އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގަމުން އަންނަ އިންޑިއާގެ ޖީއެމްއާރު ގްރޫޕް އަތުން އެ އާޕޯޓް އަތުލުމަށް ގޮވާލައި ކުރި މުޒާހަރާއެއްގައި، ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ އައްބާސް އާދިލު ރިޒާ އިންޑިއާގެ ހައިކޮމިޝަނަރު ޑީއެމް މުލޭ އަށް ފާޑުވިދާޅުވުމުން މުލޭ އެކަމަށް ރައްދު ދެއްވައިފި އެވެ.

އިންޑިއާ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި މުލޭ ވިދާޅުވި ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނީ އައްބާސްގެ ވާހަކަފުޅަކީ ޑިޕްލޮމެޓިކް ޕްރޮޓޮކޯލްއާ ހިލާފު ކަމެއް ކަމަށެވެ. އަދި ދެ ގައުމުގެ މަސްލަހަތު އޮތް ބޮޑެތި ކަންތައްތައް ސްޓޭޖްމަތިން ނުނިންމޭނެ ކަމަށާއި ޖީއެމްއާރު މައްސަލައިގާ ދެ ސަރުކާރުން ވާހަކަ ދައްކަމުންދާ ކަމަށާއި ވާހަކަތައް ނާކާމިޔާބު ވެއްޖެ ނަމަ ކޯޓަށް ގޮސްގެން ނުވަތަ އެނޫންވެސް ގޮތެއް ބޭނުންކޮށްގެން އެ މައްސަލަ ހައްލުކުރެވިދާނެ ކަމަށް ވެސް މުލޭ ވިދާޅުވި ކަމަށެވެ.

"ގައުމުގެ މަސްލަހަތު އޮތް ބޮޑެތި ކަންތައްތައް ސްޓޭޖްމަތިން ނުނިންމޭނެ. ޖީއެމްއާރު މައްސަލައިގާ ދެ ފަރާތުން އަންނަނީ ވާހަކަ ދައްކަމުން، ވާހަކަތައް ނާކާމިޔާބު ވެއްޖެ ނަމަ ކޯޓަށް ގޮސްގެން ނުވަތަ އެނޫން ވެސް ގޮތެއް ބޭނުންކޮށްގެން އެ މައްސަލަ ހައްލުކުރެވިދާނެ،" މުލޭ ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.

ބަޔާނުގައި މުލޭ ވިދާޅުވި ކަމަށް ނޫހުގައި އަދި ވަނީ ޖީއެމްއާރު ވެސް ހިމެނޭ ގޮތުން އިންޑިއާގެ އިންވެސްޓްމެންޓްތައް ހިމާޔަތްކުރާނެ ކަމަށް ރައީސް ވަހީދު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު އަރިހުގައި ވިދާޅުވި ކަމަށެވެ.

"ރައީސް ( ވަހީދު) ވެރިކަމަށް ވަޑައިގެންނެވިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ޖީއެމްއާރު ވެސް ހިމެނޭ ގޮތުން އިންޑިއާގެ އިންވެސްޓްމެންޓްތައް ހިމާޔަތްކޮށްދެއްވާނެ ކަމުގެ ޔަގީންކަން އިންޑިއާގެ ބޮޑުވަޒީރަށް ދެއްވާފައިވާ ކަން ވެސް ފާހަގަކުރެވެއެވެ،" އިންޑިއާ ހައިކޮމިޝަނުގެ ބަޔާނުގައިވާ ކަމަށް އިންޑިއާގެ ނޫހެއް ކަަމަށްވާ އިންޑިއާ ޓްޑޭގައިވެ އެވެ.

ބަޔާނުގައި އަދި ބުނެފައި ވަނީ "އިންޑިއާ އިން އެގައުމުގެ މަސްލަހަތުތައް ހިމާޔަތްކުރާނެކަން ދިވެހި ސަރުކާރަށް އަންގާފައިވާނެ ކަމަށާއި އެކަންތައްތަކުގެ ތެރޭގައި އިންވެސްޓްމެންޓްތަކާ ގުޅުން ހުރި ކަންތައްތައް ވެސް ހިމެނޭނެ ކަމަށް ބުނެފައިވާނެ" ކަމަށެވެ.

އިންޑިއާ ހައިކޮމިޝަނުން ނެރުނު ބަޔާނަކާ ހަވާލާދީ ކަމަށް ބުނެ އިންޑިއާގެ ނޫސްތަކުގައި މިވާހަކަތައް ލިޔެފައިވީ ނަމަވެސް އެބަޔާން ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުގެ ވެބްސައިޓުން ފެންނާކަށް ނެތެވެ. އަދި އެހެން ގޮތަކުން ވެސް ރާއްޖޭގައި އެބަޔާން އާއްމު ކުރިކަން އެނގިފައެއް ނުވެ އެވެ.

ހުކުރު ދުވަހު އޮތް މުޒާހަރާގައި ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވެފައި ވަނީ "މުލޭއަކީ ޚާއިނެއް ކަމަށާއި އޭނާއަކީ ދިވެހިރާއްޖެ އާއި ދިވެހި ރައްޔިތުންގެ ދުޝްމަނެއް" ކަމަށެވެ.

އައްބާސް ދެއްކެވި ވާހަކަފުޅު ކުށްވެރިކޮށް އިންޑިއާ ހައިކޮމިޝަނުން ޝަކުވާ ކުރުމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އައްބާސް ދެއްކެވި ވާހަކަފުޅުން ދިވެހިސަރުކާރު ބަރީއަވެގެންވާ ކަމަށެވެ. އަދި އެވާހަފުޅުތަކުގައި އެވަނީ ދިވެހިސަރުކާރުން ދެކޭ ގޮތް ނޫން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އައްބާސް ދެއްކެވި ވާހަކަފުޅު އޭނާ ނިސްބަތްވެވަޑައިގަންނަވާ ޖުމްހޫރީޕާޓީ އާއި ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތަކުން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ.