމުންނެވެ. އަދި އެސްޓީއޯގެ ބޮޑު ހިއްސާއެއް އޮންނަ ގަން ޑިވަލޮޕްކުރާ ކުންފުނީގެ 30 ޕަސެންޓް ހިއްސާ ކާސާއަށް ވިއްކި މައްސަލަވެސް އޭސީސީން އަންނަނީ ބަލަމުންނެވެ.